ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެ މަޝްރޫއުގެ ޑިޒައިންކޮށް، އެތަން ތަރައްގީކުރާނެ ގޮތުގެ މާސްޓަ ޕްލޭން އެކުލަވާލުމަށް ކޮންސަލްޓެންސީ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާއިން މިއަދު އިއުލާންކޮށްފިއެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 13 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި މަސައްކަތަށް ޕްރީ ބިޑިން ބައްދަލުވުމެއް ނޯންނާނެއެވެ. ނަމަވެސް، އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެއެވެ. ބީލަންތައް ވަޒަންކުރާނެ ގޮތުގެ ތަފްސީލުތައް މަސައްކަތުގެ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) ގައި ހިމަނާފައިވާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މާސްޓަ ޕްލޭން އެކުލަވާލުމަށް ހޯދާ ކޮންސަލްޓެންސީގެ ދަށުން ބޭސްލައިން ސްޓަޑީ ހެދުމާއި، އާބަން ޑިވެލޮޕްމަންޓް ފްރޭމްވޯކް އެކުލަވާލުމާއި، ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން އެކުލަވާލުން ފަދަ މުހިންމު މަސައްކަތްތައް ކުރަންޖެހެއެވެ. މި މަސައްކަތް ކުރަންވާނީ އިގްތިސާދީ ގޮތުން ފައިދާހުރި، ތިމާވެށްޓާ ރަށްޓެހި ހައްލުތަކެއް ލިބޭނެ ގޮތަށް ކަމަށް ޓީއޯއާރުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، މި މާސްޓަ ޕްލޭންގައި ބިން ބޭނުންކުރެވޭނެ އެންމެ ފައިދާހުރި ގޮތްތަކާއި، ދަތުރުފަތުރާއި ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރެވޭނެ ގޮތްތައް ހިމަނަންޖެހެއެވެ. އަދި ހުރިހާ ސްޓްރެޓެޖީއެއް ވެސް ކާބަން ނިއުޓްރަލިޓީ ހާސިލުކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކުގެ ދަށުން، ތިމާވެށްޓާއި ކަނޑުގެ ދިރުންތަކަށް ގެއްލުން ކުޑަވާނެ ގޮތަށް ރޭވުމަށް ވަނީ ޝަރުތުކޮށްފައެވެ.
މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް މި ސަރުކާރުން ފެށީ 18 ޑިސެމްބަރު 2023 ގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ރަސްމާލެ ތަރައްގީ ކުރަނީ މޫސުމީ ބަދަލުތަކުން ރައްކާތެރިކަން ލިބޭ ގޮތަށް، އަރިމައްޗަށް ދެ މީޓަރު އަދި މެދަށް ތިން މީޓަރު އުސްކޮށް، ”ޒީރޯ ކާބަން“ ސަހަރެއްގެ ގޮތުގައެވެ.
މީގެ އިތުރުން، ރަސްމާލެ އާއި މާލެ ގުޅާލުމަށް ކަނޑުއަޑީގެ ޓަނަލްއެއް ބޭނުންކުރުމަކީ ވެސް ރައީސް އިއުލާން ކުރައްވާފައިވާ މި މަޝްރޫއުގެ މުހިންމު އެއް ބައެވެ.

