ފަސޭހަކަން ލިބެން އޮތީ އުނދަގޫ ކަންކަމުގެ ތެރެއިންކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ވަޒީރު ރާފިއު މިހެން ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ނިމުނު ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނާއި ގުޅޭގޮތުން ޕީއެންސީގެ މައި ޖަގަހައިގައި މި މަހުގެ 9 ވަނަ ދުވަހު އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީގެ ފަރާތުން ކެމްޕޭން މެނޭޖަރެއްގެ ދައުރު އަދާކުރުމުގެ މަސްއޫލިއްޔަތާއި ހަވާލުވުމުން، ތިއީ ވަރަށް ގިނަ ބަޔަކު ވަރަށް އުނދަގޫ އަދި ބުރަ ކަމެއްކަމަށް ބުނިކަން ފާހަގަކުރައްވާ ރާފިއު ވިދާޅުވީ، ފަސޭހަކަން ލިބެން އޮތީ އުނދަގޫ ކަންކަމުގެ ތެރެއިން ކަމަށެވެ.
އެގޮތުން ނިމިގެންދިޔަ ބައި އިލެކްޝައިގައި ޕީއެންސީގެ ފަރާތުން ކުރެވުނު ބުރަ މަސައްކަތުން ހާމަވެގެން ދިޔައީ ޕާޓީގެ ތެރޭގައި އޮތް އެއްބާރުލުމާއި އަހުވަންތަކަމާއި ގުޅުން ބޮޑުކަން ކަމުގައި އޭނާ ވިދާޅުވިއެވެ. ރާފިއު ވިދާޅުވީ، ހިތަދޫގައި ބެހެއްޓުނު ވޯޓު ފޮށިތަކުން އެކަން ހާމަވެގެން ދިޔަ ކަމަށެވެ.
ބައި އިލެކްޝައިގައި ޕީއެންސީއަށް ކާމިޔާބީ ނުލިބުނު ކަމުގައިވީ ނަމަވެސް ޕާޓިގެ ތެރެއިން ކުރެވުނީ ކާމިޔާބު މަސައްކަތްތަކެއް ކަމަށް ރާފިޢު ވިދާޅުވިއެވެ. އަދި ކުރެވުނު ބުރަ މަސައްކަތްތަކަކީ މުސްތަގުބަލުގައި ޕާޓީ އުޖާލާކުރުމަށް ޓަކައި ހުޅުވެގެންދިޔަ އަލިމަގެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި ކުރިއަށް ދާން އޮތް ރާސްތާ ވަރަށް ސާފުކޮށް އެނގިގެން ހިނގައްޖެކަމަށް އޭނާ ވިދާޅުވިއެވެ.
”ބައި އިލެކްޝައިގައި ޕީއެންސީއަށް ކާމިޔާބީ ނުލިބުނަސް ޕާޓިގެ ތެރެއިން ކުރެވުނީ ކާމިޔާބު މަސައްކަތްތަކެއް، މިއީ މުސްތަޤުބަލުގައި ޕާޓީ އުޖާލާކުރުމަށް ޓަކައި ހުޅުވެގެންދިޔަ އަލިމަގެއް، އަދި ކުރިއަށް ދާން އޮތް ރާސްތާ ވަރަށް ސާފުވެއްޖެ، އަޅުގަނޑުމެން މިތިބީ ކާމިޔާބީއާއި މާދުރުގައި ނޫންކަން އަޅުގަނޑުމެނަށް ހާމަވެއްޖެ،“ ވަޒީރު ރާފިއު
ރާފިއުގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ، ނިމިގެންދިޔަ ބައި އިލެކްޝަނުން އެނގިގެން ދިޔައި ޕާޓީން އިތުރު މަސައްކަތްތަކެއް ކުރިވިއްޖެނަމަ އެއަށް ވުރެ ވެސް ބޮޑެތި ކާމިޔާބީތަކެއް ލިބޭނެކަން ކަމަށެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީގެ ފަރާތުން ކެމްޕޭން މެނޭޖަރެއްގެ ދައުރު އަދާކުރެއްވީ ވަޒީރު ރާފިއުއެވެ. އިންތިޚާބު ޕީއެންސީއަށް ގެއްލުނީ 62 ވޯޓުގެ ތަފާތުންނެވެ. ވަޒީރު ވިދާޅުވީ، ހިތަދޫގައި ބެހެއްޓި ވޯޓުފޮށިތަކުން ކާމިޔާބު ލިބުމަކީ، ޕާޓީގެ ތެރޭގައި އޮތް އެއްބާރުލުމާއި އަހުވަންތަކަން ދައްކުވައިދިން ކަމެއްކަމަށެވެ.
ރާފިއު ވަނީ ކެމްޕޭނުގައި މަސައްކަތްކުރެއްވިއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ލިބިވަޑައިގަތް އެއްބާރުލުން ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރުއަދާކުރައްވައިފައެވެ. އަދި، ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންނާއި ކެމްޕޭން ޓީމުތަކުގެ މަސައްކަތް ފާހަގަކުރައްވައި ރާފިއު ޝުކުރުއަދާކުރެއްވިއެވެ.

