އުމްރާއަށް ގެންދަން ފައިސާ އަތުލައި އަޅުކަމަށް ނުގެންދިޔަ އަސްކޮއި ގްރޫޕުން, ބަޔަކަށް ހަފުތާއެއްގެ ތެރޭގައި 155،700ރ. ދައްކަން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
އެ ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކުރީ، އުމްރާއަށް ގެންދަން ހަ މީހެއްގެ އަތުން ފައިސާ ނަގައިގެން ފިލި މައްސަލައެއްގައެވެ. އެ މީހުންގެ ތެރޭގައި ގދ. ތިނަދޫ ދެ އާއިލާއެއްގެ މީހުންނާއި މާލޭ އާއިލާއެއްގެ ހަތަރު މީހުން ހިމެނެއެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައި ވާގޮތުން އެ މައްސަލައިގައި ހިމެނޭ ހަ މީހުންގެ ފަރާތުން އަސްކޮއި ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދާ ދެކޮޅަށް މައްސަލަ ހުށަހެޅީ އުމްރާއަށް ދިޔުމަށް އެ މީހުން ދެއްކި 155،700ރ. އާއި މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ހިނގި 42،000ރ. ހޯދުމަށެވެ.
އެ ފައިސާ ދައްކާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދާއި ކުންފުނިން ވަނީ ޝަރީއަތުގައި އެއްބަސްވެފައެވެ. އެ އެއްބަސްވުމާ އެއްގޮތަށް ހަތް ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ނަމަވެސް ޝަރީއަތުގެ ހަރަދުގެ ގޮތުގައި ދިޔަ ކަމަށް ބުނާ ހަރަދަކީ ދައުވާ ލިބޭ ފަރާތުގެ ކިބައިން ނަގައި ދެވޭނެ ފައިސާކަން ހުށަހަޅާފައިވާ ލިޔުންތަކުން ޝަރިއަތުގައި ސާބިތު ނުވާތީ އެ ފައިސާ ނަގައިދެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ކޯޓުން ވަނީ ބުނެފައެވެ.
އުމްރާއަށް ގެންދާނެ ކަމަށް 28 މީހެއްގެ އަތުން ފައިސާ އަތުލައި، އަޅުކަމަށް ނުގެންދިޔަ މައްސަލާގައި އިސްލާމިކް މިނިސްޓްރީން ވަނީ އަސްކޮއި ގްރޫޕްގެ ހުއްދަ ބާތިލުކޮށް، ބޮޑެތި ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން އެ ކުންފުންޏަށް އަދި އެ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް ގެންދިއުމުގެ ހުއްދަ ނުދޭން ވެސް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

