މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރުކުރި މަހުގެ މިންވަރު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 62 އިންސައްތަ ދަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރުކޮށްފައިވަނީ ޖުމްލަ 16,991 މެޓްރިކް ޓަނުގެ މަހެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން އެންމެ ގިނައިން ބޭރުކޮށްފައިވަނީ ތާޒާ އަދި ފިނިކުރި މަހުގެ ބާވަތްތަކެވެ. މީގެ ތެރެއިންވެސް އެންމެ ގިނަ އަދަދަކަށް ބޭރުކޮށްފައިވަނީ ކަޅުބިލަމަހެވެ. މީގެ އިތުރުން، ދަޅުގައި ބަންދުކޮށްގެން ބޭރުކުރި މަހުގެ މިންވަރުވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 11 އިންސައްތަ ދަށްވެފައެވެ.
މަސް ބޭރުކުރި މިންވަރު މިހާ ބޮޑަށް ދަށްވުމުގެ މައިގަނޑު ސަބަބެއް ކަމަށް އެމް.އެމް.އޭ އިން ފާހަގަކޮށްފައިވަނީ މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަން އާދަޔާ ހިލާފަށް ދަށްވުމެވެ. މަސްވެރިކަން ދަށްވި ނަމަވެސް، މަސްވެރިންނަށް ލިބޭ އާމްދަނީއަށް ބަލައި، މި މުއްދަތުގެ ތެރޭގައި މަސް ގަންނަ އަގު ވަނީ ކިލޯއަކުން 16 ރުފިޔާއިން 20 ރުފިޔާއަށް ބޮޑުކޮށްފައެވެ.
މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ކުރިއެރުވުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް މިހާރުވެސް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

