ކަނޑުމަގުން ރާއްޖެއެތެރެކުރަން އުޅުނު 3.1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތީ އިއްޔެ ހިންގުނު އޮޕަރޭޝަނެއްގައި ކަމަށެވެ. މި ތަކެތީގެ ޖުުމްލަ މަަގުމަތީ އަގު 5.6 މިލިއަން ދިވެހި ރުފިޔާއަށްވުރެ އިތުރު ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައި ވަނީ އިއްޔެ މާލެ ކޮމާޝަލް ހާބަރުންނެވެ. ކަނޑުމަގުން ރާއްޖެއަށް ގެނައި މުދަލެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ފެނުނު ތަކެތި ތަހުލީލު ކުރިއިރު، އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ”ސިންތެޓިކް ކެތިނޯން“އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގުކުރުމަށް ޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކުރެވިފައެވެ.
މިދިޔަ ހޮނިހުރު ދުވަހުވެސް ކަސްޓަމްސްއިން ވަނީ ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 5.5 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މި އޮޕަރޭޝަނުގައި އަތުލައިގެން މަސްތުވާތަކެތީގެ މަގުމަތީ އަގު 4.4 މިލިއަން ރުފިޔާއަށް އަރައެވެ.
ރާއްޖެއަށް އެތެރެކުރާ މުދާ އިތުރަށް ސްކްރީންކޮށް، ގަވާއިދާ ހިލާފު ތަކެތި އަތުލައިގަތުމަށް ކަސްޓަމްސްއިން ދަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ.

