ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ކުނި ނުނަގާ، ސާފު ނުކުރާނެ ހާލަތެއް ނާންނާނެ!

ކުނި ނެގުމުގައި މީގެ ކުރިން އަމަލު ކުރަމުން އައި ބައެއް އުސޫލުތަކަށް ވަނީ ބަދަލުތަކެއް ވެސް ގެނެވިފައި - ފޮޓޯ: ވެމްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މުޅި ދުނިޔެއަށް ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް19 ގެ ބިރުވެރިކަން ރާއްޖެއަށްވެސް ފޯރައިފިއެވެ. 17 މީހުން ޕޮޒިޓިވްވެ، 11 މީހުން ރަނގަޅުވެ އެތައް ސަތޭކަ ބަޔަކު ކަރަންޓީނުކޮށްފައެވެ. ސަރުކާރު ބަންދުވެއްޖެއެވެ. ގިނަ އުދުހުންތައް ހުއްޓިއްޖެއެވެ. ހޮޓާ ކެފޭ ރެސްޓޯރަންޓްތައް ބަންދުކޮށްފިއެވެ. މިސްކިތްތަކުގައި ޖަމާއަތް ހެދުން މަނާވެއްޖެއެވެ. ބައެއް ރަށްތައް ބަންދުވެއްޖެއެވެ، ފުރުން މަނާ ވެއްޖެއެވެ.

އެންމެން ގޭގައި މަޑުކުރަން ސަރުކާރުން އަންގައިފިއެވެ. ސެނިޓައިޒާއާއިނުލާ ދިރިނޫޅެވޭވަރަށް ދިވެހިން އެއަށް ބޭނުން ޖެހިއްޖެއެވެ، ތަދު އެއްޗަކަށްވެ، ވަގަށް ނަގާ ބޮޑު މުދަލަކަށް އެ ވެއްޖެއެވެ. ސާފްތާހިރުވާން ވެގެންނެވެ. ކޮރޯނާއިން ސަލާމަތްވުމަށެވެ، ނަޖިހާއި ދުރުވުމަށެވެ. ސާފްތާހިރުކަން ގޮސް ނިމެނީ ކުނި ކޮތަޅާއިހަމައިންނެވެ. މުޅިން ސާފު ތާހިރުމިވަނީ އެކުނި ކޮތަޅު ބޭރުވުމުންނެވެ. މުޅި ރާއްޖެ އެއްކޮށް ސާފްތާހިރުކަމާއިދިމާލަށް ދާއިރު، އެކަން ޖުމްލަކޮށް ފުރިހަމަކޮށްދެނީ ވެމްކޯގެ މަސައްކަތްތެރީންނެވެ. އެންމެން ގޭގައެވެ. ވެމްކޯ މަގުމަތީގައެވެ.

މީހަކު ބޭނުންކޮށްފައި އޮންނަ ޓިޝޫކޮޅެއްގައިވެސް ޖެހިލަން ބޭނުންނުވާ ދަރަޖައަށް އަޅުގަނޑުމެން ރައްކާތެރިވެގެން ތިބިއިރު، ވެމްކޯ މުވައްޒަފުން ގޭގޭގެ ކުންޏާއި، ކްލިނިކްތަކާއި ހޮސްޕިޓަލްގެ ކުނިތައް، އަދި ކެފޭ ރެސްޓޯރަންޓްތަކުގެ ކުނިތައް ނެގުން އެއީ ހަމަ ތަރާދަކުން ބަލައިފިނަމަ ވަރަށް ބޮޑު ގައުމީ ހިދުމަތެކެވެ، އަދި އެހާމެ ބޮޑު ރިސްކެކެވެ، ދިވެހި އެހެން އެތައް ހާސް ރައްޔިތުންގެ ހައްގުގައެވެ.

ވެމްކޯއިން ވަނީ ކޮންމެ ހާލަތަކަށް ވެސް ތައްޔާރުވެފައި/ ފޮޓޯ: ވެމްކޯ

ކޮންމެ ދުވަހަކު މާލެ، ގްރޭޓަރ މާލޭގެ ރަޖިސްޓްރީވެފައިވާ ހުރިހާ ގެޔެއްގެ ކުނި ގަޑިން ގަޑިއަށް ވެމްކޯގެ މުވައްޒަފުން ދަނީ ނަގަމުންނެވެ. ގޭގޭގެ ކުނި ނަގާ މުވައްޒަފުންނަށް ހާއްސަ އަންގިއެއް ކޮންމެ މުވައްޒަފަކަށް ވެމްކޯއިންވަނީ ހަމަޖައްސާފައެވެ. ކޮރޯނާ ވައިރަސްގެ ބިރަށް، ޖެހިލުންވެ ވެމްކޯ ހުއްޓުމަކަށް އަތުވެއްޖެނަމަ އެކަމުގެ ސަބަބުން މެދުވެރިވާނެ ބަލިމަޑުކަމެއް މިވަގުތު އަންދާޒާކޮށްލަންވެސް ނޭނގޭނެއެވެ.

ނަމަވެސް ވެމްކޯގެ މެނޭޖިންގ ޑައިރެކްޓަރ އާދަމް ވިދާޅުވީ، ވެމްކޯގެ 600 މުވައްޒަފުން ތިބީ ކޯވިޑް 19 ގެ ކޮންމެ ހާލަތަކަށްވެސް ތައްޔާރުވެކަމަށެވެ. ދިވެހީންގެ ހިދުމަތުގައެވެ. މިވައިރަސްގެ ނުރައްކަލުގެ އެލާޓް ރާއްޖޭގައި ނެރިފައި އޮތީ ދަށްކޮށޭ ދެންނެވިދާނެއެވެ. ރާއްޖޭގެ ރަށްތައް ބެހިފައި އޮތް ގޮތުންނޭވެސް ދެންނެވިދާއެވެ. ނަމަވެސް އެމްޑީ އެޑަމް ވިދާޅުވީ ރާއްޖެއަށް ހާއްސަކޮށް ގްރޭޓަރ މާލެއަށް އޮރެންޖް އެލާޓް ނުވަތަ ރެޑް އެލާޓް ނެރުނު ނަމަވެސް މިތިން ރަށުގެ ކުނި ވެމްކޯއިން ސާފު ކުރާނެއެވެ. އެފަދަ ކުއްލި ހާލަތެއްގެ ޕްލޭން މިހާރުވެސް ވެމްކޯއިންވަނީ އެކުލަވާލާފައެވެ.

ވެމްކޯގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި، އަދި ވައިރަހާއި ގުޅިގެން މަސައްކަތްތަކަށް ގެނެވުނު ބަދަލުތަކާއި ގުޅޭގޮތުން “ސަންގު” އާއި ވާހަކަ ދައްކަވަމުން އާދަމް މުހައްމަދު ވިދާޅުވީ ކުންފުނިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން ޓާސްކް ފޯސްެއެއް އެކުލަވާލެވުނު ކަމަށެވެ. އަދި އެލާޓަށް އެއްވެސް ބަދަލެއް އައިސްފި ހާލަތެއްގައި ވެސް އަމަލު ކުރާނެ އުސޫލާއި ގުޅޭގޮތުން ޕްލޭންތަކެއް ކަނޑައެޅިފައިވާ ކަމަށެވެ.

މަސައްކަތަށް ނިކުންނަ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަނީ ފިޔަވަޅުތަކެއް އެޅިފައި/ ފޮޓޯ: ވެމްކޯ

“އަޅުގަނޑުމެން އެންމެ ފުރަތަމަ ވެސް މި އައުޓްބްރޭކް އައުމާއި ގުޅިގެން ފުރަތަމަ އެކުލަވާލީ މީގެ އެތެރޭގެ ޓާސްކްފޯސް. އެގޮތުން ޖެނުއަރީ މަހުން ފެށިގެން މި އަންނަނީ އަޅުގަނޑުމެންނަށް އަތުވެދާނެ ހާލަތަކަށް ތައްޔާރުވަމުން. މިގޮތުން މިވަގުތު އެބަ ހަރަކާތްތެރިވޭ ދެތިން ލެވެލްއަކަށް. އެންމެ ފުރަތަމަ އަޅުގަނޑުމެން ކަނޑައަޅާފައި އޮންނާނީ ކުނި، އެ ކެޓަަގަރީގެ ރިސްކުގެ ބާވަތުން މުވައްޒަފުން އެ ކެޓަގަރައިޒްކޮށް އެކަންކަމަށް ދާނެ. ކޮން ކަހަލަ ސަލާމަތީ ހިދުމަތްތަކަކާއި ފިޔަވަޅުތަކަކާއި އެއްކޮށްތޯ އެކަންކަމަށް ދާނީ. ދެވަނަ ކަމަކަށް އަޅުގަނޑުމެން ތައްޔާރުވީ އާއްމު ހާލަތަކަށް ކުންފުނީގެ މުވައްޒަފުން މަސައްކަތަަށް ނިކުންނައިރު އެ ތިބެންޖެހޭ ރައްކާތެރިކަމުގެ ހާލަތު. ތިންވަނަ ކަމަކަށް އެ މުވައްޒަފުން ނިންމާފަ އަޅުގަނޑުމެން އެބަޖެހޭ މިސާލަކަށް ހައިރިސްކު އޭރިއާއަކަށް ދާ މުވައްޒަފެއް ނަމަ އެބޭފުޅުން އެބަޖެހޭ ޑިސްއިންފެކްޓުވާން. ބޭނުންކުރާ ވެހިކަލް އާއި ބޭނުން ކުރާ ޓޫލްސް ވެސް އެބަޖެހޭ ޑިސްއިންފެކްޓު ކުރަން. ދެން ޑިސްއިންފެކްޓު އެއީ އެއްކަންތައް. މުވައްޒަފުން އަނބުރާ ސައިޓައަށް އައުމާއި އެކު އެމީހުން އަތް ދޮވުމާއި އެމީހުންގެ އެ ބަހައްޓަންޖެހޭ ސާފުތާހިރުކަން. ދެން ހުންނާނެ ކަންކަމަށް ސޭފްޓީ ބޭފުޅަކުވެސް.” ވެމްކޯ އެމްޑީ އާދަމް މުހައްހައްމަދު

އާއްމު ގެތަކާއި އޮފީސް ކެފޭ ރެސްޓޯރަންޓްތަކުގައި ހުންނަ އާއްމު ކުންޏަށްފަހު އޮތީ ކްލިނިކްތަކުގެ ކުންޏެވެ. ހުސް ބަލި މީހުންނެވެ، އެއާއި ގުޅުންހުރި ކުންޏެވެ. އެންމެ ފުރަތަމަ މިވަރައިސްގެ ކަރަންޓީން ފެސިލިޓީއަކަށް ސަރުކާރުން ހެދީ ހުޅުމާލެ ފަރުކޮޅުފުއްޓެވެ. ފަރުކޮޅޮފުށީގައި މީހުން ކަރަންޓީންކުރާއިރު، މިއަދާއިހަމައަށް 14 މީހުން ޕޮޒިޓިވްވެފައިވެއެވެ. އެހެންނޭކިޔާފައި، ފަރުކޮޅުފުށީގައި އުފެދޭ ކުންޏާއި އަޅާނުލާ ހުރެވޭކަށްވެސް ނެތެވެ، އާއްމު ސާފު ތާރިހުކަމަށްޓަކައި، އެ ކުނި ސާފުކުރުން ހަމަ އެހާ ބޭނުންތެރިއެވެ.

“އަޅުގަނޑުމެންގެ އޮންނާނެ ފްލޫސް ކްލިނިކްތަކުންނާއި އަދި ހާއްސަކޮށް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ހަމަޖައްސާފައިވާ ފަރުކޮޅު. މިތަންތަނުން ކުނި ނަގަން އޮންނާނީ ހާއްސަ ޓީމެއް އަޅުގަނޑުމެން ތައްޔާރުކޮށްފައި. ހާއްސަ ވެހިކަލްއެއްގަ ތިއްބަވާނީ. ވަކި ހާއްސަ ސަލާމަތީ ޔުނިފޯމެއްގައި އެ ބޭފުޅުން ވަޑައިގަންނަވާނީ ކުނިތައް ނެގުމަށް. އެ ޓީމެއް އާއްމު މަސައްކަތަށެއް ނުނިކުންނާނެ. މަސައްކަތް ނިމުމާއި އެކު އެބޭފުޅުން ޑިސްއިންފެކްޓު ކުރެވިގެން އެ ބޭފުޅުންވެސް ދާނީ ރެސްޓަކަށް. އާއްމު މަސައްކަތްތަކުގައި ބައިވެރިއެއް ނުވާނެ އެހެން ވީމަ ހާއްސަ ޓީމެއް މި އޮންނަނީ އެކަމަށް. ދެން ސަފާރީތަކުން ހުޅުމާލެއަށްމި ބާލާ ކުނިތައް ވެސް ވަކިން ނަގާނީ. ހައިރިސްކު ތަންތަނުން ކުނި ނަގާއިރު ކުނި ނަގާނީ ޓްރިޕަލް ބޭގްކޮށްގެން. ލީކެއް ނުވާނެ ކަމުގެ ޔަގީންކަމާއި އެކުގައި” އާދަމް މުހައްމަދު.

ކުނި ނެގުމުގައި މީގެ ކުރިން އަމަލު ކުރަމުން އައި ބައެއް އުސޫލުތަކަށް ވަނީ ބަދަލުތަކެއް ވެސް ގެނެވިފައި

ވެމްކޯގެ މުވައްޒަފުންގެ ސިއްހީ ސަލާމަތަށްޓަކައި ވެމްކޯއިންވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. މާލެއިން ނުފެނުނުނަމަވެސް، ކްލިނިކްތަކާއި ފަރުކޮޅުފުށީގެ ކުނިތައް ނަގަނީ ވަކި ހެދުމެއްގައިތިބޭ ވެމްކޯގެ މުވައްޒަފުންނެވެ. ކުނި ނަގަންދާ މިދެންނެވި މުވައްޒަފުން ތިބެނީ މުޅި ގައި ފޮރުވޭ ގޮތަށް ހުރި ރައްކާތެރިކަމުގެ ހެދުން ލައިގެންނެވެ. މުވައްޒަފުންގެ ސަލާމަތަށްޓަކައި ކުނި ނަގަން އެދުވަހަކު ދާ ހެދުމަކީ ދެވަނަ ފަހަރަށް އެމުވައްޒަފު ލާ ހެދުމެއް ނޫނެވެ. ކޮންމެ ދުވަހަކު ލަނީ އައު ފޭރާމެކެވެ. މިދެންނެވި ކުންޏާއިމެދު އަމަލުކުރަނީވެސް ހާއްސަ އުސޫލަކުންނެވެ، އާއްމު ގެތަކުން ނަގާ ކުންޏާއި އެއްކޮށް، ތިލަފުއްޓަށް އެ ކުނި ނުގެންދެއެވެ. ފަރުކޮޅުފުށިން ނަގާ ކުނި ނައްތާލަނީ ހުޅުމާލޭގައެވެ.

“އެންޑީއެމްއާއި ވަރަށް ބޮޑަށް ގުޅިގެން ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަކުގެ ކަންތައް ވަރަށް ބޮޑަށް ޝެޑިއުލް ކުރެވި ވަކި ގޮތަކަށް ކުނި މި ނެރެނީ. ވަރަށް އޯގަނައިޒްކޮށް އިރާދަކުރެއްވިއްޔާ މި މަސައްކަތްތައް މި ކުރިޔަށް ގެންދަނީ. މަގުމަތީ ކުނި ނަގާ ބޭފުޅުންގެ ހުންނާނީ ވަކި ޔުނިފޯމެއް. ގެތަކަށް ކަލެކްޝަންސްތަކަށް ދާ ބޭފުޅުން މިވަގުތު ބޭނުންކުރާނީ ކަޅުކުލައިގެ އަތްދިގު ޓީޝާޓްތައް ވެމްކޯ ލޯގޯ ޖަހާފައި ހުންނަ……… ރިސްކްއެއް ނަންގަވަންޖެހޭ އޭރިއާއެއްގައި މަސައްކަތް ކުރާނަމަ މެޑިކަލް ސޫޓެއް ނުވަތަ ގާމެންޓެއް ނޫނިއްޔާ ޕީޕީއެއް ބޭނުން ކުރާނެ.” އާދަމް މުހައްމަދު

ވެމްކޯގައި 600 މުވައްޒަފުން ތިބިއިރު އޭގެތެރެއިން ގިނަ މުވައްޒަފުންނަކީ 55 އަހަރުން މަތީގެ ދޮށީ އުމުރުގެ މީހުންނެވެ. ވެމްކޯގެ މެނޭޖްމަންޓުން މިހާރު ނިންމާފައިވަނީ އެ މުވައްޒަފުންނަށް ލުޔެއް ދިނުމަށެވެ. އެ ބޭފުޅުން ގޭގައި ތިއްބެވި ނަމަވެސް މުސާރަ ލިބޭނެއެވެ. މިއީ ރައްކާތެރިކަމަށް އެޅުނު ފިޔަވަޅުތަކެކެވެ. 

މިއަދު އެންމެންވެސް ސޯޝަލް މީޑިއާގައި ތައުރީފްތައް އެކި ފަރާތްތަކަށް އޮއްސަމުންދާއިރު އަޅުގަނޑު ހިތައް އަރަނީ ކޯވިޑް19 ޓާސްކް ފޯހާއި، ސިއްހީ ހިދުމަތްދޭ ކުޅަދާނަ މެޑިކަލް ޓީމާއި އެއް ސަފެއްގައި ވެމްކޯގެ މުވައްޒަފުންގެ ނަންވެސް ފާހަގަކުރަންޖެހެއެވެ. އަޅުގަނޑުމެން އަމިއްލައަށް ސާފުތާހިރުވެގެން ގޭގައި ތިބޭއިރު ހައި ރިސްކުގައި ކުނިތައް ނަގާ، ރައްކާތެރިކަމާއެކު އެނައްތާލާ ވެމްކޯގެ މުވައްޒަފުންނަކީވެސް ހަގީގީ ހީރޯއިންނެވެ. ސާބަހާއި ޝުކުރު ހައްގެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: