ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރު މުދައްރިސުންނަށް ބޭނުންވާ ކޮމްޕިއުޓަރު ފޯރުކޮށްދެވޭނެ: ޝަފީއު

މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ.އިސްމާއީލް ޝަފީއު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރާ ކޮންމެ މުދައްރިސަކަށް ވެސް މަސައްކަތް ކުރުމަށް ބޭނުންވާ ކޮމްޕިއުޓަރު ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަފީއު މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވަމަށް ބާއްވާ ”އަހާ ފޯރަމް“ ގައި ވާހަކަދައްކަވަމުންނެވެ.

އެ ފޯރަމްގައި މިނިސްޓަރު ވަނީ މުދައްރިސުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޮމްޕިއުޓަރު ސިސްޓަމްތައް މަދަރުސާތަކުގައި ގާއިމުވެފައި ނެތުން ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން، އެކަމަށް ހައްލެއް ގެނައުމަށް އަވަސް މުސްތަގުބަލެއްގައި ޓީޗަރުންނަށް ބޭނުންވާ ކޮމްޕިއުޓަރު ސިސްޓަމްތައް ގާއިމްކުރެވި މުސައްރިސުން ލެސަން ޕްލޭން ހެދުމަށް ފަސޭހަވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު، އަތޮޅުތަކާއި މާލޭގެ ސްކޫލްތަކުގެ އިންފްރާސްޓްރަކްޗާ ރަނގަޅުކުރުމަށް ސަރުކާރުން އިސްކަންދީގެން މަސައްކަތް ކުރަމުންދާކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކޮންމެ މުދައްރިސަކަށް ބޭނުންވާ މެޝިން (ލެޕްޓޮޕް/ކޮމްޕިއުޓަރު) ފޯރުކޮށްދިނުމުގެ މަސައްކަތް މި އަހަރު ނިމުމާއެކު ކުރިއަށް ގެންދަވާނެ ކަމަށެވެ.

”އަޅުގަނޑުމެންގެ މުދައްރިސުންނަށް ވެސް ދިމާވެފަ އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ މުދައްރިސުން ކޮންމެ މުދައްރިސަކަށް ހަގީގަތުގައި، އަޅުގަނޑު ހަމަ ގަބޫލުކުރަން ރާއްޖޭގެ ސްކޫލްތަކުގައި ކޮމްޕިއުޓަރ ގާއިމްކުރެވިފަ ނުހުރޭ. މުދައްރިސުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ މުދައްރިސުންނަށް މަދަރުސާތަކުގައި ކޮމްޕިއުޓަރު ގާއިމުވެފައި ނެތުން. ޓީޗަރުނަށް ބޭނުންވާ ކޮންޕިއުޓަރު ފޯރުކޮށްދިނުމުގެ މަސައްކަތް މި އަހަރު ނިމުމާއެކު ކުރިއަށް ގެންދާނަން،“ މިނިސްޓަރު ވިދާޅުވިއެވެ.

މި ވަސީލަތްތައް ލިބުމުން، ލެސަން ޕްލޭން ހެދުމާއި، ނޯޓްސް ތައްޔާރުކުރުމާއި، ޓެސްޓް ކަރުދާސްތައް އެކުލަވާލުމުގައި ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމައަށް ހިފި، މުޅި ތައުލީމީ ނިޒާމަށް އޭގެ ހެޔޮ ބަދަލު އަންނާނެ ކަމަށް މިނިސްޓަރު ޑރ. ޝަފީއު ވިދާޅުވިއެވެ.

”އަމާޒަކީ އޭއައި ބޭނުކުރާ ޓީޗަރުންގެ ފައުޖެއް ބިނާކުރުން“

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ދުނިޔެ ވަރަށް ބޮޑަށް ބަދަލުވަމުން އަންނަ ކަމަށާއި، ޚާއްސަކޮށް ފާއިތުވި ހަތެއްކަ އަހަރު ދުވަހުގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތައުލީމީ ދާއިރާއަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނުވާފައިވާ ކަމަށެވެ. އެގޮތުން، ކޮވިޑްގެ ދުވަސްވަރު ޗެޓްޖީޕީޓީ ތައާރަފްވެގެން އައިއިރު ގިނަ ބަޔަކު އެއީ ހަމައެކަނި ސާޗް އިންޖީނެއް ކަމަށް ދެކުނު ނަމަވެސް، މިއަދު ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އޭއައިގެ ބޭނުން ތައުލީމީ ނިޒާމުގައި ވަރަށް ބޮޑަށް ހިފަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ ބައިނަލްއަގުވާމީ ކަރިކިއުލަމަކަށް ކިޔަވައިދޭ ގައުމަކަށް ވެފައި، ޕްރައިމަރީ މަރުހަލާ ވެސް އެ ކަރިކިއުލަމާ އެއްގޮތަށް ބައްޓަންކޮށްފައި އޮތުމުން، އޭއައި ފަދަ އައު ޓެކްނޮލޮޖީތަކަށް ރާއްޖެ އަބަދުވެސް އޮންނާނީ ފަހިވެފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެފަދަ ބަދަލުތައް ގެނައުމުގައި އެންމެ މުހިންމު ބަޔަކީ މުދައްރިސުން ކަމަށްވާއިރު، މިދިޔަ ރަމަޟާން މަހު ވެސް ޓީޗަރުންނަށް އޭއައި ތަމްރީނު ޕްރޮގްރާމްތަކެއް ހިންގާފައިވާނެ ކަމަށް މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވިއެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)ގެ ”އެދުރު“ ޕްލެޓްފޯމް މެދުވެރިކޮށް، އަދި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުން ހިމެނޭހެން، ހުރިހާ މުދައްރިސުންވެސް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުން އަހުލުވެރިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ތަނުގައި އޭއައި ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ގާބިލުކަން ހުރި ޓީޗަރުންގެ ފައުޖެއް ރާއްޖޭގައި ބިނާކުރުން ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ދިވެހި މުދައްރިސުންނަކީ މިފަދަ ޓެކްނޮލޮޖީތަކަށް ވަރަށް ޝައުގުވެރި އަދި އަހުލުވެރި ބައެކެވެ. އެހެންކަމުން މިއީ ގޮންޖެހުމެއް ނޫން ކަމަށާއި، މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސްކޫލްތަކުގެ ކްލާސްރޫމްތަކުގައި ވަސީލަތްތައް ނެތުމާއި އިންފްރާސްޓްރަކްޗާގެ ދަތިކަން ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: