އުނގެނުމުގައި ހުރިހާ ދަރިވަރުން މިހާރަށްވުރެ ޒިންމާވާދާރުވެ ކިޔެވުމުގައި ޝައުގުވެރިވާން ޖެހޭކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މަތީ އަރުތަވެރީންގެ ހަފުލާގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، ދަރިވަރުން މިހާރަށްވުރެ ބޮޑަށް އެކުދިންގެ އުނެގެނުމަށް ޒިންމާވާންޖެހޭ ކަމަށެވެ. މިގޮތުން އުނގެނުމުގައި ޝައުގުވެރިވެ އަމިއްލަ ޒިންމާ ނަގާކަމަށްވާނަމަ ވިސްނުމާއި ފިލާވަޅު އުނގެނުމަށް ބޭނުންވާ އެކިއެކި އުކުޅުތައް ތަރައްޤީވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އިލްމީ އެކިއެކި ދިރާސާތަކުން ފާހަގަވާގޮތުގައި އަމިއްލަ އުނގެނުމަށް ޒިންމާދާރުވެ ކަންކަން ހޯދައި ބަލައި ކަންކަމާއި ދޭތެރޭ ވިސްނާ ދަރިވަރުން އުނގެނުމުގައި ދެމިހުރުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”އުނގެނުމުގައި ހުރިހާ ދަރިވަރުން މިހާރަށްވުރެ ޒިންމާވާދާރުވެ ކިޔެވުމުގައި ޝައުގުވެރިވާން ޖެހޭ، އުނގެނުމުގައި ޝައުގުވެރިވެ އަމިއްލަ ޒިންމާ ނަގާކަމަށްވާނަމަ ވިސްނުމާއި ފިލާވަޅު އުނގެނުމަށް ބޭނުންވާ އެކިއެކި އުކުޅުތައް ތަރައްޤީވެގެންދާނެ،“ މިނިސްޓަރ ޝަފީއު
މީގެ އިތުރުން، މިނިސްޓަރ ވަނީ ރާއްޖޭގައި ދަރިވަރުން ޓިއުޝަން ނެގުމުގެ ސަގާފަތެއް ވަރަށް ބޮޑަށް އަށަގެންފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދަރިވަރުން ސްކޫލުގައި 6 ގަޑިއިރުވަންދެން މަދަރުސާގައި ހޭދަކުރުމަށްފަހު ގެއަށްގޮސް ގޭގައި ގާތްގަނޑަކަށް 4 ގަޑިއިރާއި 6 ގަޑިއިރާއި ދޭތެރޭގެ ވަގުތެއް ޓިއުޝަންގައި ހޭދަކުރާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިކަމާ މެދު ފުންކޮށް ވިސްނަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ދަރިވަރުންނަށް މަދަރުސާއިން ބޭރުން އެހީތެރިކަން ބޭނުންވިޔަސް އެއެހީތެރިކަން ދޭންވާނީ މަދަރުސާގައި އުނގަންނައިދޭ ފިލާވަޅުތަކުގައި ދަރިވަރުން ނުގެއްލޭނެ ފަދަ ގޮތަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ސްކޫލުގައި މުދައްރިސު ކިޔަވާދޭ ފިލާވަޅަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ދަރިވަރުންނަށް ވިސްނާދޭންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހަމަ އެހެންމެ އެހާ ގިނަ ވަގުތުތަކެއް ޓިއުޝަނަށް ހޭދަކުރާނަމަ އޭގެ ނޭދެވޭ އަސަރު ކުއްޖާގެ ދުޅަހެޔޮކަމަށް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދަރިވަރުންގެ ވަގުތު މެނޭޖުކުރަން ދަސްކޮށްދިނުމާއި، ހިތްހަމަޖެހޭ ކަންކަމުގައި ވަގުތު ހޭދަކުރުމަކީ ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިރުތުން، ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލައަށް އިސްނަގާ ކަންކަން ބަލައި ހޯދާ ފިލާވަޅު ދަސްކުރާ ދަރިވަރުންގެ ސިކުނޑީގައި އާއި ހިތުގައި ގާތްގަޑަކަށް 75 އިންސައްތައާ ގާތްކުރާ އަދަދެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަމިއްލައަށް ޒިމްމާދާރުވުމުގެ ބަދަލުގައި މުޅިން އެހެން މީހުނަށް ބަރޯސާވެގެން ”ސްޕޫން ފީޑް“ ކުރާނަމަ ކުދިންގެ ހިތުގައި އާއި ސިކުނޑީގައި މައުލޫމާތު ހަރުލާފައި ހުންނަ މިންވަރު ދައްވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”އަމިއްލައަށް ޒިމްމާދާރުވުމުގެ ބަދަލުގައި މުޅިން އެހެން މީހުނަށް ބަރޯސާވެގެން ”ސްޕޫން ފީޑް“ ކުރާނަމަ ކުދިންގެ ހިތުގައި އާއި ސިކުނޑީގައި މައުލޫމާތު ހަރުލާފައި ހުންނަ މިންވަރު ދައްވެގެންދާނެ،“ މިނިސްޓަރ ޝަފީޢު
މިނިސްޓަރ ވަނީ މިކަމާ ދޭތެރޭ ވިސްނާ އެކަށީގެންވާ މިންވަރެއްގައި ބެލެނިވެރިންނާއި ދަރިވަރުންވެސް ހޭލުންތެރިވާންޖެހޭ ކަމަށް ވިދާޅުވެފައެވެ.

