ރާއްޖެ ދަރުވާލުމުގެ މޭސްތިރިއަކީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީން ބޭއްވި ޕެނަލް ޑިސްކަޝަންގައި ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ދެއްކެވި ވާހަކައަކާ ގުޅިގެން ވަނީ ސުވާލު ކުރައްވާފައެވެ. އެކަމަށް ރައްދު ދެއްވާ ސައީދު ވިދާޅުވީ ޑޮލަރު ނުލިބެނީ ބޭކާރު ހަރަދު ކުރާތީ ކަމަށް އަމީރު ވިދާޅުވާއިރު، އެއީ އެކަން ކުރެއްވި މޭއްސްތިރިޔާ ކަމަށެވެ. ރާއްޖެ ދަރުވާލުމުގެ މޭސްތިރިޔަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ފިނޭންސް މިނިސްޓަރު ކަމަށާއި ރާއްޖެ މިހިސާބަށް ވައްޓާލީވެސް އަމީރު ކަމަށެވެ.
”ދެން މިއަދު ހަމަ ތުރުކުރައްވައިގެން ހުރި ގަމީސް އަނެއް ފަރާތައް ބަދަލުކުރައްވައިގެން އެހެން ޕޯޑިއަމްއެއްގައި އެ ވިދާޅުވަނީ. އެެހެންވީމާ އަމީރު އެއީ އެންމެ ރަނގަޅު ބޭފުޅެއް ނޫން އެ ވާހަކަފުޅުތައް ދައްކަވާކަށް. 19 ވަނަ މަޖިލީހުގައި ކޮމިޓީތަކަށް ހާޒިރުކުރީ ކިތައް ފަހަރުތޯ ބައްލަވާ ރިކޯޑް. ހަމަ އަމީރު ނިސްބަތްވާ ޕާޓީގެ މެމްބަރުން، ސީދާ އަމީރަށް ރައްދުކޮށް އެވާހަކަ ދައްކާފައި ނެތްތޯ ބައްލަވާ،“
ސައީދު ވިދާޅުވީ، އެ ޕެނަލްޑިސްކަޝަންގައި އަމީރާއެކު ދެން ތިއްބެވީ އޭރު މަޖިލީހުގެ ކޮމިޓީތަކުގައި އަމީރަށް ފާޑުވިދާޅުވި ދެ ”ފަންނާނުން“ ކަމަށެވެ. ފައިސާ ޗާޕުކުރާތީ އެކަމާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލި މީހަކީ ޕެނަލްގައި އިންނެވި އިލްޔާސް ލަބީބު ކަމަށް ސައީދު ވިދާޅުވިއެވެ.
ޑޮލަރު މައްސަލަ ހައްލުކުރަން، މި ސަރުކާރުން ކުރި ކަންކަން ބަޔާންކުރައްވަމުން ސައީދު ނަންގަތީ ބޭރު ފައިސާ މާރުކުރަން މަޖުބޫރުކުރުމުގެ ސިޔާސަތެވެ. އޭނާ ވިދާޅުވީ، މިއީ އެއްވެސް ސަރުކާރަކަށް ކުރަން ކެރުނު ކަމެއް ނޫން ކަމަށާއި އެކަން ކުރީ ގައުމު ދަރަނިން ސަލާމަތްކުރަން ޖެހިގެން ކަމަށެވެ. އަދި، މިހާތަނަށް މި ސަރުކާރުގައި ދެ ބިލިއަން ޑޮަލަރަށް ވުރެ ގިނަ ދަރަނި އަނބުރާ ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި، ޑޮލަރުގެ ތާށިކަމުގެ ވާހަކަ އަމީރު ދެއްކެވެމުން އޭނާއަށް ”އައިބު“ ކަމަށް ސިފަވާ އަނެއް ސަބަބަކީ ކުރީ ސަރުކާރުގައި އާމްދަނީ އިތުރުކުރަން އެއްވެސް ކަމެއް ކޮށްފަައި ނެތުމެވެ. އޭނާ ވިދާޅުވީ، އެ ސަރުކާރުގައި އާމްދަނީ އިތުރުކުރަން ހަމަ އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.

