މިދިޔަ ހަތަރު މަހުގެ ތެރޭގައި ސަލާމަތީ ހިދުމަތްތަކުގެ ދެ މުވައްޒަފަކު ނިޔާވެ އިތުރު ދެ މީހަކު ކަނޑުމައްޗަށް ގެއްލިފައިވާތީ އެފަދަ ކަންކަން ދިމާވާ ސަބަބުތައް ހޯދަން އެމްއެންޑީއެފް އާއި ފުލުހުންގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުކުރަން އެދިއްޖެއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި އެމްއެންޑީއެފްއާއި ފުލުހުންގެ ހިދުމަތުގެ ވެރިން ހާޒިރުކޮށްދެއްވަން އެދިވަޑައިގަތީ ގަލޮޅު އިތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)އެވެ.
ކުޑޫގެ ސިޓީގައި ވިދާޅުވެފައިވަނީ މިދިޔަ ހަތަރު މަހުގެ ތެރޭގައި ސަލާމަތީ ހިދުމަތްތަކުގެ ހަތަރު މުވައްޒަފުން ނިޔާވެފައިވާ ކަމަށެވެ. އެގޮތުން އިޓަލީގެ ޑައިވަރުންގެ ހަށިގަނޑުތައް ނަގަން ފީނި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވި ހާދިސާއާއި، މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުންގެ ސްޓާފް ސާޖަންޓް އަހުމަދު އާސިފް ނިޔާވުމާއި، އަޑިއަށް ދިޔަ ކޮޅުވެއްޓިއެއްގައި ތިބި ބަޔަކު ސަލާމަތްކުރަން އުޅެނިކޮށް ގެއްލިފައިވާ އެމްއެންޑީއެފްގެ އިބްރާހިމް އަހުމަދާއި ފުލުހުންގެ އޮފިސަރެއް ކަމަށްވާ އަހުމަދު ނާފިއު ގެއްލުނު ހާދިސާ ފާހަގަކުރެއްވިއެވެ.
މެމްބަރު ކުޑޫ ވިދާޅުވީ، ކައިރިކައިރީގައި ހިނގި އެ ހާދިސާތަކާ ގުޅިގެން އެއްވެސް އިންކުއަރީއެއް ހިންގައި އެފަދަ ހާދިސާތައް ހިނގި ސަބަބުތައް ދެނެގަނެ އެފަދަ ކަންކަން ތަކުރާރުނުވާނެކަން ކަށަވަރުކުރުމަށް ނުވަތަ އެއްވެސް ބައެއްގެ އިހުމާލެއް ވޭތޯ ނުވަތަ އެއްވެސް ފަރާތަކުން ޒިންމާއެއް އަދާނުކޮށް ދޫކޮށްލާފައިވޭތޯ ބެލިފައިވާކަން އެނގެން ނެތް ކަމަށެވެ. އެހެންކަމުން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ސިފައިންނާއި ފުލުހުންގެ ވެރިން ހާޒިރުކޮށްދެއްވައި ޖަވާބުދާރީކުރުވަން އެދިވަޑައިގަތެވެ.
އޮފިސަރުން މަރުވެ ނުވަތަ ގެއްލުމާ ގުޅިގެން އެއްވެސް ތަހުގީގެއް ނުވަތަ އިންކުއަރީއެއް ރަސްމީ އިދާރާއަކުން ހިންގާފައިވޭތޯ އާއި ހިންގާފައި ނުވާ ނަމަ އޭގެ ސަބަބާއި ހިންގާފައިވާ ނަމަ، އެއްވެސް ފަރާތެއްގެ އިހުމާލު ނުވަތަ މަސްއޫލިއްޔަތު އަދާނުކޮށް އޮތްކަން އެއިން އެނގެން އޮތްތޯ ސާފުކުރައްވަން މެމްބަރު ކޫޑޫ އެދިވަޑައިގެންފައިވެއެވެ.
ކަނޑުމަތީގެ އޮޕަރޭޝަންތައް ހިންގުމުގައި ’އޮފިސާ ސޭފްޓީ‘ އާއި އެ ނޫން ވެސް ސަލާމަތީ މިންގަނޑުތައް ކަނޑައަޅާފައިވަނީ ކިހިނެއްތޯ އާއި އެފަދަ މިންގަނޑުތަކެއް ނުވަތަ އުސޫލުތަކެއް ލިޔެވި، އަމަލު ކުރެވެމުންދޭތޯ ވެސް އޭނާ ސުވާލުކުރައްވާފައިވެއެވެ. އަދި މިހާރު ހުރި ސަލާމަތީ ސިޔާސަތުތަކަށް ގެންނަން ނިންމާފައިވާ ބަދަލުތައް ވެސް ސާފުކުރައްވަން އެދިވަޑައިގަތެވެ.
ސިފައިންނާއި ފުލުހުން ހިންގާ މެރިޓައިމް އޮޕަރޭޝަން ސެންޓަރުތަކުގައި ޒަމާނާ އެކަށީގެންވާ ވަސީލަތްތަކާއި އާލާތްތައް އެކަށީގެންވާ މިންވަރަށް ހުރިތޯ އާއި އެ ތަންތަނުގައި މަސައްކަތް ކުރަނީ މެރިޓައިމް އޮޕަރޭޝަން ހިންގުމަށް ހާއްސަކޮށްފައިވާ ޓްރެނިންތައް ފުރިހަމަކޮށްފައިވާ ފަރާތްތަކެއްތޯ ސާފުކުރައްވަން ވެސް ކުޑޫގެ ސިޓީގައި އެދިވަޑައިގަތެވެ.
އޭގެ އިތުރުން ކުޑޫ އެދިވަޑައިގަތީ އޮފިސަރުން ނިޔާވީ ނުވަތަ ގެއްލުނީ، ރަސްމީ ވާޖިބު އަދާކުރުމުގައި ކަމަށް ކަނޑައަޅާފައިވާތޯ އަދި ގާނޫނުގައި ބަޔާންކުރާ އިނާޔަތްތަކާއި މާލީ ބަދަލު ވާރިސުންނަށް ދިނުމަށް ނިންމާފައިވޭތޯ ސާފުކޮށްދެއްވުމަށެވެ.

