ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ ދުވަސް: ސިޔާސީ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރާށެވެ!

ދިވެހި ގައުމީ ދިދަ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ގައުމީ ދުވަހަކީ ގައުމީ ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް މުނާސަބަތެވެ. މި ދުވަސް ނިސްބަތްވަނީ އުތީމު މަހާރަދުން، އަލްސުލްތާން މުހައްމަދު ތަކުރުފާނު އަލްއައުޒަމް، ޕޯޗުގީޒުންގެ އަނިޔާވެރި އިސްތިއުމާރީ ވެރިކަމުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވި މަތިވެރި ޖިހާދަށެވެ.

ގައުމީ ދުވަސް ފާހަގަކުރާއިރު، ހަމައެކަނި އުފާފާޅުކުރުމުގެ ބަދަލުގައި، މާޒީން އިބުރަތް ލިބިގަނެ، ގައުމުގެ އަމާންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އަޒުމް ކަނޑައެޅުމަކީ ކޮންމެ ދިވެހި ދަރިއެއްގެ މައްޗަށް ލާޒިމުކަމެކެވެ. ހާއްސަކޮށް، އަމިއްލަ އަދި ސިޔާސީ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރުމަކީ މިއަދު އަޅުގަނޑުމެން އެންމެ އިސްކަންދޭންޖެހޭ ކަންތައްތަކެވެ.

ދިވެހިރާއްޖޭގެ ތާރީހަށް ނަޒަރު ހިންގާލާއިރު، މި ގައުމުގެ މިނިވަންކަން ގެއްލި، ބޭރުގެ އިސްތިއުމާރީ ބާރުތަކުގެ ދަށަށް ދާންޖެހުނު މައިގަނޑު ސަބަބަކީ ގައުމުގެ ދާހިލީ ހަމަނުޖެހުމާއި، އަމިއްލަ އެދުން ބޮޑު ބައެއްގެ ހިޔާނާތްތެރިކަމެވެ. އަމިއްލަ މަގާމާއި މާލީ މަންފާއަށްޓަކައި ގައުމުގެ މައްޗަށް ބޭރުގެ ބާރުތައް އަތްގަދަކުރުމަށް މަގުފަހިކޮށްދިން ހިޔާނާތްތެރިންގެ ސަބަބުން ދިވެހިން އުފުލަންޖެހުނު އަނިޔާއާއި ތަކުލީފުތަކަކީ ތާރީހު ސަފުހާތަކުގައި ރަންއަކުރުން ލިޔެވިފައިވާ ހިތި ހަގީގަތްތަކެކެވެ.

ޕޯޗުގީޒުންގެ 15 އަހަރާއި 6 މަސްދުވަހުގެ އަނިޔާވެރި ވެރިކަމަށް މަގުފަހިވީވެސް، އަދި އެކި ދުވަސްވަރު ގައުމަށް ކުރިމަތިވި ނުރައްކާތެރި އުދަނގޫތަކުގެ ފަހަތުގައިވެސް ވަނީ އެތެރޭގެ ބައިބައިވުމެވެ.

މިއަދު ގައުމީ ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ އަޒުމަކަށްވާންވީ މިފަދަ ހިތި ތަޖުރިބާތަކެއް އަލުން އިއާދަވިޔަނުދިނުމަށްޓަކައި ވިސްނުންތެރިކަމާއެކު ފިޔަވަޅުތައް އަޅައި، ގައުމުގެ ސިޔާދަތު ހިމާޔަތްކުރުމެވެ.

ޑިމޮކްރެޓިކް ނިޒާމެއްގައި ސިޔާސީ ހިޔާލުތަފާތުވުންތަކަކީ ތަބީއީ ކަމެކެވެ. ނަމަވެސް، ސިޔާސީ ވާދަވެރިކަން ބޮޑުވެ، އަމިއްލަ ޕާޓީއާއި ސިޔާސީ މަންފާ ގައުމަށްވުރެ އިސްކުރެވޭ ހިސާބުން ގައުމުގެ ބިންގާ ގުޑެންފަށައެވެ. ގައުމީ މަސްލަހަތަކީ ކޮންމެ ސިޔާސީ ފިކުރަކަށްވުރެވެސް މަތިވެރި އަދި އިސްކަންދޭންޖެހޭ އަސާސެކެވެ. ސިޔާސީ މަންފާއަށްޓަކައި ގައުމުގެ އިގްތިސާދާއި، މިނިވަންކަމާއި، އިޖުތިމާއީ ފޭރާން ހަލާކުކޮށްލުމަކީ ގައުމަށް ކުރެވޭ ބޮޑު ހިޔާނާތެކެވެ.

ކޮންމެ ސިޔާސީ ލީޑަރަކު އަދި ސިޔާސީ ހަރަކާތްތެރިއަކުވެސް ގައުމީ ދުވަހު އަޒުމް ކަނޑައަޅަންވީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިއަންނާނެފަދަ އެއްވެސް ކަމެއް ނުކުރުމަށެވެ. ސިޔާސީ ގޮތުން ކިތަންމެ ހިޔާލު ތަފާތުވީ ނަމަވެސް، ގައުމީ ބޮޑެތި ކަންކަމުގައި އެކުވެރިވެ، ގައުމުގެ ހައްގުގައި އެއްއަޑަކުން ވާހަކަދެއްކުމުގެ ގާބިލުކަން އަޅުގަނޑުމެންގެ ކިބައިގައި ހުންނަންޖެހެއެވެ.

ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ގައުމެއްގެ އެންމެ ބޮޑު ބާރަކީ އެ ގައުމެއްގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. މިއަދުގެ މުޖުތަމައުގައި ޒަމާނީ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް ފެތުރޭ ދޮގު މައުލޫމާތާއި، ފިތުނަފަސާދައިގެ ސަބަބުން ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި، ގައުމީ ރޫހު އަންނަނީ ހީނަރުވަމުންނެވެ. ފިތުނަފަސާދައަކީ ގައުމެއް އެތެރެއިން ގިރުވައިލާ އެންމެ ނުރައްކާތެރި ހަތިޔާރެވެ.

އެހެންކަމުން، ގައުމުގެ ސިޔާދަތާއި މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ފިތުނަފަސާދައަށް ހުރަސްއެޅުމަކީ ކޮންމެ ފަރުދެއްގެވެސް ގައުމީ ވާޖިބެކެވެ. ގައުމުގެ ބަދަހިކަން ނަގާލަން ކުރެވޭ މަސައްކަތްތަކަށް ފުރުސަތު ނުދީ، އިޖުތިމާއީ ހަމަޖެހުމާއި އަމާންކަން ގާއިމުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހެއެވެ.

ހަގީގަތަކީ ގައުމެއްގެ މުސްތަގުބަލު ބިނާވެގެންވަނީ އެ ގައުމެއްގެ އަންނަން އޮތް ޖީލުތަކުގެ މައްޗަށެވެ. އެންމެ ފުރަތަމަ ގައުމު އިސްކޮށް، ކޮންމެ ދިވެހި ދަރިއެއްގެ ހިތުގައިވެސް ގައުމިއްޔަތުގެ މަތިވެރި ރޫހު ހިފެހެއްޓުމަކީ ނުހަނު މުހިންމު ކަމެކެވެ. ގައުމިއްޔަތުގެ ރޫހަކީ ހަމައެކަނި ދިދައެއް ނެގުމެއް ނޫނެވެ. އެއީ ގައުމުގެ ތާރީހާއި، ސަގާފަތާއި، އިސްލާމްދީނާއި، މާދަރީ ބަހަށް ހުރުމަތްތެރިކޮށް ހިތުމެވެ.

ޅަދަރިންގެ ހިތްތަކުގައި ގައުމުދެކެ ލޯބިވުމުގެ އޮށް އިންދައި، ގައުމީ މަސްލަހަތު އިސްކުރުމުގެ މުހިންމުކަން އުނގަންނައިދޭންޖެހެއެވެ. ކޮންމެ ކުއްޖަކީވެސް ގައުމުގެ މިނިވަންކަމާއި އަމާންކަމަށްޓަކައި ގުރުބާންވާން ކެރޭ، ގައުމީ ފަހުރުވެރި ދަރިއަކަށް ހެދުމަށް ގޭތެރޭގެ މާހައުލުންނާއި ތައުލީމީ ނިޒާމުގެ ތެރެއިން ހާއްސަ އިސްކަމެއް ދޭންޖެހެއެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގައުމީ ދުވަހުން އަޅުގަނޑުމެންނަށް ދޭ އެންމެ ބޮޑު ފިލާވަޅަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓޭނީ އެއްބައިވަންތަކަމާއެކު، އަމިއްލަ އަދި ސިޔާސީ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކޮށްގެން ކަމެވެ. މާޒީގައި ސިޔާސީ އަދި އަމިއްލަ އެދުމުގައި ވެވިފައިވާ ގުރުބާނީތަކާއި ހިޔާނާތްތަކުން އިބުރަތް ލިބިގަނެ، ގައުމުގައި ފިތުނަފަސާދަ އުފެދިޔަނުދިނުމަށް އެންމެން އަތުގުޅާލަންޖެހެއެވެ. އަޅުގަނޑުމެންގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ އިސްކަމަކަށް ހަދަންވީ ދިވެހި ގައުމެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަބަދަށްމެ ދަމަހައްޓަވައި، ދިވެހި އުންމަތަށް އަމާންކަމާއި ފާގަތިކަން މިންވަރުކުރައްވާށިއެވެ!

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: