މަޝްރޫއުތައް ހިންގުމަށް ޓަކައި ކައުންސިލުތަކުގެ އިހްތިޞާސްގައިވާ ބިންތައް ނެގުމުގެ ބާރު ސަރުކާރަށް ދިނުމަށް ހުށަހަޅާފައިވާ ބިލާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، އެއީ ސީދާ މީސްމީހުންގެ ގޯތިގެދޮރު ނާޖާއިޒު ގޮތުގައި އަތުލުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކައުންސިލްތަކުގެ އިހްތިސާސްގައިވާ ބިމާއި ވަސީލަތްތައް މަޝްވަރާއަކާ ނުލައި އަތުނުލެވޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހައްނާން އަބޫބަކުރު ހުށަހެޅުއްވި އިސްލާހު ދިރާސާކުރަން ވަނީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފައެވެ.
އެ އިސްލާހާ ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު އެމްޑީޕީން މިއަދު ވަނީ ރައްޔިތުންގެ މަޖިލިސް ދޮށަށް އެއްވެ، “ފޭރޭ ބިލު ބޭރުކުރޭ” ޝިއާރުގެ ދަށުން އިހުތިޖާޖުކޮށްފައެވެ.
އެ ސަރަހައްދުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވީ، އެ ބިލަކީ ސީދާ މީސްމީހުންގެ ގޯތިގެދޮރު ނާޖާއިޒު ގޮތުގައި އަތުލުން ކަމަށެވެ. އަދި އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ބިލެއް ނޫން ކަމަށާއި، މަޖިލީހުން ވަގުތުން ބޭރުކުރަންޖެހޭ ބިލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”މިއީ އެއްގޮތަކަށް ވެސް ވިސްނާނުލާ ހުށަހެޅިފައި އޮތް ބިލެއް، އެންމެ ރަނގަޅު ގޮތަކީ މި ބިލު އަނބުރާ ގެންދިއުން،“. ރައީސް ނަޝީދު
މީގެ އިތުރުން، އެ ބިލު މަޖިލީހުން ފާސްކުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބިލު ތަސްދީގުކުރައްވައިގެން ނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އެ ބިލުގައިވާ ގޮތުން، ކައުންސިލުތަކުގެ އިހުތިސާސްގައިވާ ތަންތަން ވަކިކުރަން ވަޒީރުންގެ މަޖިލީހުން ނިންމައި އެކަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލުތަކަށް އެންގުމުން، އެ ތަންތަން ކައުންސިލުތަކުގެ މިލްކިއްޔާތުން ވަކިވެ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަންތަނަށް ބަދަލުވާނެއެވެ.
ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ބިންތައް ކައުންސިލުން އެލްޖީއޭއާ ހަވާލުކުރަން ޖެހޭނެ ކަމަށާއި، މަގުބޫލު ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅުމަކީ ކައުންސިލަރުން ކޮށްގެން ނުވާނެ ކަމެއްގެ ގޮތުގައި ބިލުގައި ހިމަނާފައިވެއެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް އަށް މެންބަރަކު ވޯޓު ދެއްވިއެވެ.

