ބޫޓުތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް 22 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ބަންގްލަދޭޝްގެ ދެ މީހަކާއި ދިވެއްސަކު ހައްޔަރުކޮށް، އެމީހުންގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ދެ މީހުންނަކީ އެމްޑީ ޖޯޝިމުއްދީން (43އ) އާއި މަމުން ދަލި (32އ) އެވެ. މީގެ އިތުރުން، މިކަމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ ލ. ކަލައިދޫ، ހިޔާވަހި، އަބްދުﷲ ރިފާއު (27އ) ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން މި މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ މެއި މަހުގެ ހަތަރު ވަނަ ދުވަހު ރާއްޖެއައި ސިންގަޕޫރު އެއާލައިންގެ ފްލައިޓަކުން ގެނައި ޝިޕްމަންޓެއްގެ ތެރެއިންނެވެ. ”ޕްލޮޓް އިލެވެން އިންވެސްޓްމަންޓް“ ގެ ނަމުގައި ގެނައި މި ޝިޕްމަންޓްގެ ތެރޭގައި ހިމެނޭ ހަތަރު ދާގީނާއެއްގައި ހުރި ބޫޓުތަކުގެ ތެރޭގައި ރަބަރު ޕެކެޓްތަކުގައި ބަންދުކޮށްފައި ހުރި 21.042 ކިލޯގެ ކެނަބިސް ބަޑްސް އާއި 918.76 ގްރާމްގެ ކެނަބިސް ފެނިފައިވެއެވެ.
ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ ތަކެއްޗާ ހަވާލުވުމަށް ދިއުމުންނެވެ. ނަމަވެސް ކޯޓުގައި އެ ދެމީހުން ބުނެފައިވަނީ އެއީ އެމީހުންގެ ތަކެތި ނޫން ކަމަށާއި، އެތަނަށް ދިޔައީ ޒިކުރާ މިސްކިތް ކައިރީގައި ތިއްބާ މަސައްކަތެއް ކޮށްލަން ދާން އަބްދުﷲ ރިފާއު ބުނުމުން ކަމަށެވެ. އަދި މިކަމުގައި އިސްކޮށް އުޅުނީ ރިފާއު ކަމަށް އެމީހުން ތުހުމަތުކޮށްފައިވެއެވެ.
މި މައްސަލައިގައި ހިމެނޭ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެމީހުންނާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކަށް ބަލައި، ތިން މީހުންވެސް 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

