ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުއްޖަކު ހެކިބަސް ބަދަލުކުރުމުން ސާބިތުނުވި ޖިންސީ ގޯނާގެ މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި

ޖިންސީ ގޯނާއާއި، ރޭޕްގެ ތުހުމަތުވާ މީހުން ހައްޔަރު ކުރުމަށް ގޮވާލާ މާލޭގައި ކުރިޔަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 11 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރިކަމަށް ބުނާ މައްސަލައެއްގައި އެ ކުޑަކުއްޖާ ދިން ހެކިބަސް ބަދަލުކުރުމުން، މެޖިސްޓްރޭޓު ކޯޓުން ކުށް ސާބިތުނުވި މައްސަލަ، އެ ކޯޓުން އަލުން ބަލަން ހައިކޯޓުން އިއްޔެ އަންގައިފިއެވެ.

ރާއްޖޭގެ ރަށެއްގައި 2020 ވަނަ އަހަރު އުމުރުން 11 އަހަރުގެ ކުޑަކުއްޖެއްގެ ހަށިގަނޑުގައި އެކި ފަހަރު މަތިން މީހަކު ޖިންސީ ނިޔަތެއްގައި އަތްލި މައްސަލައެއްގައި، ދައުލަތުން މީހެއްގެ މައްޗަށް އުފުލި ކުޑަކުއްޖެއްގެ މައްޗަށް ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުުމުގެ ދައުވާ ސާބިތުނުވާކަމަށް އެ ރަށު މެޖިސްޓްރޭޓު ކޯޓުން ނިންމީ 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގައެވެ. އެ މައްސަލަ ސާބިތުނުވާކަމަށް ނިންމާފައިވަނީ، އެ މައްސަލައިގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުއްޖާ ތަހުގީގަށް ދެއްކި ވާހަކަތަކާ ހިލާފަށް ޝަރީއަތުގެ މަޖިލީހަށް ހެކިބަސް ދިނުމުން އެކަމަށް ރިއާއަތްކޮށެވެ.

މެޖިސްޓްރޭޓު ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވަނީ، އެ ކުއްޖާއަށް އަނިޔާ ލިބުނު ގޮތް، އެ ކުއްޖާ އެ ވާހަކަ ކިޔައިދިން ގާތް މީހުން ކިޔައިދީފައިވާ ގޮތާއި، ތަހުގީގަށް ކިޔައިދިން ގޮތާއި ޝަރީއަތުގައި ކިޔައިދީފައިވާ ގޮތާއި ދިމާނުވާ ކަމަށެވެ. އެގޮތުން، ތުހުމަތުކުރެވޭ މީހާ އެއްވެސް ޖިންސީ ގޯނާއެއް ނުކުރާ ކަމަށާއި، އެއްވެސް ފަހަރަކު އެ މީހާ އަތްލާފައިނުވާ ކަމަށާއި، އެ މީހާއާ ބެހޭގޮތުން އެއްވެސް މީހެއްގެ ގާތުގައި އެއްވެސް ވާހަކައެއް ދައްކާފައިނުވާނެ ކަމަށް އެ ކުއްޖާ ހެކިބަސް ދެމުން ބުނެފައިވެއެވެ. އަދި އެއީ އެއްވެސް ނުފޫޒެއް އޮވެގެން ދިން ހެކިބަހެއް ނޫން ކަމަށް ބުނެފައިވެއެވެ.

ނަމަވެސް، ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް ބުނެފައިވަނީ، މެޖިސްޓްރޭޓު ކޯޓުން އެ މައްސަލަ ނިންމާފައިވަނީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބުނާ މިންވަރަށް ހެކި ލިބިފައި ވަނިކޮށް އެ ހެކިތަކަށް ރަނގަޅަށް ރިއާއަތް ނުކޮށް ކަމަށެވެ. އަދި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާން ޖެހޭ ކަމަށް ބަޔާންކުރާ އުސޫލާ ހިލާފަށް ކަމަށެވެ.

ދައުލަތުން އިސްތިއުނާފުކުރުމުން ހައިކޯޓުން ބެލި މައްސަލައިގައި، ފާހަގަކޮށްފައިވަނީ ކުއްޖާ ތަހުގީގަށް ދީފައިވާ ބަޔާނުގައި އޭނާއަށް ދީފައިވާ ޖިންސީ އަނިޔާ ތަފްސީލީ ގޮތެއްގައި ކިޔައިދީފައިވާކަމެވެ. އަދި އެ ކުއްޖާ ދައްކާފައިވާ ވާހަކަތަކާއި ތުހުމަތުކުރެވޭ މީހާ ތަހުގީގަށް ދީފައިވާ އިއުތިރާފުގެ ބަޔާނުގައި ހުރި ވާހަކަތަކާ ދިމާވާކަން ވެސް ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން ހައިކޯޓުން ފާހަގަކުރީ، ކުއްޖާ ޝަރީއަތަށް ދިން ހެކިބަހަށް ބަލައި، އެއީ ނުފޫޒެއް ނެތި ދިން ހެކިބަހަކަށް ވާތީ، ބާކީ ހުރި ހެކިތައް އެއްފަރާތްކޮށް ހަމައެކަނި ކުއްޖާ ޝަރީއަތަށް ދިން ހެކިބަހަށް ރިއާއަތްކޮށް މެޖިސްޓްރޭޓު ކޯޓުން މައްސަލަ ނިންމާފައިވާކަމެވެ. ނަމަވެސް، ދައުލަތުން ދަށު ކޯޓުގައި ފާހަގަކުރި ފަދައިން ކުއްޖާ ޝަރީއަތަށް ހެކިބަސް ދިންއިރު، އެއްވެސް ޖިންސީ އަނިޔާއެއް ލިބިފައިނުވާކަމަށް ބުނުމުގައި އެހެން ސަބަބެއް ވެސް އޮވެދާނެ ކަމަށް ހައިކޯޓުގެ ހުކުމުގައިވެއެވެ.

ތަހުގީގަށް ކިޔައިދިން ގޮތާއި، ކުއްޖާ މީހުންނަށް ކިޔައިދިން ކިޔައިދިނުމާއި، އެ ކުއްޖާ ޝަރީއަތުގައި ދިން ހެކިބަހުގައި ފުށޫއެރުންތަކެއް ހުރީ ކީއްވެގެންތޯ ސާފުކުރަން މެޖިސްޓްރޭޓު އެއްވެސް ސުވާލެއް ކޮށްފައިނުވާކަން ވެސް ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި ކުއްޖާ ތަހުގީގުގައި ކިޔައިދިން ވާހަކަތަކުގައިވާ ތަފްސީލުތަކަކީ ކުއްޖަކު ހަދައިގެން ނުވަތަ މީހަކު މަޖުބޫރުކޮށްގެން ވެސް ކިޔައިދޭނެ ވަރަށް ވުރެ މާ ތަފްސީލީ ގޮތެއްގައި ކިޔައިދީފައިވާ ވާހަކަތަކެއް ކަމަށް ބުނެފައިވެއެވެ.

”އަހުރެންނަށް ދަށު ކޯޓުގެ މި ނިންމުމާ އެއްބަހެއް ނުވެވެއެވެ. އެގޮތަށް އަހުރެން މި ފާހަގަކުރަނ،ީ އަނިޔާ ލިބުނު ކުއްޖާ ހާދިސާ ހިނގިތާ ކައިރީގައި ތަފްސީލީ ގޮތެއްގައި ކިޔައިދީފައިވާ ވާހަކަތަކަށް ބަލާއިރު، އެއީ ހަމަ ހަގީގަތުގައިވެސް ހިނގާފައިވާ ކަންތައްތަކެއް ކަމަށް ބެލެވުމުގެ ފުރުސަތު އޮތަތީއެވެ. އޭނާ ކިޔައިދީފައިވާ ކިޔައިދިނުންތަކުގައިވާ ތަފްސީލުތަކުގައި ހުރި ކަންކަމަކީ ކުއްޖަކު ހަދައިގެން ނުވަތަ މީހަކު މަޖުބޫރުކޮށްގެން ވެސް ކިޔައިދޭނެ ވަރަށްވުރެ މާ ތަފްސީލީ ގޮތެއްގައި ކިޔައިދީފައިވާ ކިޔައިދިނުންތަކެއްކަމަށް ބެލެވުމުގެ ފުރުސަތު އޮތަތީއެވެ.“ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ކުއްޖާ ޝަރީއަތަށް ހެކިބަސް ދީފައިވަނ،ީ ތަހުގީގަށް ބަޔާންދިންތާ ދެ އަހަރާ ގާތްވެފައި ވަނިކޮށް ކަމަށް ވާތީ ކުއްޖާ އެންމެ ފުރަތަމަ ކިޔައިދިން ކިޔައިދިނުމާއި ޝަރީއަތުގައި ދީފައިވާ ހެކިބަސް އަޅާކިޔައ،ި އެ ދެ ކިޔައިދިނުމުގައި ހުރި ކަންކަމާ ގުޅުވާލެވޭ ހެކިހުރި ނެތްގޮތް ބަލައި މި މައްސަލައިގައި އަލުން ހެކި ވަޒަންކުރަންޖެހޭކަމަށް ހުކުމުގައިވެއެވެ.

އެ ކުއްޖާ އެންމެ ފުރަތަމަ ކިޔައިދިން ގޮތާ ފުށުއަރާގޮތަށް ޝަރީއަތުގައި ހެކިބަސްދީފައި އޮތް އޮތުމަކ،ީ އޭގެ ޒާތުން ކުއްޖާގެ އަސާސީ ކިޔައިދިނުން ނަފީވެގެންދާނެ ނުވަތަ ބާތިލުވެގެންދާނެ ކަމެއް ނޫން ކަމަށް ވެސް ހުކުމުގައިވެއެވެ. އަދި ކުއްޖާ ފަހުން ބުނި ބަހަކީ ތެދު ކަމަށް ބަޔާންކުރާނެ ގާނޫނީ ހަމައެއް ނެތް ކަމަށް ބުނެފައިވެއެވެ.

ކުއްޖާ ދެ މަހައްލުގައި ކިޔައިދިން ދިނުން ތަފާތުވާ ހާލަތުގައި އެންމެ އިންސާފުވެރި އަދި އަދުލުވެރި ގޮތަކަށް ވާނީ އެ ކިޔައިދިނުންތަކުގައި ހުރި ކަންކަމަށް ބަލައ،ި ބުރަދަން ދިނުމުގައި ރައްކާތެރި ގޮތަކީ ކޮބައިތޯ ބަލައި އަދި ހެކިތަކުން ބާރު ލިބެނީ ކޮން ބުނުމަކަށްތޯ ބަލައި ފަނޑިޔާރު ގާނޫނީ ހަމައިން އެކަން ވަޒަންކުރުން ކަމަށް ހައިކޯޓުގެ ހުކުމުގައިވެއެވެ.

އެހެންކަމުން، ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ އެ މައްސަލަ އަލުން ބަލަން މެޖިސްޓްރޭޓު ކޯޓަށް ތަހުވީލުކުރުމަށެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު ހުސެއިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ. ރިޔާސަތަކީ ފަނޑިޔާރު ހަސަން ޝަފީއުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: