ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ހަފްތާގެ ތެރޭގައި ސްކޭމްގެ 36 މައްސަލަ، ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވޭ

ފޮޓޯ މީސްމީޑިއާ މަންސަ
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގައި ހިނގާފައިވާ ސްކޭމްގެ 36 މައްސަަލައެއް ރިޕޯޓްކޮށްފަވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން އާންމުކޮށްފަވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، ފާއިތުވި ހަތް ދުވަހުގެ ތެރޭގައި ހިންގާފައިވާ އެކި ބާވަތުގެ ސްކޭމްތަކުގައި އާންމުންގެ އަތުން ޖުމްލަ 118,370.05 (އެއްލައްކަ އަށާރަހާސް ތިންސަތޭކަ ހަތްދިހަ) ރުފިޔާ ވަނީ ގެއްލިފައެވެ. މި އަދަދުތަކުން ހާމަވަނީ އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ އަމަލުތަކުން އާންމުންނަށް އޮތް ނުރައްކާ އަދިވެސް ބޮޑުކަމެވެ.

ނަމަވެސް، ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ކުރި މަސައްކަތުން، ގެއްލުނު ފައިސާގެ ތެރެއިން ބޮޑު އަދަދެއް އަނބުރާ ހޯދިފައިވާކަން ފުލުހުން ފާހަގަކުރެއެވެ. އެގޮތުން ޖުމްލަ 164,240.60 (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ދުވިސައްތަ ސާޅީސް) ރުފިޔާ އަނބުރާ ހޯދައި، އަނިޔާ ލިބުނު ފަރާތްތަކާ ވަނީ ހަވާލުކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި މި އަދަދުގެ ތެރޭގައި މިދިޔަ ހަފުތާގެ މައްސަލަތަކުގެ އިތުރުން ކުރިން ހިނގާފައިވާ ސްކޭމް މައްސަލަތަކުގައި ހިމެނޭ ފައިސާވެސް ހިމެނެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އޮންލައިންކޮށް މުދާ ގަތުމާއި އީ-ކޮމާސްއާ ގުޅުންހުރި މަކަރާއި ހީލަތުގެ މައްސަލަތަކެވެ. މިފަދަ މައްސަލަތަކުގައި އާންމުކޮށް ކަން ހިނގަނީ އޮންލައިންކޮށް އިޝްތިހާރުކޮށްފައި ހުންނަ މުދަލަށް ފައިސާ ދެއްކުމަށްފަހު، އެ މުދާ ނުލިބުމެވެ.

މިފަދަ މައްސަލަތައް އިތުރުވަމުންދާތީ، އޮންލައިންކޮށް މުދާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގުމުގައި އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އަނެއްކާވެސް އިލްތިމާސްކޮށްފައެވެ. އެގޮތުން ފައިސާ ދެއްކުމުގެ ކުރިން ވިއްކާ ފަރާތުގެ ސައްހަކަން ކަށަވަރު ކުރުމަށާއި، ކާކުކަން ނޭނގޭ ފަރާތްތަކަށް ފައިސާ ނުފޮނުވުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެއެވެ.

މީގެ އިތުރުން، އިތުބާރު ހުރި ފައިސާ ދައްކާ އޮންލައިން މަންސަތައް ބޭނުންކުރުމަށާއި، ވީވަރަކުން މުދާ ލިބުމުން ފައިސާ ދެއްކޭނެ އިންތިޒާމުތައް އިހްތިޔާރު ކުރުމަށް ފުލުހުން ލަފާދެއެވެ. ވިޔަފާރިކުރާ ފަރާތަކީ އަސްލު ފަރާތެއްކަން ކަށަވަރުކުރުމަކީ ސްކޭމްތަކުން ސަލާމަތްވުމަށް އެންމެ ފައިދާހުރި އެއް ގޮތް ކަމަށްވެސް ފުލުހުން ފާހަގަކުރެއެވެ.

ފަހަކަށް އައިސް ސޯޝަލް މީޑިއާ އާއި އޮންލައިން މާކެޓްޕްލޭސްތައް މެދުވެރިކޮށް ހިންގާ ސްކޭމްތައް ވަނީ ރާއްޖޭގައި ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވެފައެވެ. މިކަމަށް އާންމުން ހޭލުންތެރިކުރުވައި، މާލީ ގެއްލުންތަކުން ސަލާމަތްކުރުމަށް ޓަކައި ފުލުހުން އަންނަނީ ކޮންމެ ހަފުތާއަކު މިފަދަ ތަފާސްހިސާބުތައް އާންމުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: