އޮސްޓްރޭލިއާގެ މަޝްހޫރު ބޭންޑެއް ކަމަށްވާ ”ބިޔޯން އަގެއިން“ އިން މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ތައްޔާރުވަމުންދިޔަ މިއުޒިކް ޝޯ ސަރުކާރުން ކުއްލި ގޮތަކަށް ކެންސަލްކުރުމާ ގުޅިގެން، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު ވިދާޅުވީ މި ޝޯ އިންތިޒާމުކުރި ފަރާތަށް ލިބުނު ބޮޑު މާލީ ގެއްލުމުގެ ބަދަލު ދައުލަތުން ދޭންޖެހޭނެ ކަމަށެވެ. އަދި އެ ގެއްލުމުގެ ބަދަލުގައި ދޭންޖެހޭ ފައިސާ، އެކަމާ ގުޅުންހުރި ވަޒީރު ނުވަތަ މިނިސްޓަރުގެ އަމިއްލަ އަތުން ހޯދަންޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ޝޯ ކެންސަލްކުރި އިރު، ބޭންޑުގެ މެންބަރުން ރާއްޖެ އައިސް، ޝޯ ބޭއްވުމަށްޓަކައި ސްޓޭޖު އެޅުމުގެ ހުރިހާ މަސައްކަތެއްވެސް އޮތީ ނިމުމަކާ ގާތްވެފައެވެ. މިފަދަ ދަނޑިވަޅެއްގައި ޝޯ ހުއްޓުވުމަކީ އިންތިޒާމުކުރި ފަރާތަށް އިއާދަނުކުރެވޭނެ ފަދަ ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މި މައްސަލައިގައި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ މިއުޒިކަކީ މަނާކުރެވޭނެ އެއްޗެއް ނޫން ކަމަށާއި، ސަރުކާރުގެ މި ނިންމުމަކީ ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށެވެ.
ޝޯ ކެންސަލްކުރަން ޖެހުނު ސީދާ ސަބަބު ސަރުކާރުން ސާފުކޮށް ހާމަކޮށްފައި ނުވާތީ، ފައްޔާޒު ވަނީ މިއީ ”ފިނޑި ސަރުކާރެއް“ ގެ ގޮތުގައި ސިފަކުރައްވާފައެވެ. ސަބަބު ބުނަން ނުކެރި ޝޯ ހުއްޓުވުމަކީ ސަރުކާރުގެ ނުކުޅެދުންތެރިކަން ހާމަވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ބުނެފައި ވަނީ އޮސްޓްރޭލިއާގެ މަޝްހޫރު ’ބިޔޯން އަގެއިން‘ ބޭންޑުގެ ޝޯ ރާއްޖޭގައި ބާއްވަން އުޅެނިކޮށް ސަރުކާރަކުން ނުހުއްޓުވާ ކަމަށާއި އެދުނީ ސޯޝަލް ސެންޓަރު ނޫން އެހެން ތަނެއްގައި ޝޯ ބާއްވަން ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ ފަރާތުން އެދިފައިވަނީ ސޯޝަލް ސެންޓަރުގެ ބަދަލުގައި އެހެން ތަނެއްގައި އެ ޝޯ ބޭއްވުމަށެވެ. ސޯޝަލް ސެންޓަރުގައި ޝޯ ބޭއްވުމަށް މިނިސްޓްރީން އިއުތިރާޒު ކުރީ، އެތަނުގެ އިންޑޯ ހޯލާއި ފުރާޅުގެ މަރާމާތުތަކެއް ކުރަން ހުރުމުގެ ސަބަބުން ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، ޝޯ ބޭއްވުމަށް އެހެން ތަނެއް ހަމަޖެއްސުމުގައި އެހީތެރިވެދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓްރީން ވަނީ ޝޯ އިންތިޒާމުކުރާ ފަރާތަށް ދީފަ އެވެ. މިނިސްޓްރީގެ މަގްސަދަކީ ޝޯ ހުއްޓުވުން ނޫން ކަމަށާއި، އެކަން ކުރިއަށް ގެންދިއުމަށް އެކަށީގެންވާ މާހައުލެއް ހޯދައިދިނުން ކަމަށްވެސް ބުނެފައިވެއެވެ.
މި މިއުޒިކް ޝޯއަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ހަރަކާތަކަށްވާއިރު، މިނިސްޓްރީގެ މި ނިންމުމާއެކު ޝޯ ދެން ބާއްވާނެ ތަނެއްގެ މަޝްވަރާތައް މިހާރު ދަނީ ކުރެވެމުންނެވެ.

