ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައުލީމުގެ ބިލަށް ޖާރިޔާ ގާނޫނޭ ކިޔައިގެން އުޅެނީ ރާއްޖެ ހަލާކުކުރަން ނިކުމެ ތިބި ބައެއް: އިބްރާހީމް ދީދީ

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ/ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތައުލީމުގެ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހަކީ ”ޖާރިޔާ ބިލެއް“ ކަމަށް ބުނެ ސިފަކުރަމުންދަނީ ދިވެހިރާއްޖެ ހަލާކުކޮށްލަން ނިކުމެ ތިބި ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ، ކޮންމެ ދިވެހި ރައްޔިތަކަށް ތައުލީމު ފޯރުކޮށްދިނުމަކީ ގާނޫނުއަސާސީން ދައުލަތަށް ލާޒިމުކުރާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި އެކި ހާލަތްތައް މެދުވެރިވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ގިނަ އަދަދެއްގެ ކުދިން އެބަތިބި ކަމަށާއި، އެފަދަ ކުދިންގެ އިހްސާސްތައް އެނގޭނީ އެފަދަ ކުއްޖެއްގެ މައިންބަފައިންނަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގައި ކުރީގައި ވެރިކަން ކުރައްވާފައިވާ ބޭފުޅުން ޖާރިޔާ ބިލޭ ކިޔައިގެން ވާހަކަ ދެއްކިޔަސް އެބޭފުޅުންގެ އެކަހަލަ ކުއްޖަކު ނެތިއްޔާ އެ އިހުސާސެއް ނުކުރެވޭނެކަމަށް މެމްބަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައްޔާއި ރައީސް އޮފީހުން އެޕޮއިންޓްމަންޓް ނަގައިގެން ގިނަ ބެލެނިވެރިން އެމަނިކުފާނާ ބައްދަލުކޮށް އެފަދަ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ. އެގޮތުން، ބައެއް ކުދިންނަށް އާންމު ސްކޫލުތަކުގައި އެހެން ކުދިންނާއެކު އުޅެން ދަތިވުމާއި، ބުލީކުރުމުގެ މައްސަލަތައް ކުރިމަތިވެގެން ސްކޫލަށް ފޮނުވަން ކިތަންމެ މަސައްކަތެއް ކުރިޔަސް ނުދާ ކުދިން ތިބިކަން އޭނާ ހާމަކުރެއްވިއެވެ.

މެމްބަރު ދީދީ ވިދާޅުވީ، ތައުލީމާ ބެހޭ މިހާރުގެ ގާނޫނާ ފުށުއަރާ ގޮތަށް ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭނެތީ، ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް، އެކުދިންނަށް އެކަށޭނަ ގޮތަކަށް އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ. އަދި މިއީ ކޮންމެ މީހަކު ބުނާ އިރަށް ގޭގައި ކްލާސް ނަގައިދިނުމާއި އޮންލައިންކޮށް ކިޔަވައިދިނުމަށް ހުޅުވާލާ ފުރުސަތެއް ނޫން ކަމަށާއި، ދައުލަތުން ވަކި ޝަރުތުތަކެއް ބަލައި އެ ހާލަތު މެދުވެރިވެފައިވާ ކުދިންނަށް އެކަނި ދެވޭނެ ލުޔެއް ކަމަށް ވިދާޅުވިއެވެ. އަދި ގާނޫނަށް އިސްލާހު ގެނެވެނީ އެއްވެސް ކުއްޖަކު ބާކީ ނުވާ ގޮތަށް ކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ.

ނަމަވެސް، މި ބަދަލު ގެންނަން އުޅުމުން މި ބިލަށް ”ޖާރިޔާ ބިލު“ އަދި ”ޖާރިޔާ ގާނޫނު“ ކިޔައިގެން ވާހަކަ ދައްކަނީ ރާއްޖެ ހަލާކުކުރަން އުޅޭ ބައެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

”މިހާރު މި ގާނޫނަށް ޖާރިޔާ ގާނޫނޭ ކިޔަން ފަށައިފި. އެހެންވީމަ މިއީ އަސްލު ދިވެހިރާއްޖޭ ހަލާކުކުރަން ނުކުމެތިބި ބައެއް. މިއީ މިއަދު އެ ވާހަކަ ދައްކަވާ ބޭފުޅުން ވެރިކަމުގައި ތިއްބެވިނަމަ މި ބިލު ވާނީ ވަރަށް ރަނގަޅު ބިލަކަށް. އަޅުގަނޑު ހަމަ ހިތާމަކުރަން ދެރަވެސްވޭ ލަދުގަނޭ، ކުރީގައި ވެރިކަން ކޮށްފައިތިބި ބޭފުޅުން މިކަހަލަ އިބާރާތަކުން ދިވެހި ރާއްޖޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ނިސްބަތްކޮށް މިވައްތަރަށް ވާހަކަ ދެއްކީމަ،“ މެމްބަރު އިބްރާހީމް ދީދީ

ވެރިކަން ކޮށްފައި ތިއްބެވި ބައެއް ބޭފުޅުން މިފަދަ ހަޑިހުތުރު އިބާރާތުން ރާއްޖޭގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ނިސްބަތްކޮށް ވާހަކަދެއްކުމުން އެކަމާ ނުހަނު ލަދުގަނެ ހިތާމަކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަޖިލީހުގައި މި ވާހަކަ ދައްކާ ބޭފުޅުންނާއި ސޯޝަލް މީޑިއާގައި މިފަދަ ވާހަކަ ފަތުރާ ފަރާތްތަކުގެ އެފަދަ ކުއްޖަކު ނެތުމުން އެ އިހްސާސް ނުކުރެވޭ ކަމަށާއި، އެފަދަ ބޭފުޅުންގެ މިހާރު އެއްވެސް ”ގޮތެއް ފޮތެއް“ ނެތް ކަމަށް ވިދާޅުވެ މެންބަރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: