ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ ވެސް ސަރުކާރުގެ ކުރިމަތީގައި ހަމަހަމަ ބައެއް ކަމަށާއި، ތަރައްގީގެ މުހިންމު މަޝްރޫއުތައް ހިންގުމުގައި ރަށެއްގެ އާބާދީގެ ކުޑަބޮޑުމިނަށް ބަލައި ތަފާތުކުރުމެއް ނުގެންގުޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށްގެންދާ ”ދަ ޕަލްސް“ ޕޮޑްކާސްޓްގެ މި ހަފުތާގެ އެޕިސޯޑުގައި ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސަތަކީ ކޮންމެ ރަށެއްގައިވެސް އިންސާނަކަށް ދިރިއުޅުމަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމައަށް ގާއިމްވެފައި އޮތުން ކަމަށެވެ. އެގޮތުން، އެންމެ ކުޑަ ރަށުގެ ރައްޔިތަކަށް ވިޔަސް ނުވަތަ ބޮޑު ސިޓީއެއްގެ ރައްޔިތަކަށް ވިޔަސް، ސަރުކާރުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ހަމަހަމަކަމާއެކު ލިބެންޖެހޭނެކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ އާބާދީ އެއްފަސްކުރުމާއި ރީޖަނަލް ޑިވެލޮޕްމަންޓްކަމުގައި ވީނަމަވެސް، ކޮންމެ ރަށެއްގައިވެސް ކޮންމެހެން ހުންނަންޖެހޭ ވަސީލަތްތައް މި ދައުރުގެ ތެރޭގައި ގާއިމްކުރެވޭނެއެވެ. މީގެ ތެރޭގައި ސިއްހީ ހިދުމަތާއި، ތައުލީމުގެ އިތުރުން ކުޅިވަރާއި، އަދި ކުނި މެނޭޖުކުރުމުގެ ނިޒާމު ހިމެނެއެވެ.
ފެނާއި ނަރުދަމާ ހުރިހާ ރަށެއްގައި ނިންމުން، އަދި ކޮން ކޮންމެ ރަށެއްގައި ރަނގަޅު ފެންވަރެއްގެ ބަނދަރަކާއި، ރައްކާތެރިކަމާއެކު ރަށަށް އަރާ ފޭބޭނެ އިންތިޒާމު މި ދައުރުގެ ތެރޭގައި ގާއިމްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ފުލުހުންގެ ހިދުމަތާއި، ބޭންކިން އަދި ވިޔަފާރީގެ ދާއިރާއިން ބޭނުންވާ އަސާސީ ވަސީލަތްތަކުގެ އިތުރުން، ފިޓްނަސް ސެންޓަރުތަކާއި ކުޑަކުދިންގެ ޕާކުތަކަކީ ވެސް ކޮންމެ ރަށެއްގައި ހުންނަންޖެހޭނެތަންތަން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ފަށާފައިވާ އަދި ފަށަން ހުރި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ނިމިގެންދާނީ 2027 ވަނަ އަހަރު ކަމަށެވެ. އަދި ބާކީ ހުރި މަޝްރޫއުތައް 2028 ވަނަ އަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށް ވިދާޅުވި އެވެ.

