ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިން މާލީ ނިޒާމުގެ ތެރެއަށް؛ 13 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

މަސްވެރިކަން (ފޮޓޯ/ތ. ގުރައިދޫ މަސްވެރިން ފޭސްބުކް)
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމުގައިވާ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މަސްވެރިންނަކީ މީގެ ކުރިން މާލީ ނިޒާމުގެ ތެރެއިން އެކަށީގެންވާ ބަލައިގަތުމެއް ލިބިފައިވާ ބައެއް ނޫނެވެ. ނަމަވެސް، ސަރުކާރުން އަލަށް އެކުލަވާލި މަސްވެރިންގެ ގައުމީ ދަފުތަރާއެކު، މަސްވެރިންނަކީ ރަސްމީ ވަޒީފާއެއް އަދާކުރާ ބައެއްގެ ގޮތުގައި ކަނޑައެޅި، މާލީ އިދާރާތަކުގެ އެހީތެރިކަން އެ ފަރާތްތަކަށް ފަހިވެގެން ގޮސްފައިވެއެވެ. މި އައު ނިޒާމުގެ ދަށުން މިހާތަނަށް 13 މިލިއަން ރުފިޔާގެ ލޯނު މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ.

މަސްވެރިންގެ ގައުމީ ދަފުތަރަކީ ދައުލަތުގެ އިދާރާތަކަށް ރަސްމީ ސިފައެއްގައި މަސްވެރިންނަކީ ކޮބައިކަން ދެނެގަތުމަށްޓަކައި ގާއިމުކުރެވުނު މުހިންމު ނިޒާމެކެވެ. 16 ފެބްރުއަރީ 2024 ގައި ށ. ކޮމަންޑޫގައި އިފްތިތާހުކުރި މި ދަފުތަރަކީ ރާއްޖޭގެ ތާރީޚުގައި ވެސް މިފަދަ ދަފުތަރެއް އެކުލަވާލެވުނު ފުރަތަމަ ފަހަރެވެ. މި ދަފުތަރުގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރާއި މަސްވެރިން ރަޖިސްޓްރީވުމުން، އެއީ ރަސްމީ ވަޒީފާއެއް އަދާކުރާ ބައެއްގެ ގޮތުގައި ދައުލަތުން ބަލައިގަނެއެވެ.

މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައެޅުމާއެކު، ބޭންކުތަކުން ލޯނު ހޯދުމަށް ހުރި ހުރަސްތައް ވަނީ ނެތިގެން ގޮސްފައެވެ. މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް މަސްވެރިންނަށް ލޯނު ދޫކުރަން ފަށާފައިވަނީ ’މަސްވެރިޔާ ޕޯޓަލް‘ މެދުވެރިކޮށެވެ. މިހާތަނަށް 106 ލޯނެއް ފާސްކޮށް، ޖުމްލަ 13 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

ދަފުތަރުގައި ހިމެނޭ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބަލައި ތަފާތު މާލީ ފުރުސަތުތައް ލިބެއެވެ. މީގެ ތެރޭގައި ޕާސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު، އަދި ގެދޮރު އެޅުމަށް ބޭނުންވާ ލޯނުތައް ހިމެނެއެވެ. ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ، ޝަރުތު ހަމަވާ މަސްވެރިންނަށް އެއްވެސް ރަހުނަކާ ނުލައި 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ލިބުމުގެ މަގު ފަހިވެފައިވުމެވެ. މިއީ މަސްވެރިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ސަރުކާރުގެ އަމާޒަކީ މަސްވެރިކަމަކީ ޝަރަފުވެރި، ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ދެމެހެއްޓުމެވެ. މިގޮތުން، މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމުގެ ވައުދާ އެއްގޮތަށް މިހާރު އަންނަނީ އަމަލުކުރަމުންނެވެ. މިފަދަ ނިޒާމުތަކުގެ ސަބަބުން މަސްވެރިންނަށް މާލީ ގޮތުން އިތުރު ޔަގީންކަމެއް ލިބި، ދާއިރާގައި ދެމިތިބުމަށް ހިތްވަރު ލިބިގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: