ސްކޫލްތަކުގައި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފަށާފައިވާ ކަމަށާއި، އަންނަ އަހަރުން ފެށިގެން އެ މާއްދާގެ ތެރޭގައި އަހްލާގާއި ސުލޫކު ހިމަނައިގެން މުހިންމު ބަދަލުތަކެއް ގެންނަވާނެ ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ. ޝަފީއު މިހެން ވިދާޅުވީ ”އަހާ“ ފޯރަމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ޑރ. ޝަފީއު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ އަހަރު، 2024 ވަނަ އަހަރުން ފެށިގެން ތަފާތު ކީ-ސްޓޭޖުތަކަށް އަމާޒުކޮށްގެން ގައުމިއްޔަތު މާއްދާ ތައާރަފުކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ އަހަރު ކީ-ސްޓޭޖު 1 އަދި 2 އަށް މި މާއްދާ ތައާރަފުކުރެވުނުއިރު، 2026ވަނަ އަހަރު ކީ-ސްޓޭޖު 3 އާ ހަމައަށް އެ މާއްދާ ކިޔަވައިދޭން ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެ މާއްދާ އިތުރަށް ހަރުދަނާކުރުމަށް ޓަކައި ގެންނަ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މި އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅާ އެއްގޮތަށް، ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ރިވެތި އާދަތަކާއި ގައުމުގެ މުހިންމު ބަހާތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަކީ މުހިންމު އަމާޒެއް ކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވުމަށްޓަކައި މިހާރު ވެސް ”ބިންގާ“ ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
”މި ސަރުކާރުގެ ފުރަތަމަ އަހަރުން ފެށިގެން ގައުމިއްޔަތުގެ މާއްދާ ވަނީ ތައާރަފް ކުރެވިފަ. އަދި އަންނަ އަހަރު ކުދި ބަދަލުތަކެއް ގެނެސް ކާބަފައިގެން ތެރެއިން ވާރުތަވެފައިވާ ރިވެތި އާދަތަކާއި ގައުމުގެ މުހިންމު ބަހާތައް ހިމެނޭ ގޮތަށް ބިންގާ ނަމުގައި ޕްރޮގްރާމެއް ވަނީ ފަށާފަ. ދިވެހިރާއްޖޭގެ 200 ސްކޫލެއްގައި ގާތްގަނޑަކަށް 15700 އަށްވުރެ ގިނަ ހަރަކާތް ދަރިވަރުން ޝާމިލުވާ ގޮތަށް އަޅުގަނޑުމެންނަށް މިވަނީ ބޭއްވިފައި،“ ވަޒީރު ޝަފީއު
ވަޒީރު ހާމަކުރެއްވި ގޮތުގައި، ކޮންމެ މަހަކަށް ހާއްސަ ތީމެއް އެކުލަވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން، ރާއްޖޭގެ 200 އެއްހާ ސްކޫލެއްގައި 15،700 އަށް ވުރެ ގިނަ ހަރަކާތް މިހާތަނަށް ވަނީ ހިންގިފައެވެ. އަދި މި ހަރަކާތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ލައްކައެއްހާ ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާތަނަށް ލިބިފައިވާ ތަޖުރިބާއާއި މައުލޫމާތަށް ބިނާކޮށް، އަންނަ އަހަރުން ފެށިގެން ގައުމިއްޔަތު މާއްދާއަށް ކުދި ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ގައުމިއްޔަތު މާއްދާގެ ތެރެއަށް ދިވެހި ކާބަފައިންގެ ތާރީހާއި، ގައުމުގެ މުހިންމު ބަހާތަކުގެ އިތުރުން، އެބޭފުޅުންގެ ކިބައިން ވާރުތަވި ރިވެތި އަގްލާގާއި ސުލޫކު އެއްކޮށްލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވަޒީރު ޑރ. ޝަފީއު ވިދާޅުވިއެވެ.

