ޖޫން 23، 2024 ވަނަ ދުވަހުގެ ރޭ 22:00 ހާއިރު، މއ. ބަގުފަޑިއްގެ އުތުރުބައިގެ ހަތް ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމެންޓެއްގައި މީހަކު ރަހީނުކޮށް އޭނާއަށް އަނިޔާކޮށް، ކަޓަރަކުން އޭނާގެ ކުޑަވާ އިނގިލި ބުރިކޮށްލި މައްސަލައެއްގައި ދައުލަތުން ފަސް މީހެއްގެ މައްޗަށް ދައުވާކުރިއެވެ. މި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާއިރު، ހުކުމުގައި ފާހަގަކުރި ކަންކަމުން މަސްތުވާތަކެތީގެ ވިޔަފާރީގެ ދުނިޔޭގެ އަނިޔާވެރިކަން ހާމަވެގެން ގޮސްފައިވެއެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާާކުރީ، ލ. ގަން، ތުނޑި، ލިންކް، އަހުމަދު ޒަޔާން އާއި، ތ. ތިމަރަފުށި، އުތުރުގެއާގެ، މުހައްމަދު ނައުޝާން ހުސެއިން އާއި ރ. ކަނދޮޅުދޫ، މެހުރާ، އަލީ ސާމީ އާއި ކ. މާފުށި، ފުލްމޫން، މުހައްމަދު ނަފާހްގެ އިތުރުން ގދ. ގައްދޫ، ހުދުވެލި، އަހުމަދު ސާއިފް ވަހީދުގެ މައްޗަށެވެ.
ރަހީނުކުރި މީހާގެ ގައިގައި ތަޅައި އަނިޔާކޮށް، އޭނާގެ އިނގިލި ބުރިކޮށްލަން އެންގީ އަލީ ސާމީ ކަމަށް ދައުވާގައިވެއެވެ. އަދި ޕައިޕް ކަޓަރަކުން އިނގިލި ބުރިކޮށްލީ ސާއިފް ވަހީދު ކަމަށާއި، އެ މީހާގެ ވައަތު އިނގިލިތަކުގައި ނައުޝާން ހިފަހައްޓައިގެން ހުރެ އެހީތެރިވިއިރު، ބުރިކޮށްލި އިނގިލީގައި ޖެއްސުމަށް ނަފާހު ވަޅިއެއް ހޫނުކޮށްގެން ގެނެސްފައިވާކަމަށް ދައުވާގައިވެއެވެ. އަދި އެ ކަންތައްތައް ހިނގި ފަހުން ޒަޔާން އެ ގެއަށް ގޮސް، ރަހީނުކޮށްފައި ހުރި މީހާގެ އިނގިލި ބުރިކޮށްލާފައި ހުރިކަން ފެނުމުން ވެސް އެހީތެރިނުވެ، އެ މީހާގެ މޫނު މަތީގައި ޖަހައި އަނިޔާކޮށްފައިވާ ކަމަށް ވެއެވެ.
މި މައްސަލައިގައި ސާއިފް ވަހީދުގެ މައްޗަށް މީހެއްގެ ގުނަވަނެއް ނެތިދާނެފަދަ ގޮތަކަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލިއެވެ. އަދި އަލީ ސާމީ އާއި، ނައުޝާން އާއި ނަފާހުގެ މައްޗަށް މީހެއްގެ ގުނަވަނެއް ނެތިދާނެފަދަ ގޮތަކަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އުފުލިއެވެ. ޒަޔާންގެ މައްޗަށް އުފުލީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާއެވެ.
މި ހާދިސާގައި ރަހީނުކުރި މީހާ ތަހުގީގަށް ދީފައިވާ ބަޔާނުން އޭނާއާމެދު ކަންތައްތައް ކުރި ގޮތް ހާމަވެގެން ގޮސްފައިވެއެވެ. ހުކުމުގައި ހުލާސާކޮށްފައިވާ އެ ބަޔާނުން އެނގޭ ގޮތުގައި އޭނާ ދެ ހަފްތާ ވަންދެން ރަހީނުކޮށްފައި ބެހެއްޓީ، އޭނާއާ ހަވާލުކުރި މަސްތުވާއެއްޗެއް ގެއްލިގެން އެކަމުގެ ރުޅިވެރިކަމުގައެވެ.
އެ މަސްތުވާތަކެތި އޭނާއާ ހަވާލުކުރީ ސާމީ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އޭނާ އެންމެ ފުރަތަމަ މއ. ތާލިން ގެއަށް ގެންގޮސް، އެ ގޭގައި އޭނާއަށް އަނިޔާކުރި ކަމަށް ކިޔައިދިނެވެ. އެގޮތުން އެކި ފަހަރުމަތިން އޭނާ ގައިގައި ތަޅައި، ވަނަމަކަށް ”އެޕަލް“ ކިޔާ މީހަކު އޭނާގެ ކަރުގައި ކަންވާރު މަޅިއެއް ހަދައިގެން އޭނާގެ ކަރަށް މަހާލުމަށްފަހު އޭގެ އަނެއް ކޮޅުގައި ހިފަހައްޓައިގެން އުޅުނު ކަމަށް ވެސް ބުނެފައިވެއެވެ.
އޭނާ ގޭގައި ބަންދުކޮށްފައި ހުރިއިރު، އެ ގެއަށް އަންނަ މީހުން ވެސް އޭނާއަށް އެކިވަރުގެ އަނިޔާކުރަމުންދިޔަ ކަމަށާއި، އޭނާ އަތުން ގެއްލުނު މަސްތުވާތަކެއްޗަށް ފައިސާ ނުދެވޭނަމަ ކިޑްނީ ވިއްކާލުމަށާއި، ނޫނީ ރާއްޖެއިން ބޭރަށް ގޮސްފައި އަންނައިރު، މަސްތުވާތަކެތި ގެނައުމަށް ވެސް ބުނެފައިވާ ކަމަށް އޭނާ ކިޔައިދީފައިވެއެވެ. އަދި ރާއްޖެއިން ބޭރަށް ފޮނުވުމަށް ޕާސްޕޯޓު ބަލައި އެއްފަހަރު ގެއިން ބޭރަށް ފޮނުވިކަމަށް ކިޔައިދިނެވެ.
ފުރަތަމަ ބެހެއްޓި ގޭގައި އޭނާ ގެންގުޅުމަށްފަހު އެހެން އެޕާޓްމެންޓެއް ކުއްޔަށް ހިފައިގެން އެތަނަށް އޭނާ ބަދަލުކުރި ކަމަށް ވެސް އެ މީހާ ކިޔައިދީފައިވެއެވެ. އެގޮތުން އެޕާޓްމެންޓު ނެގީ ވެސް އޭނާގެ ނަމުގައި ކަމަށާއި ފައިސާ ދެއްކީ ރަހީނުކުރި މީހުން ކަމަށް އޭނާ ކިޔައިދީފައިވެއެވެ.
އޭނާ ކިޔައިދިން ގޮތުގައި އިނގިލި ބުރިކޮށްލި ރޭ ސާއިފް އާއި ނައުޝާން ފިނޮޅަކަށް ދަތުރެއް ގޮސްފައި އައިސް، އެ ގެއަށް ވަދެ، އޭނާ ކިޑްނެޕްކޮށްގެން އުޅޭ ވާހަކަ އެއްވެސް މީހެއް ކައިރީގައި ބުނިތޯ އަހައި، އެ މީހުން ގެންގުޅުނު ޓޭޒާ ނުވަތަ ޝޮޓްގަންއިން އޭނާގެ ގައިގެ އެކި ތަންތަނުގައި ޖައްސައި އަނިޔާކުރިއެވެ. އަދި ލޯ މަތީގައި ވެސް ވަރަށް ބާރަށް ފައިން ޖެހިއެވެ. އަދި އެންމެން ވެގެން އޭނާ ހިފަހައްޓައި ގޮނޑިއެއްގައި އައްސައި ކުޑަވާ އިނގިލި ބުރިކޮށްލިކަމަށް ކިޔައިދީފައިވެއެވެ.
ނަމަވެސް، ރަހީނުކުރި މީހާ ޝަރީއަތުގެ މަރުހަލާގައި އޭނާގެ ހެކިބަސް ބަދަލުކުރިއެވެ. ކޯޓުގައި އޭނާ ބުނެފައިވަނީ، ދައުވާ ލިބޭ އެއްވެސް މީހަކު އޭނާއަށް ނޭނގޭ ކަމަށެވެ. އަދި އޭނާ އިނގިލި ބުރިކުރުން ފިޔަވައި އެއްވެސް އަނިޔާއެއް ނުލިބޭ ކަމަަށާއި، ފުލުހުންނަށް ބަޔާން ދިންއިރު، އުޅުނީ މަސްތުވާތަކެތީގެ ތެރޭގައި ކަމަށް ވެސް ބުނެފައިވެއެވެ.
އެހެންނަމަވެސް، އޭނާ ހެކިބަސް ދިން އިރު، ފުރަތަމަ އެއްވެސް މީހަކު ނޭނގޭ ކަމަށް ބުނި ނަމަވެސް، ފަހުން ދެއްކި ވާހަކަތަކުން ކޮންމެވެސް ވަރަކަށް އެ މީހުން އެނގޭކަން ދޭހަވާ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ މީހުން ނޭނގޭ ކަމަށް ބުނެ އެކަމާ ގުޅިގެން ހަދަނީ ދޮގުކަން ހާމަވާ ކަމަށް ހުކުމުގައިވެއެވެ. އަދި މަސްތުގެ ހާލަތުގައި ހުރެ ބަޔާން ދިިން ކަމަށް ބުނި ނަމަވެސް، ފުލުހުންގެ ތަހުގީގަށް އެފަދަ ތަފްސީލު ގޮތެއްގައި މަސްތުވެގެން ހުރެ ބަޔާން ނުދެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންވެ، ގާޒީ ނިންމެވީ އޭނާގެ ބަޔާނުގައި ހުރި ކަންކަމުގެ ތެރެއިން ހެކި ހުރި މިންވަރަށް އޭނާގެ ބަޔާނަށް ބުރަދަން ދޭށެވެ.
ދައުވާ ލިބުނު ފަސް މީހުން ވެސް ކްރިމިނަލް ކޯޓަށް ހެކި ހުށަހެޅީ ހާދިސާ ހިނގި ތަނުގައި އެވަގުތު އެ މީހުން ނެތްކަން ސާބިތުކުރުމަށެވެ. ނަމަވެސް، ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު މައްސަލަ ބައްލަވައި ހެކިތައް ވަޒަންކުރައްވައި، ނިންމެވީ އެ ފަސް މީހުންގެ ތެރެއިން ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.
މި މައްސަލައިގައި ސާބިތުނުވީ ނަފާހުގެ މައްޗަށް ކުރި ދައުވާއެވެ. ހުކުމުގައި ފާހަގަކުރީ ރަހީނުކޮށްފައި ހުރި މީހާގެ އިނގިލީގައި ޖެއްސުމަށް ނަފާހު ވަޅިއެއް ހޫނުކޮށްފައި ސާމީ އަތަށް ދިންކަން ސާބިތުވާނަމަވެސް، އެ އަމަލަކީ ކުށް ކުރުމުގެ ނިޔަތުގައި ކުރި ކަމެއް ކަން ސާބިތުނުވާ ކަމަށެވެ. އެހެންވެ، އެ ކުށުގައި ބައިވެރިވިކަން އޭނާގެ މައްޗަށް ސާބިތުވެފައި ނުވެއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ އިނގި ބުރިކޮށްލުމުގެ އަމަލު ހިންގި ސާއިފް ވަހީދު 15 އަހަރަށް ޖަލަށްލުމަށެވެ. އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ތަންފީޒުކުރަން ޖެހޭނީ 12 އަހަރާއި 11 މަހާއި 24 ދުވަހެވެ.
އެ ކުށުގައި ބައިވެރިވިކަން ސާމީ އާއި ނައުޝާންގެ މައްޗަށް ސާބިތުވެ، އެ ދެ މީހުން 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވެއެވެ. ބަންދުގައި ހުރި މުއްދަތު އުނިކުރުމުން އެ ދެ މީހުން ތަންފީޒުކުރަން ޖެހޭނީ ހަތް އަހަރާއި 11 މަހާއި 24 ދުވަހެވެ.
އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ ސާބިތުވެ، ޒަޔާން ޖަލަށް ލާން ހުކުމް ކުރީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ.

