ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަޕްލައި ދޯނި އަޑިއަށް ދިޔަ ސަރަހައްދުގެ ފުންމިނުގައި 1.6 ކިލޯމީޓަރު!

ފްރެންޑް 4 ދޯނި އަޑިއަށް ދިޔަ ސަރަހައްދު
ޝެއާރކޮށްލާ ކަހަލަދޯ؟

”ފްރެންޑް 4“ ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާއާ ގުޅިގެން، ގެއްލުނު 3 މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ހުއްޓުމެއްނެތި ކުރިއަށް ގެންދާއިރު، އެ ދޯނި އަޑިއަށްދިޔަ ސަރަހައްދުގެ ފުންމިނުގައި 1.6 ކިލޯމީޓަރު ހުންނާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ހިލަ އާއި ހިލަވެލި ބަރުކޮށްގެން ތ. އަތޮޅުން ފުރައިގެން ދިޔަ ”ފްރެންޑް 4“ ސަޕްލައި ދޯންޏަށް ރާޅު އަޅައި ދިޔަވެ އަޑިއަށް ދިޔައީ ގއ. ކޮލަމާފުށީގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރުންނެވެ.

އެނގިފައިވާ ގޮތުގައި ގެއްލުނު ތިން މީހުން ވެސް ދިޔައީ ދޯނީގެ ވަތަށް އެރި ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އެމްއެންޑީއެފްއިން ލަފާކޮށްފައިވާ ގޮތުގައި ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށްދިޔަ ސަރަހައްދުގެ ފުންމިނުގައި، ގާތްގަޑަކަށް 1645 މީޓަރު ނުވަތަ 1.6 ކިލޯމީޓަރު ހުންނާނެއެވެ.  އެއީ ޑައިވްކޮށްގެން ދޯންޏާ ހިސާބަށް ވުރެ ދެވޭ ވަރަށް ވުރެ ފުން ސަރަހައްދެކެވެ.

އެމްއެންޑީއެފްއިން ބުނެފައިވާ ގޮތުގައި، އެ ދޯނި ދިޔަވާކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދަށް ގޮސް، ދޯނީގެ މީހުން ސަލާމަތްކުރުމަށް ޓަކައި ދޯންޏަށް އަރާ ހަރަކާތްތެރިވެފައިވަނީ، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހްމަދާއި، ސާޖަންޓް އަސްރާރު އަލީއާއި އެމްއެންޑީއެފްގެ އޮގްޒިލަރީ ފަޔަރމަން، އަބްދުﷲ ޝަފީގާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތް ކުރައްވާ، ސާޖަންޓް އަލީ ނާފިއުގެ އިތުރުން ސާޖަންޓް އަލީ ސައިފެވެ.

އެ ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ސަލާމަތްކުރެވިފައި ވާއިރު، ގެއްލިފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގައި މަސައްކަތް ކުރައްވާ، ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތް ކުރައްވާ، ސާޖަންޓް އަލީ ނާފިއުގެ އިތުރުން ދޯނީގެ ކެޕްޓަން މުހައްމަދު ހަމްދޫނެވެ.

ގެއްލިފައިވާ ތިން މީހުން ހޯދުމަށް އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގަމުންދާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ވަނީ ބަލާފައެވެ. އެގޮތުން އޮގަސްޓް ހަވަނަ ދުވަހު މޯލްޑިވިއަންގެ މަތިންދާބޯޓަކާއި އެމްއެންޑީއެފް އެއަރ ކޯރގެ ޔޫއޭވީ ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުން 881 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފައިވެއެވެ.

އޭގެ އިތުރުން، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތަކާއި ސީއެމްބިއުލޭންސްގެ އިތުރުން ފުލުހުންގެ ދެ ލޯންޗު ބޭނުންކޮށްގެން ކަނޑުމަގުން 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައިވާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ 3 މީހުން ފެނިފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: