ރޭ ކަނޑުމަތީގައި ހިނގި ހާދިސާއެއްގައި ގެއްލުނު ފުލުސް މީހާއާއި ސިފައިންގެ މީހާ އަދި ”ފްރެންޑް 4“ ސަޕްލައި ދޯނީގެ ކެޕްޓަން ހޯދަން މޯލްޑިވިއަންގެ މަތިންދާބޯޓަކާއި ޑްރޯން ބޭނުންކުރަން ފަށާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން މިއަދު މީޑިއާތަކަށް ދިން މައުލޫމާތުގައިވާ ގޮތުން، ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް 8 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއް ދިޔަވެ، އަޑިއަށްދާކަމުގެ މައުލޫމާތު ކޯސްޓްގާޑް ސެންޓްރަލް އޭރިއާ ފޯތު ސްކޮޑްރަންއަށް ލިބިފައިވަނީ ރޭ 22:37 ހާއިރުއެވެ. ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 23:22 ހާއިރުއެވެ.
އެ ހާދިސާގައި ދޯނީގެ ކެޕްޓަނާއި ސިފައިންގެ މީހަކާއި ފުލުހަކު ގެއްލިގެން ހޯދަމުންދާއިރު، އެމްއެންޑީއެފްއިން ބުނީ، ގެއްލިގެން ހޯދަމުންދާ ތިން މީހުން ހޯދުމަށް ޓަކައި ސިފައިންނާއި ފުލުހުން ގުޅިގެން ދަނީ ހުއްޓުމެއްނެތި މަސައްކަތްކުރަމުން ކަމަށެވެ.
އެގޮތުން ވައިގެ މަގުން ޔޫއޭވީ ނުވަތަ ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކޮށްގެން ހޯދުމުގެ މަސައްކަތް ކުރިއަށްދާ އިރު، ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންގެ އުޅަނދުފަހަރު އެ މީހުން ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
އެނގިފައިވާ ގޮތުގައި ގެއްލުނު ތިން މީހުން ދިޔައީ ދޯނިން ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އެ ތިން މީހުން ވެސް ތިބީ ދޯނީގެ ވަތަށް އެރި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ދިޔަ ހިއްކަމުން ދިޔަ އެކަކު ކަނޑަށް ފުންމާލައިގެން ސަލާމަތްވި ނަމަވެސް، ކެޕްޓަނާއި ސިފައިންގެ މީހާ އާއި ފުލުސް މީހާއަށް ވީ ގޮތެއް އަދި ނޭނގެއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި އެ ސަޕްލައި ދޯނި ދަތުރުކުރަމުން ދިޔައީ ހިލައާއި ހިލަވެލި ބަރުކޮށްގެންނެވެ. އެ އުޅަނދު ދިޔަވާން ފެށީ އެ އުޅަނދަށް ރާޅު އަރައިގެން ކަމަށް ވެސް ބުނެފައިވެއެވެ.

