ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯމް ސްކޫލިން ދޭނީ ތައުލީމީ ނިޒާމުގެ ތެރެއިން، ހަރުކަށި ފިކުރަށް ފުރުސަތު ދޭކަށް ނޫޅޭ: ހުސްނީ

ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް ސްކޫލިން ފޯރުކޮށްދިނުމާ ގުޅޭ އުސޫލުތައް ގާނޫނުގައި ބަޔާންކުރަނީ ތައުލީމީ ނިޒާމުގެ ތެރެއިން ހޯމް ސްކޫލިން ފޯރުކޮށްދޭ ގޮތަށް ނޫން ކަމަށާއި، އެއީ ހަރުކަށި ފިކުރަށް ޖާގަ ދޭން ކުރާ ކަމެއް ވެސް ނޫން ކަމަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު މިއަދު ވިދާޅުވެއްޖެއެވެ.

ހޯމް ސްކޫލިން ތައާރަފްކުރުމަށް ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ޖާރިޔާއިން އުފެއްދުމުގެ ހީލަތްތެރި ރޭވުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވާފައިވާއިރު، އެ ބިލަށް މަޖިލީހުގައި ބަހުސްކުރައްވަމުން، ހުސްނީ ވަނީ އެކަން ކުށްވެރިކުރައްވައިފައެވެ.

އޭނާ ވިދާޅުވީ، ހޯމް ސްކޫލިން ދިނުމަކީ އެއްވެސް ހާލެއްގައި އަންހެން ދަރީން ތައުލީމުން އެކަހެރިކޮށް ގޭގައި ބައިތިއްބައިގެން ވަކި ގޮތަކަށް ތަރުބިއްޔަތުކުރުމަށް ފުރުސަތު ދިނުމެއް ނޫން ކަމަށެވެ. އަދި އެހެން ސިފަކުރާނަމަ ހޯމް ސްކޫލިންއަކީ ލާދީނިއްޔަތަށް ކުދިން ތަރުބިއްޔަތުކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ވެސް ސިފަކުރެވިދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

”ހަމަ އެގޮތަށް ގަބޫލުކުރަންވީނޫންތޯ އެ ފުރުސަތު ފަހިކޮށްދިނުމަކީ ލާދީނިއްޔަތަށް ކުދިން ތަރުބިއްޔަތުކުރުމަށް ލިބިދޭ ފުރުސަތެއްގެ ގޮތުގައި ވެސް، ކީއްވެގެންތޯ ކޮންމެހެން އިސްލާމީ ހާލަތުގައި އަޅުވައިފައި އިސްލާމްދީނުގައި ވަކި ގޮތަކަށް ވަކި ހަރުކަށި ފިކުރެއް ފަހިކުރުމަށް އެ ފިކުރަށް ފުރުސަތު ފަހިކޮށްދޭން ގެންނަ ބަދަލެއްގެ ގޮތުގައި ތަސައްވުރުކޮށްދޭން އުޅެނީ؟،“ ހުސްނީ

ހޯމް ސްކޫލިން ދިނުމަކީ ސްކޫލެއްގައި ރަޖިސްޓްރީ ނުކުރެވި، ނުވަތަ ތައުލީމީ ނިޒާމުގެ ބެލެހެއްޓުމުގެ ބޭރުން ކުރަން އުޅޭ ކަމެއް ނޫން ކަމަށާއި، އެއީ އެއްވެސް ހާލެއްގައި ހަރުކަށި ފިކުރަށް ނުވަތަ ޖާރިޔާއިން އުފެއްދުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޯމް ސްކޫލިންގެ ޝަރުތުތަކުގެ ތެރޭގައި ދަރިވަރުގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުމެއް ހުރުން ނުވަތަ އެ ނޫންވެސް ހާއްސަ ހާލަތެއް މެދުވެރިވެފައިވުން ހިމެނޭއިރު، އެ ނޫން ހާއްސަ ހާލަތްތަކަކީ ކޮބާތޯ ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ސުވާލު އުފައްދަވަމުންނެވެ. އެކަމާ ގުޅޭގޮތުން ހުސްނީ ވިދާޅުވީ، އެ ގާނޫނުގެ ދަށުން މިނިސްޓްރީން އެކުލަވާލާ ގަވައިދުގައި އެކަންކަން ތަފްސީލީ ގޮތެއްގައި ބަޔާންކުރެވިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން، ހޯމް ސްކޫލިން ދިނުމަށް ބެލެނިވެރިން މާލީ ގޮތުން ގާބިލު ބަޔަކަށް ވާންޖެހޭކަމަށް ޝަތުރުކޮށްފައިވާއިރު، އެކަމާ ގުޅިގެން އިދިކޮޅު ބައެއް މެމްބަރުން ސުވާލު އުފައްދަވާކަން ހުސްނީ ފާހަގަކުރެއްވިއެވެ. ހޯމް ސްކޫލިން ދިނުމަށް ބެލެނިވެރިން މާލީ ގޮތުން ގާބިލު ނޫންނަމަ، އެކަން ކުރެވޭނެ މަގެއް ދައުލަތުން ތަނަވަސްކޮށްދޭންޖެހޭ ކަމަށާއި އެ ޝަރުތު ހިމަނާފައިވަނީ އެކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށް ގަބޫލުފުޅުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. އިސްލާހުގައި އިބާރާތް އޮތް ގޮތުން ވަކި ބަޔަކު އިސްތިސްނާ ވަނީ ކަމަށް ސުވާލެއް އުފެދެނީ ކަމަށް ވެދާނެ ކަމަށާއި އެ އިބާރާތް ކޮމިޓީ މަރުހަލާގައި އިސްލާހުކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، އެ ބިލުގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން އޭނާ ވިދާޅުވީ، ޒަމާނުއްސުރެ ޗުއްޓީ އޮތް ގޮތަށް ބަދަލުކުރުމުން ދަރިވަރުންނަށް ޓެސްޓުތަކަށް ތައްޔާރުވުން ފަދަ ކަންކަމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވިކަމަށެވެ. އެހެންކަމުން، ދިރާސީ އަހަރު ވަކި ގޮތަކަށް ކަނޑައެޅުން ގާނޫނުގައި ހިމެނުމަކީ ވަރަށް ރަނގަޅު ބަދަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް އެ ބިލު ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ، ކުއްޖާގެ ނުކުޅެދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތަށް ބަލައި ހެދޭ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ގޭގައި ތިބެގެން މަދަރުސީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދިނުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުސަތު ދިނުމަށް ބޭނުންވާ ޝަރުތުތަކާއި އުސޫލުތައް ގާނޫނުގައި ސާފުކޮށް ބަޔާންކުރުން ކަމަށް ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: