އިސްލާހީ ބަދަލުތައް ހޯދަން އެމްޑީޕީން ކުރާ މަސައްކަތް ތާރީހުން ފެންނާނެ ކަމަށާއި ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުމުގައި ދެމިތިބޭނެކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވަނީ ޕާޓީގެ ލީޑާޝިޕާއި އެންމެހާ އާންމު މެމްބަރުންނަށް އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.
އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ، އިސްލާހީ ސިޔާސީ ބަދަލުތަކާއި ހަގީގީ ޑިމޮކްރަސީ ހޯދައިދިނުމުގައި އެމްޑީޕީން ކުރާ ބުރަ މަސައްކަތް ތާރީހުން ފެންނަން ހުންނާނެ ކަމަށެވެ. އަދި އަޒުމަކީ އަބަދުވެސް ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުމުގައި ދެމިތިބުން ކަމަށް ވެސް ވިދާޅުވިއެވެ.
”ރާއްޖެއަށް އިސްލާހީ ސިޔާސީ ބަދަލުތަކާއި ހަގީގީ ޑިމޮކްރެސީ ހޯދައިދިނުމުގައި މި ޕާޓީ ކުރާ ބުރަ މަސައްކަތް ތާރީހުން ފެންނަން އެބައޮތް. އަޅުގަނޑުމެންގެ އަޒުމަކީ އަބަދުވެސް ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުމުގައި ދެމިތިބުން،“ ރައީސް ސޯލިހު
މިއަދު އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފަށާފައިވަނީ ޗާންދަނީ މަގުގައި ހުންނަ ޕާޓީގެ މައި ހަރުގޭގައި މިއަދު ފަތިހު ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތަކުންނެވެ. އެ ރަސްމިއްޔާތުގައި ހާއްސަ ކޭކެއް ވެސް ވަނީ ފަޅައިފައެވެ.
އެ ރަސްމިއްޔާތަށް ފަހު އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވީ ހަމައެކަނި ކޭކެއް ފަޅައިގެން ޕާޓީގެ އަހަރީ ދުވަސް ފާހަގަކޮށް ނިންމާލަނީ ނޫން ކަމަށާއި އަހަރީ ދުވަހުގެ ހަރަކާތްތައް މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށެވެ. ވަހީދު ވިދާޅުވި ގޮތުގައި އަހަރީ ދުވަސް ފާހަގަކުރަން އެކި ކަންކޮޅުތަކުގައި މިއަދު ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

