ކުރިއަށް އޮތްތަނުގައި ވަންގަވްއަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތަށް ބަދަލުވުމުން ޚިދުމަތް ހޯދުމުގައި ރައްޔިތުންނަށް މިހާރު ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް މިނިސްޓަރ އޮފް އިކޮނަމިކް ޑިވަލަޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދު މިހެން ވިދާޅުވީ، އޮންލައިންކޮށް ޚިދުމަތް ދިނުމުގެ ބޭނުކަމީ ކޮންމެ ތާކު ހުރެގެން ކޮންމެ ވަގުތެއްގައި ރައްޔިތުންނަށް ޚިދުމަތްތައް ހޯދުމުގައި ފަސޭހަކޮށް ދިނުންކަމަށްވާއިރު ރަސްމީ ވަގުތުތަކުގެ ބޭރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޕޯޓަލްއިން ޚިދުމަތްތައް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އެކަން ހައްލުވާނީ ކޮން އިރަކުންތޯ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގައި އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ދަތުރުފަތުރުގެ ޚިދުމަތްތަކަށް އެދި މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ޚިދުމަތަށް ހުށަހެޅުމުގެ ފުރުސަތު 24 ގަޑިއިރު އާންމުންނަށް، އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މިހާރު ބޭނުންކުރަމުންދާ ސިސްޓަމަށްވުރެ ލުއިފަސޭހަ ޒަމާނީ ޑިޖިޓަލް ސިސްޓަމެއް ވަންގަވް މެދުވެރިކޮށް ޤާއިމު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
”މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ޚިދުމަތަށް ހުށައެޅުމުގެ ފުރުސަތު 24 ގަޑިއިރު އާންމުންނަށް، އޮންލައިން ޕޯޓަލް މެދުވެރިކޮށް ވަނީ ހުޅުވާލެވިފައި،މިހާރު ބޭނުންކުރަމުންދާ ސިސްޓަމަށްވުރެ ލުއިފަސޭހަ ޒަމާނީ ޑިޖިޓަލް ސިސްޓަމެއް ވަންގަވް މެދުވެރިކޮށް ޤާއިމުކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން، ކުރިއަށް އޮތްތަނުގައި ވަންގަވްއަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތަށް ބަދަލުވުމުން ޚިދުމަތް ހޯދުމުގައި ރައްޔިތުންނަށް މިހާރު ދިމާވާ ދަތިތައް ފިލައި، ދާއިމީ ހައްލެއް ލިބިގެންދާނެ،“ ސައީދު
މިހާރު ބޭނުންކުރަމުންދާ ސިސްޓަމަށްވުރެ ލުއިފަސޭހަ އަދި ޒަމާނީ ފުލް ޑިޖިޓަލް ސިސްޓަމެއް ވަންގަވް މެދުވެރިކޮށް މިނިސްޓްރީއިން ޤާއިމު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވެ، މީގެ ސަބަބުން ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ޚިދުމަތް ލިބިގަތުމުގައި ފަސޭހަތަކެއް ވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.
ވަންގަވް އަކީ ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް އޮންލައިން ނިޒާމެއްގެ ތެރެއިން، އެއް ވިއުގައަކުން، ހަފްތާއަކު ހަތް ދުވަހު 24 ގަޑިއިރު ފޯރުކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި މަސައްކަތެކެވެ. ވަންގަވް މެދުވެރިކޮށް ގިނަ އަދަދެއްގެ އިދާރާތަކުގެ ހިދުމަތްތައް މިހާރު ވެސް ލިބޭއިރު، އެ ޕޯޓަލްއަށް ލޮގިން ވާން ޖެހެނީ އީފާސް މެދުވެރިކޮށެވެ.

