ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކައިރީގައި ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ފަދަ ކަންތައްތަކެއް ހިނގަމުންދާ ކަމަށާއި ނަމަވެސް، އެއްވެސް ބިރެއް ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިވެހި ސިފައިން ބަލަހައްޓާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ، އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖެއަށް ހަދިޔާކުރި ”އިމާދުއްދީން“ މަނަވަރު ރަސްމީކޮށް ޚިދުމަތަށް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މޭޖަރ ޖެނެރަލް ހިލްމީގެ ވާހަކަފުޅުގައި، ސަރަހައްދީ ސަލާމަތީ މަސްރަހަށް އަންނަ ބަދަލުތަކާއި، ރާއްޖޭގެ ބޯޑަރުގެ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކުގެ ސަބަބުން ގައުމުގެ ދާޚިލީ އަމާންކަމަށް ކުރާ އަސަރުތަކަށް އަލިއަޅުއްވާލެއްވިއެވެ. ރާއްޖޭގެ އިސްތިގުލާލަށް އުނިކަން އަންނަ ފަދަ އަމަލުތައް ހުއްޓުވުމަށާއި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް މިފަދަ އަސްކަރީ އުޅަނދުތަކުގެ މުހިންމުކަން މިހާރު އިތުރުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
1980 އިން ފެށިގެން ކޯސްޓްގާޑުން އަދާކުރަމުންދާ ދައުރަށް އިޝާރާތްކުރައްވައި، ކަނޑުމަތީގައި ގާނޫނު ތަންފީޒުކޮށް ސަލާމަތްތެރިކަން ދެމެހެއްޓުމަކީ އެ ފަރާތުގެ މައިގަނޑު ޒިންމާކަމަށް ވިދާޅުވިއެވެ. އަދި މި އާ މަނަވަރާއެކު، ގައުމުގެ ސިޔާދަތު ދިފާއުކުރުމަށް ބޭނުންވާ އަސްކަރީ ބާރުވެރިކަން އިތުރުވެ، ސިފައިންނަށް ހަވާލުކުރެވިފައިވާ ގައުމީ ވާޖިބުތައް އަދާކުރުމުގައި އާ ކުރިއެރުންތަކެއް ލިބޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.
މީގެއިތުރުން، މި މަނަވަރަކީ ބޭރު ގައުމުތަކަށް ކުރާ ޒިޔާރަތްތަކުގައި ރާއްޖޭގެ ފަޚުރުވެރި ދިދަ އުފުލައިދޭނެ، ނޭވަލް ޑިޕްލޮމެސީގެ މުހިންމު ވަސީލަތެއްކަމަށްވެސް ހިލްމީ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގެ އެއްގަމާއި ކަނޑާއި ވައިގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އައު މަނަވަރަކީ ރާއްޖޭގެ ދިފާއީ ވަސީލަތްތައް ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ޒަމާނީ އުޅަނދެއްކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.
ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލްކަން އިތުރަށް ވަރުގަދަކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އަންނަ ނޮވެންބަރު މަހުގެ ކުރިން 20 އިންޓަސެޕްޓަރު އުޅަނދު ހޯދުމަށް މިހާރު ވަނީ ނިންމާފައެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާ އެކި ހަރަކާތްތައް މޮނިޓަރކޮށް، ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
އަލަށް ޚިދުމަތަށް ނެރުނު ”އިމާދުއްދީން“ މަނަވަރާއެކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިމާވާ ގޮންޖެހުންތަކަށް އިޖާބަދިނުމުގެ ހަލުވިމިން އިތުރުވެގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ދިވެހި ސިފައިންގެ ގާބިލްކަން މަތިކޮށް، ގައުމުގެ އިސްތިގުލާލު ހިމާޔަތްކުރުން ކަމަށް މި ރަސްމިއްޔާތުގައި ފާހަގަކޮށްފައިވެއެވެ.

