ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ބޭއްވުމަށް ހަމަޖައްސައި، އެކަމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާނުކުރައްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވީ، ކޮންގްރެސްގެ އިންތިޒާމުތައް ބެލެހެއްޓުމަށާއި ކަންކަން ވިލަރެސްކުރުމަށް ޓަކައި 13 މެންބަރުންގެ މައްޗަށް އެކުލެވޭ ސްޓިއަރިންގ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. އެ ކޮމިޓީ އެކުލަވާލާފައިވަނީ ޕާޓީގެ ލީޑަޝިޕްގެ މެދުގައި މަޝްވަރާކުރުމަށްފަހު، ޕާޓީގެ އިސް މެމްބަރުންގެ ރުހުމާއެކުގައެވެ.
ކޮންގްރެސްގެ ތައްޔާރީތަކުގެ ތެރެއިން، ޕާޓީގެ އެކި މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ޓަކައި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ރަށްރަށުގެ ރައީސުންނާއި، ނައިބު ރައީސުން، ޒުވާނުންގެ ގޮފީގެ ރައީސުން، އަންހެނުންގެ ގޮފީގެ ރައީސުން އަދި ސްޓިއަރިންގ ކޮމިޓީގެ މެންބަރުން ހިމެނެއެވެ.
މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ޖޫން 15 އިން ފެށިގެން ހުޅުވާލާފައިވާއިރު، ސުންގަޑިއަކީ ޖޫން 30 ވަނަ ދުވަހުގެ ހަވީރު 6:00 އެވެ. ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ޕާޓީން ތައާރަފުކުރާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ޕީއެންސީން ބުނެއެވެ.
އަބްދުއްރަޙީމް ވިދާޅުވި ގޮތުގައި، މި އިންތިހާބުގައި ވާދަކުރެވޭނީ އަދި ވޯޓު ދެވޭނީ ޖޫން 15 އާ ހަމައަށް ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށް އެކަންޏެވެ. ޕާޓީން އާންމުކޮށްފައިވާ ތާވަލުގައިވާ ގޮތުން:
- ޖުލައި 1: ވޯޓުލެވޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުން.
- ޖުލައި 4: ދާއިމީ ލިސްޓު އާންމުކުރުން.
- ޖުލައި 11: އިންތިހާބު ބޭއްވުން.
ރަށްރަށުގެ ރައީސުންގެ މަގާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވީ، ޕީއެންސީގެ ރައްޔިތުންގެ މަޖިލިސް މެންބަރަކު ހުންނަވާ ރަށެއްނަމަ، އެ ރަށެއްގެ ޕާޓީ ރައީސަކީ އެ މެންބަރެއް ކަމަށެވެ. ނަމަވެސް، ހާއްސަ ހާލަތްތަކުގައި މީގެ އިސްތިސްނާއެއް އޮވެދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން، މެންބަރަކަށް އޮތް އިތުބާރު ގެއްލިއްޖެނަމަ ނުވަތަ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭނަމަ، އެހެން މީހަކު އިންތިހާބު ކުރުމުގެ ފުރުސަތު މެންބަރުންނަށް އޮންނާނެއެވެ.
ޕީއެންސީގެ ކޮންގްރެސްއާއި އިންތިހާބާ ގުޅޭ އިތުރު މައުލޫމާތު ޕާޓީގެ ރަސްމީ ވެބްސައިޓުގައި ހާމަކުރަމުންދާނެ ކަމަށްވެސް ޗެއާޕާސަން ވިދާޅުވިއެވެ.

