ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެސިޑެންސީ ޕްރޮގްރާމްތައް ހިންގުމަށް ބޭރުގެ އިންވެސްޓަރުން ބޭނުމެއް ނުވޭ: ނަޝީދު

ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރެސިޑެންސީ ޕްރޮގްރާމްތަކަކީ ބޭރުގެ އިންވެސްޓަރުންނާއި ނުލައި، ދިވެހީންނަށް އަމިއްލައަށްވެސް ވަރަށް ފަސޭހައިން ހިންގިދާނެ މަޝްރޫއުތަކެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރަސްމާލެ މަޝްރޫއު ފަދަ ބޮޑެތި ޕްރޮޖެކްޓުތައް ހިންގުމަށް ބޭރުގެ ބިލިއަން ޑޮލަރުގެ އިންވެސްޓަރުން ކޮންމެހެން ބޭނުންނުވާކަމަށާއި ބޭނުންވަނީ ގާނުނުތަކެއް ކަމަށެވެ. އަދި ރެސިޑެންސީ ޕްރޮގްރާމްތަކަކީ ބޭރުގެ ބޮޑެތި އިންވެސްޓަރުންނާއި ނުލައި، ދިވެހީންނަށް އަމިއްލައަށްވެސް ވަރަށް ފަސޭހައިން ހިންގިދާނެ މަޝްރޫޢުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ރެސިޑެންސީ ޕްރޮގްރާމްތަކަކީ އަޅުގަނޑުމެންނަށް ވަރަށް ފަސޭހައިން އަޅުގަނޑުމެން އަމިއްލައަށް ހިންގެން ހުރި ޕްރޮގްރާމްތައް. އަޅުގަނޑުމެން އެކަމަށް ބޭނުންވަނީ އެކަމަށް ބޭނުންވާ ގާނޫނުތައް. އެއެކަށް ކޮންމެހެނެއް އަޅުގަނޑުމެން މާބޮޑެތި ބިލިއަން ބިލިއަން ޑޮލަރުތަކުގެ މީހުންތަކެއް ބޭނުމެއް ނުވޭ،“ ރައީސް ނަޝީދު ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން ހުޅުދޫ ކައުންސިލުން އެ ރަށުގައި ރެސިޑެންސީ ޕްރޮގްރާމެއް ހިންގުމަށް ނިންމި ނިންމުމަށް އަލިއަޅުއްވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ ކައުންސިލުން ހެދި ހިސާބުތަކުން އެއީ ކައުންސިލަށާއި ރާއްޖޭގެ ވިޔަފާރިވެރިންނަށް ނުވާވަރުގެ ކަމެއް ނޫންކަން ފާހަގަކުރެވުނު ކަމަށެވެ.

އަދި އެ މަޝްރޫއާ ގުޅޭގޮތުން ކައުންސިލުން އެކި ވިޔަފާރިވެރިންނާ މަޝްވަރާކޮށްފައިވާ ކަމަށާއި، ރާއްޖޭގެ ވިޔަފާރިވެރިން ތިބީ އެފަދަ ކަންކަމަށް ވަރަށް ބޮޑަށް ތައްޔާރަށް ކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އެފަދަ ރެސިޑެންސީ ޕްރޮގްރާމްތަކަކީ އެއްވެސް ހާލެއްގައި ދިވެހީންނަށް ނުވާނެކަމެއް ނޫންކަމަށް ތަކުރާރުކުރައްވާފައެވެ.

އެމަނިކުފާނަށް ވެސް އެންމެ ރަނގަޅީ ރަސްމާލޭގައި އީގަލް ހިލްސްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއު ކުރިއަށް ގެންދިއުން ކަމަށް ވީނަމަވެސް ކަންބޮޑުވެ ވަޑައިގަންނަވަނީ އެފަދަ މަޝްރޫއުއެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާތީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

”އެންމެ ރަނގަޅީ އެކަން ވުން. އެހެންނަމަވެސް މާލެ ސަރަހައްދުގައި މިބާވަތުގެ ކަމެއް ކުރުން އެއީ ބުއްދިވެރިކަމެއް ނޫން. މިހާރުވެސް ރަށްރަށުން މީހުން މި ސަރަހައްދަށް އައިސް ރަށްރަށް މިދަނީ ފަޅުވަމުން“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއު ފަދަ ބޮޑު އިގްތިސާދީ ހަރަކާތެއް މާލެ ސަރަހައްދުގައި ތަރައްގީކުރުމުގެ ސަބަބުން އަތޮޅުތެރޭގެ ރަށްތައް އިތުރަށް ދާނީ ފަޅުވަމުން ކަމަށާއީ އޭގެ ބަދަލުގައި އަތޮޅު ތެރޭގެ ބިން ބޮޑު ރަށްތަކުގައި ލޯންގް ޓާރމް ޓުއަރިޒަމް ވިޔަފާރި ހިންގޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން ހޮޅުދޫއަކީ މީސްކޮޅު މަދު ރަށެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެރަށުގެ ގިނަ ރައްޔިތުން މިއަދު ވަނީ ރަށް ދޫކޮށް ހިޖުރަކޮށްފައި ކަމަށެވެ. އެފަދަ ރަށެއްގައި އަހަރަކު މަހެއް ނުވަތަ ދޮޅުމަހެއްހާ ދުވަހު އުޅޭނެ 10 ނުވަތަ 15 ޓުއަރިސްޓުން ތިބެ، ބާކީ މުއްދަތުގައި އެ ތަންތަން އެއާބީއެންބީ މެދުވެރިކޮށް ނުވަތަ ޓައިމް ޝެއާ އުސޫލުން ކުއްޔަށް ދޫކުރެވޭނެ އިގްތިސާދީ ނިޒާމެއް ހަމަޖެހިއްޖެނަމަ، އަބަދުވެސް ރަށުގައި މީހުން ތިބޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެފަދަ ހަރަކާތްތަކެއް ހިންގުމުން ރަށަށް އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިގްތިސާދު ރަނގަޅުކުރުމަށް މިފަދަ ހަރަކާތްތައް ހިންގުމަކީ މުހިންމުކަމެއް ނަމަވެސް ރައްޔިތުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ހުރި އިރު އެންމެ ބުއްދިވެރި ގޮތަކީ ރިފަރެންޑަމް ވޯޓަކަށް ދިއުންކަމަށް ވެސް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ. އެމަނިކުފާނު ވަނީ ރައީސް ޑރ. މުއިއްޒު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަންގަވަން އުޅުއްވާ ސަބަބު ސާފުނޫން ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: