ހެޔޮ ވެރިކަމަކީ ހަމައެކަނި މުއައްސަސާތަކެއް ގާއިމުކުރުން ނޫން ކަމަށާއި، އެއީ ރައްޔިތުންގެ އަޑުއަހައި، ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީ، މުއައްސަސާތަކަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ތަންތަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަޙީމް މިހެން ވިދާޅުވީ، ޓެންޒޭނިއާގެ އަރޫޝާގައި މިހާރު ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 153 ވަނަ އެސެމްބްލީގައި މިއަދު ތަގުރީރުކުރައްވަމުންނެވެ. އެ އެސެމްބްލީގެ މައުޟޫއަކީ ”އެންމެން ޝާމިލުކުރުމާއި، އިތުބާރާއި، ފުރުސަތުތައް ފަހިކޮށްދީގެން ރަނގަޅު ވެރިކަމެއް ގާއިމުކުރުމާއި މުޖުތަމައުތައް ބާރުވެރިކުރުވުން“ މިއެވެ.
އަބްދުއްރަޙީމްގެ ވާހަކަފުޅުގައި ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށްޓަކައި ރައްޔިތުންނަށް އިސްކަންދޭ ވެރިކަމުގެ ނިޒާމަކާއި، ޖަވާބުދާރީވުމާއި، ހުރިހާ ފަރާތްތަކުގެ ބައިވެރިވުން އަދި ރައްޔިތުންގެ އިތުބާރުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.
ގާނޫނު ހަދާ މަޖިލިސްތަކަކީ މިހާރަށްވުރެ ބޮޑަށް ހުޅުވާލެވިފައިވާ، ޝާމިލު، ރައްޔިތުންގެ އަޑުއަހާ، އަދި ނަތީޖާ ނެރެދޭ ތަންތަނަށް ހެދުމަށާއި، ރައްޔިތުންގެ އިތުބާރު ގާއިމުކުރުމުގައި ދެފުށް ފެންނަ މިންވަރާއި ޖަވާބުދާރީވުން އިތުރުކުރުމަށާއި، މުޖުތަމައުތައް ބާރުވެރިކުރުމުގައި މައުލޫމާތު ލިބިގަތުމުގެ ފުރުސަތުތަކާއި ބައިވެރިވުން އިތުރުކުރުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ. އަދި، ހެޔޮ ވެރިކަން ކުރިއެރުވުމަށާއި، ޑިމޮކްރަސީ ހަރުދަނާކުރުމަށާއި އަދި މުޖުތަމައުތައް ބާރުވެރިކުރުވުމަށްޓަކައި، އައިޕީޔޫ މެދުވެރިކޮށް އެހެން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާ ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްވިއެވެ.
ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ފަސޭހައިން ހިދުމަތްތައް ލިބިގަނެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ”އީފާސް“ ފަދަ ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން ޖިއޮގްރަފީ ގޮތުން ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވި، ސަރުކާރުގެ ހިދުމަތްތައް ރައްޔިތުންނާ ގާތަށް ގެނެސްދެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުރުން، ވެރިކަން ހިންގުމާއި މަޖިލިސްތަކުގެ ނިންމުންތައް ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ އަދި ނަތީޖާ ނެރެވޭ ކަންކަމަށް ވާންޖެހޭނެ ކަމަށް ވިދާޅުވަމުން، ސިޔާސަތުތަކާއި ގާނޫނުތަކުގެ އަގު ވަޒަންކުރެވެންވާނީ ރައްޔިތުންނަށް އެއިން ލިބިދޭ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

