މިދިޔަ ހުކުރު ދުވަހު ކ. ގާފަރު ކައިރިން ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން ހޯދަން ކޯސްޓްގާޑުގެ ޑައިވަރުން ޑައިވްކޮށްގެން 675،120 އަކަމީޓަރުގެ ސަރަހައްދެއް ބަލާފައިވާއިރު، އަދިވެސް އެ ދެ މީހުން ނުފެންނަ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އެ ހާދިސާ ހިނގި އިރު އެ އުޅަނދުގައި ތިބީ ދެ ދިވެހީންނާއި އަށް ބިދޭސީންނެވެ. އޭގެ ތެރެއިން އަށް މީހުން ސަލާމަތްކޮށްގެން ގާފަރަށް ގެންދިޔައިރު، ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފެށިއެވެ. އެމްއެންޑީއެފްއިން މިއަދު ބުނީ، އެ ދެ މީހުން ގެއްލުނު ދުވަހުން ފެށިގެން އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކަނޑާައި ވައިގެ މަގުން ކުރަމުންދާ ކަމަށެވެ.
އެގޮތުން އެމްއެންޑީއެފް އައަރ ކޯރއިން ކަނޑާއި ވައިގެ މަގުން 3580 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބަލާފައިވާއިރު، ކޯސްޓްގާޑް ޝިޕް އިމާދުއްދީން އާއި ފާސްޓް އިންޓަސެޕްޓާ ކްރާފްޓުން 441 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ބުނެފައިވެއެވެ.
އޭގެ އިތުރުނ،ް ކޯސްޓްގާޑުގެ ޑައިވަރުން ޑައިވްކޮށްގެން 675،120 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު ދެ ބިދޭސީން ފެނިފައިނުވާ ކަމަށް ބުނެފައިވެއެެވެ.
އެ ދެ މީހުންނާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެ ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެމްއެންޑީއެފްއިން އެދިފައިވެއެވެ. އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 ނުވަތަ 3398898 އަށް ގުޅަން ވެސް އެދިފައިވެއެވެ.

