އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި މިހާރު ހުންނެވި އާހިދު ރަޝީދުގެ ފަސް އަހަރުގެ ދައުރު އަންނަ މަހުގެ 6 ވަނަ ދުވަހަށް ހަމަވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ކުރި އިޢުލާނެއްގައިވާ ގޮތުން، މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި ލިޔެކިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. ފޯމު ހުށަހެޅޭނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް އެ އޮފީހަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައި މިވަނީ، މިހާރުގެ ކޮމިޝަނަރު އާހިދު ރަޝީދު އިދިކޮޅު ފަރާތްތަކުގެ ނުފޫޒުގައި މަސައްކަތް ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތުހުމަތު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
މީގެ އިތުރުން، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރުމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ރައީސް އޮފީސް ޖޫރިމަނާކޮށްފައިވާ މައްސަލައާއި، ސަރުކާރުގެ އެކި އިދާރާތަކުން މައުލޫމާތު ނުދޭ މައްސަލަ ވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް ހޫނުވެފައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ، ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމުގެ ކަންކަން މޮނިޓާކޮށް ބަލަހައްޓާ މިނިވަން މަގާމެކެވެ.

