ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް، އޭޝިއަން ބޭންކަރސް އެސޯސިއޭޝަން (އޭބީއޭ)ގެ ޗެއާމަންކަމަށް އައްޔަންކޮށްފިއެވެ.
މިއީ މި މަގާމަށް ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ. އޭބީއޭ ބޯޑުން ނިންމެވި ނިންމެވުމާ އެއްގޮތަށް، އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވީ ޖުލައި 31 ވަނަ ދުވަހުއެވެ.
މީގެ ކުރިންވެސް ޝަރީފް ވަނީ އޭބީއޭގެ ލީޑަރޝިޕްގައި ޚިދުމަތްކުރައްވާފައެވެ. އެގޮތުން 2018 އިން 2020 އަށް އެ އެސޯސިއޭޝަންގެ ވައިސް ޗެއާމަންކަން ކުރައްވާފައިވާއިރު، އެސޯސިއޭޝަންގެ ސްޓްރެޓެޖިކް އަމާޒުތަކަށް ވާސިލުވުމަށް އެހީތެރިވެދެއްވައި، ސަރަހައްދީ މެންބަރު ބޭންކުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް އޭނާ ވަނީ މަސައްކަތްކުރައްވާފައެވެ. އަދި ޝަރީފްގެ ލީޑަރޝިޕަށް އޮތް އިތުބާރުގެ ޔަގީންކަމާއެކު، 2025 ވަނަ އަހަރު އަލުން އެ މަގާމަށް ވަނީ އައްޔަންކުރައްވާފައެވެ.
”އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ބޯޑާއި މެންބަރު ބޭންކުތަކުން އަޅުގަނޑަށް ކުރައްވާފައިވާ އިތުބާރަށް ޓަކައި ނުހަނު ޝުކުރުވެރިވަން. އަޅުގަނޑުގެ ތަޖުރިބާއާއެކު މި މަގާމުގައި އޭބީއޭއަށް ޚިދުމަތްކޮށްދިނުމަކީ ލިބޭ ޝަރަފެއް. އަދި އަޅިގަނޑުގެ އުއްމީދަކީ ބޭންކުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އޭޝިއާގެ ބޭންކިންގ ސިނާއަތުގެ ކުރިއެރުމަށް މަގުފަހިކުރުމަށް ޓަކައި، ބޯޑާއި ސެކްރެޓޭރިއަޓް އަދި މެންބަރު މުއައްސަސާތަކާ ގުޅިގެން ވީހާވެސް ގާތުން މަސައްކަތްކުރުން.“ ޝަރީފް
ޗެއާމަންކަމުގެ މަޤާމާ ޝަރީފް ހަވާލުވެވަޑައިގަތުމާ ގުޅިގެން، އޭބީއޭގެ ސެކްރެޓަރީ-ޓްރެޜަރާ ޑރ. ޑަރސަން ޗިއު ވަނީ އެސޯސިއޭޝަންގެ އަސާސްތައް ހިފެހެއްޓެވުމަށް ޝަރީފް ކުރައްވަމުންދާ މަސައްކަތަށް ފާހަގަކުރައްވާފައެވެ. އަދި މެންބަރު ބޭންކުތަކާއި މުޅި ސަރަހައްދުގެ ބޭންކިންގ ސިނާޢަތުގެ ކުރިއެރުމާއި ތަރައްޤީއަށް އޭބީއޭއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރައްވާ މަސައްކަތްޕުޅުގައި ސެކްރެޓޭރިއަޓްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އޭބީއޭގެ ސެކްރެޓަރީ-ޓްރެޜަރާ ދެއްވިއެވެ.
1981 ވަނަ އަހަރު އުފެއްދި އޭޝިއަން ބޭންކަރސް އެސޯސިއޭޝަނަކީ އޭޝިއާ ސަރަހައްދުގެ ބޭންކުތަކާއި ބޭންކިންގ އެސޯސިއޭޝަންތައް ތަމްސީލުކުރާ އެންމެ އިސް އެއް ސަރަހައްދީ ޖަމިއްޔާއެވެ. އެ މުއައްސަސާގެ މައިގަނޑު މަސައްކަތަކީ ބޭންކިންގ ދާއިރާގެ އިސްވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުން އަދި ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކާއެކު ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާކުރުމާއި، ގާބިލުކަން އިތުރުކުރުމާއި، އަދި އެ ވަގުތަކަށް ދާއިރާއަށް އެންމެ އެކަށީގެންވާ އުސޫލުތައް މެންބަރު މުއައްސަސާތަކާ ހިއްސާކުރުމެވެ.
އޭބީއޭ އިން ޝަރީފް އެ މަގާމަށް އައްޔަންކުރެއްވުމަކީ ބޭންކް އޮފް މޯލްޑިވްސްއަށާއި ރާއްޖެއަށްވެސް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް އެ ބޭންކުން ދެކެއެވެ. އަދި އެކަމުގެ ސަބަބުން ސަރަޙައްދީ ބޭންކިންގ ލީޑަރޝިޕްގައި ދިވެހިރާއްޖެ ތަމްސީލުކުރުން އިތުރަށް ހަރުދަނާވެ ފުޅާވެގެންދާނެ ކަމަށާއި މި ނިންމުމުން އެސޯސިއޭޝަންގެ މެންބަރު ބޭންކުތަކުން އެމަނިކުފާނުގެ ތަޖުރިބާއަށް ކުރާ އިތުބާރު ދައްކުވައިދޭ ކަމަށް ބީއެމްްއެލްއިން ބުނެފައިވެއެވެ.
މިއަހަރުގެ އޭބީއޭ ކޮންފަރެންސް ސެޕްޓެންބަރު 1 އިން 3 އަށް ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.

