މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި ނޭދެވޭ އަސަރުތަކުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން އާންމު ހާލަތަށް އިއާދަކުރެވިފައިވާކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީީރު މިހެން ވިދާޅުވީ، މޯލްޑިވްސް ޓުއަރިޒަމް އިންޓެލިޖެންސް ކުއާޓަލީ ބްރީފިންގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން، ފަތުރުވެރިކަމުގެ ސިނާޢަތާއި ސަރުކާރު ގުޅިގެން ކުރެވުނު މަސައްކަތުން ޖުލައި މަހުން ފެށިގެން އާންމު ހާލަތަށް ގެނެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މޯލްޑިވްސް ޓުއަރިޒަމް އިންޓެލިޖެންސް ކުއާޓަލީ ބްރީފިންގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މިފަދަ ބްރީފިންއެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހުޅުވާލައި ރައްޔިތުންނާއި ރަށްރަށަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ވަނީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ވައިގެ ދަތުރުފަތުރަށް އެރި ބުރޫއާއެކު ރާއްޖޭގެ ފަތުރުވެރިކަން ހަތަރު މަހަށް ދަށްވެގެން ދިޔަކަން ފާހަގަކުރައްވާފައެވެ. އަދި ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ބޮޑު ގޮންޖެހުންތަކުން އަރައިގަތުމަށް ކުރި މަސައްކަތް ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ވައިގެ ދަތުރުތަކަށް ބުރޫ އެރި ނަމަވެސް، ފަތުރުވެރިކަމުގެ ސިނާޢަތާއި ސަރުކާރު ގުޅިގެން ކުރެވުނު މަސައްކަތުން ޖުލައި މަހުގެ ކުރީކޮޅު ފެށިގެން އާންމު ހާލަތަށް އިޔާދަކުރެވުނު ކަމަށެވެ.
ތަފާސްހިސާބުތަކުގެ އަލީގައި ފަތުރުވެރިން ރާއްޖޭގެ މެހެމާންދާރީ ބަލައިގަނެ، ދެވަނަ ފަހަރަށް ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާކަން ފާހަގަކުރައްވާ ވަޒީރު ވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 90 އިންސައްތަ މީހުން އެމީހުންގެ އާއިލާ މީހުންނާއި ރަހުމަތްތެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށް އިރުޝާދު ދޭނެކަމަށް ބުނެފައިވާކަން މިދިޔަ އަހަރުގެ ފަތުރުވެރިކަމުގެ ވިޒިޓާ ސާވޭގެ ނަތީޖާތަކުން ދައްކާކަން ފާހަގަކުރައްވާފައެވެ. އަދި 90 އިންސައްތައަށްވުރެ ގިނަ މީހުން ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ރާއްޖެއަށް އައުމަށް ރިކޮމެންޑް ކުރާނެ ކަމަށް ބުނެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން 80 އިންސައްތައަށްވުރެ ގިނަ މީހުން ޗުއްޓީގައި ދިވެހިރާއްޖޭގެ ތަޖުރިބާއާމެދު އިންތިހާއަށް ހިތްހަމަޖެހޭކަން ހާމަކޮށްފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ މާކެޓުތަކުގައި ގުޅުން އިތުރަށް ވަރުގަދަކޮށް، އައު މާކެޓުތަކަށް ފުރުސަތު ހުޅުވުމަށް މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، އޮސްޓްރޭލިއާއަށް މިހާރު ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ދަތުރުތައް ފަށާފައިވާއިރު، އިތިއޯޕިއަން އެއަރލައިންސްގެ ދަތުރުތައް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރު ފުރަތަމަ ކުއާޓާގައި ފެށުމަށް މަސައްކަތް ކުރަމުންދާކަން ވަޒީރު ހާމަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރާއި ސިނާއަތުން ކުރަމުންދާ މަސައްކަތްތަކުން ފަތުރުވެރިކަމަށް ހެޔޮ ބަދަލެއް ގެނެވުނު ނަމަވެސް ހާލަތު އިތުރަށް ރަނގަޅުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން އަންނަ އަހަރު ވިޒިޓް މޯލްޑިވްސް އަހަރު ފާހަގަކުރުމުގެ މަގުސަދަކީ އެންމެހާ ފަރާތްތައް ގުޅިގެން ފަތުރުވެރިކަން އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްކުރުން ކަމަށެވެ. ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ ފަތުރުވެރިކަމުގެ ގައުމީ މަސައްކަތުގައި މުޅި ސިނާއަތުން ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވަމުންނެވެ.

