ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުއްދައާ ނުލައި ކުޑަދޫ ބުރިކުރުމުން 4 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދަން ޓްރީޓޮޕްގެ މައްޗަށް ކުރި ދައުވާ ބޭރުކޮށްލައިފި

ޓްރީޓޮޕް ހޮސްޕިޓަލް: ފޮޓޯ /އެކްސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީހެއްގެ ހުއްދައާ ނުލައި ޓްރީޓޮޕް ހޮސްޕިޓަލުން އޭނާގެ ކުޑަދޫ ބުރިކުރުމުން، 4 މިލިއަން ޑޮލަރާއި އެއް މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން ޓްރީޓޮޕްގެ މައްޗަށް އެ މީހާ އުފުލި ދައުވާ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފިއެވެ.

މި މައްސަލައަކީ ފެބްރުއަރީ 13، 2023ގައި މީހަކު އޭނާގެ ޓޮންސިލްގައި އިންފެކްޝަން އުފެދިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ދިޔުމުން އޭނާގެ ޓޮންސިލް ނަގަން ކުރި އޮޕަރޭޝަނުގައި އޭނާގެ ހުއްދައާ ނުލައި ކުޑަދޫ ބުރިކޮށްލާފައިވާ ކަމަށް ބުނެ އިހުމާލުވުމުން ހަށިގަނޑަށް ލިބޭ އަނިޔާގެ ބަދަލު ނަގައިދިނުމަށް ދައުވާކުރި މައްސަލައެކެވެ. އެ ދައުވާގައި އެ މީހާ އެދިފައިވަނީ އޭނާއަށް ލިބުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާގެ ބަދަލެއްގެ ގޮތުގައި 1،080،000 ރުފިޔާ އަދި 4،330،787 ޑޮލަރު ނަގައިދިނުމަށެވެ.

އޭނާ ބުނެފައިވަނީ އޭނާ ހޮސްޕިޓަލަށް ދިޔުމުން ކަރުގައި ރިއްސަނީ ޓޮންސިލް އިންފެކްޓުވެ ދުޅަވެފައިވާތީ ކަމަށް ޑޮކްޓަރު ބުނި ކަމަށެވެ. އަދި އޮޕަރޭޝަން ނިމި އެޑްމިޓްކޮށްފައި ވަނިކޮށް އޭނާގެ ކުޑަދޫ ނެތްކަން ފާހަގަވެގެން ޑޮކްޓަރާ ސުވާލުކުރުމުން ކުޑަދޫ ބުރިކޮށްލާފައިވާ ކަމަށް ބުނެފައިވާ ކަމަށް ދައުވާގައިވެއެވެ. އަދި ޑިސްޗާޖު ސަމަރީގައި ވެސް ކުޑަދޫ ބުރިކޮށްލުމުގެ މައުލޫމާތު ހިމަނާފައިނުވާތީ އެކަން ފާހަގަކުރުމުން، ޑިސްޗާޖް ސަމަރީގައި އެކަން ހިމެނޭނީ އޮޕަރޭޝަނަށް ފައިސާ ދެއްކުމުން ކަމަށް ބުނެފައިވާ ކަމަށް ވެސް ދައުވާގައި ވެއެވެ.

އޭނާ ބަދަލެއްގެ ގޮތުގައި ނަގައިދޭން އެދުނު 1،080،000 ރުފިޔާއަކީ އޭނާ ބޭސްފަރުވާއަށް އައިސް ހޭދަކުރަން ޖެހުނު އަމިއްލަ ފައިސާއާއި އަނބިދަރިން ގޮވައިގެން އުޅެން ކުރަންޖެހުނު ހަރަދާއި ވަޒީފާއަށް ދޭން ޖެހޭ ވަގުތު ނުދެވި މައްސަލައިގެ ކަންކަމަށް ހޭދަވި ވަގުތަށް ބަދަލެއްގެ ގޮތުގައި ނަގައިދޭން އެދުނު ފައިސާއެވެ.

ދައުވާގައި ނަގައިދޭން އެދިފައިވާ 4،330،787 ޑޮލަރުގެ ތެރޭގައި ހިމެނެނީ އޭނާގެ އިޒުނައަކާ ނުލައި ގުނަވަނެއް ބުރިކޮށްލުމާއި އެހީތެރިޔަކާއެކު އުޅެން ޖެހުމުން އޭނާގެ އުމުރުން 90 އަހަރާ ހަމައަށް ބާކީ އޮތް 53 އަހަރަށް ދެ މިލިއަން ޑޮލަރާއި، ބޭސްވެރިކަމުގެ އެންމެ ކުރިއަރާފައިވާ ސިއްހީ ހިދުމަތް ހޯދުމަށް އޭނާ އިހްތިޔާރުކުރި މަޔޯ ކްލިނިކް ރޮޗަސްޓަރއަށް އޭނާގެ އަނބިމީހާއާއި ދަރިފުޅާއެކު އެ މުއްދަތުގެ ތެރޭގައި ދިޔުމަށް ޓަކައި ހޭދަވާނެ ކަމަށް އަންދާޒާކުރެވޭ އަދަދުތަކެވެ.

ސިވިލް ކޯޓުން މި މައްސަލައިގައި ފާހަގަކޮށްފައިވަނީ، ކޯޓަށް ހުށަހަޅާ މައްސަލައެއް ހުށަހެޅުމުގެ ކުރިން އެ މައްސަލައެއް ހައްލުކުރަން ގާނޫނެއްގައި ނުވަތަ ގަވައިދެއްގައި ވަކި އިޖުރާއަތެއް ނުވަތަ ނިޒާމެއް ގާއިމްކޮށްފައި އޮންނަ ނަމަ އެ ނިޒާމެއްގެ ދަށުން މައްސަލަ ހައްލުކުރަން މަސައްކަތްކުރުމަކީ ލާޒިމު ކަމެއް ކަމެވެ.

އެގޮތުން ސިއްހީ ހިދުމަތްދޭ ތަނެއްގެ ހިދުމަތާ ގުޅޭ މައްސަލައެއް އެންމެ ފުރަތަމަ ހުށަހަޅަންވާނީ އެ ހިދުމަތް ދިން ތަނަކަށް ކަމާއި އެތަނުން މައްސަލައަށް ހައްލެއް ނުލިބިއްޖެނަމަ ދެން މައްސަލަ ހުށަހަޅަން ޖެހޭނީ ހެލްތު މިނިސްޓްރީއަށް ކަން ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ 45 ވަނަ މާއްދާއިން އެނގޭ ކަމަށް ހުކުމުގައިވެއެވެ.

މި މައްސަލަ ހުށަހެޅި ފަރާތުން ސިއްހީ ހިދުމަތް ފޯރުކޮށްދިން ޓްރީޓޮޕް ހޮސްޕިޓަލަށް މައްސަލަ ހުށަހެޅި ނަމަވެސް އެ ހޮސްޕިޓަލުން ދިން ޖަވާބާމެދު ހިތްހަމަނުޖެހިގެން މިނިސްޓްރީއަށް މައްސަލަ ހުށަހަޅާފައިވާކަން އެނގެން ނެތް ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، ގާނޫނުގައި ކަނޑައަޅާފައި އޮތް އިޖުރާއަތު ފުރިހަމަނުކޮށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާތީ މައްސަލަ ބެއްލެވި ގާޒީ އަބްދުއްނާސިރު ޝަފީގު ނިންމެވީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށެވެ. އަދި އެ ނިންމުން 30 ދުވަހުގެ ތެރޭގައި ހައިކޯޓުގައި އިސްތިއުނާފުކުރަން ހުށަހެޅޭނެކަން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: