ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނެގޭ ގޮތަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ޖީއެސްޓީ ގާނޫނު) ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.
މި ބިލު ހުށަހެޅުއްވީ، ވެރިކަންކުރާ ޕީއެންސީގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދެވެ. ބިލް ބަލައިގަންނަން ފެންނަ ކަމަށް 70 މެންބަރުން ވޯޓު ދެއްވިއުރު ނުފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ އެންމެ މެންބަރެކެވެ.
މި ބިލުގެ މައިގަނޑު މަގުސަދަކީ އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި، ބޭރުގެ ޓުއާ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ ހިދުމަތްތަކުން ޖީއެސްޓީ ނެގޭނެ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެކްސް ނެގުމުގައި ބޭނުންކުރާ ’ޑެސްޓިނޭޝަން ޕްރިންސިޕަލް‘ ރާއްޖޭގައި ތަންފީޒުކުރުމަކީ ވެސް މި އިސްލާހުގެ މުހިންމު ބޭނުމެކެވެ. މީގެ މާނައަކީ ހިދުމަތް ލިބިގަންނަ ނުވަތަ ބޭނުންކުރާ ގައުމުގައި އެ ހިދުމަތަކުން ޓެކްސް ނެގުމެވެ.
މިހާރު ހުށަހަޅާފައިވާ ބިލުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭ ގޮތަށް ގާނޫނު ބަދަލުކުރުމެވެ. މި ބަދަލާއެކު، ޓެކްސް ނެގޭ މުދަލާއި ހިދުމަތް ހަމައެކަނި ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށް ހާއްސަވެފައި އޮތް އޮތުން ނިމުމަކަށް އަންނާނެއެވެ. މިއީ ވިޔަފާރީގެ ވާދަވެރިކަން އިތުރުކޮށް، ދިވެހި ވިޔަފާރިތަކަށް އޮތް ބުރަ ކުޑަކޮށްދޭނެ ހަމަހަމަ އުސޫލެ ކަމަށް ބިލް ހުށަހަޅުއްވަމުން މެންބަރުން ފާހަގަ ކުރެއްވިއެވެ.
މި އިސްލާހުގެ ދަށުން، ރާއްޖޭގައި ދާއިމީ ތަނެއް ނެތް ބޭރުގެ ފަރާތްތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުތަކާއި ސަފާރީ ޗާޓަރު ދަތުރުތައް ފަދަ ހިދުމަތްތައް ޓޫރިޒަމް ދާއިރާގެ ޓެކްސް ނެގޭ ހިދުމަތްތަކުގެ ތެރޭގައި ހިމެނިގެންދާނެއެވެ. މިފަދަ ހިދުމަތްތަކުން މީގެ ކުރިން ޓެކްސް ނުނެގި ދޫވެގެން ދިޔަ ދިއުމަށް މި ބިލުގެ ސަބަބުން ހައްލެއް ލިބިގެންދާނެ ކަމަށް މެންބަރު ވިދާޅުވިއެވެ.
މި ބަދަލުތަކުގެ ސަބަބުން ދައުލަތަށް ލިބޭ ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެގެންދާނެއެވެ. ބޭރުގެ ބޮޑެތި އޮންލައިން ޓްރެވަލް އެޖެންސީތަކުން (އޯޓީއޭ) ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިން ބޮޑު ފައިދާއެއް ހޯދަމުންދާއިރު، އެ ފަރާތްތަކުން އެކަށީގެންވާ ޓެކްސްއެއް ދައުލަތަށް ދެއްކުމަކީ ގައުމުގެ ތަރައްގީއަށް ކޮންމެހެން މުހިންމު ކަމެކެވެ. މީގެއިތުރުން، ރާއްޖޭގެ ޓްރެވަލް އެޖެންޓުންނަށް ބޭރުގެ ބޮޑެތި ކުންފުނިތަކާ ހަމަހަމަކަމާއެކު ވާދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ޖީއެސްޓީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ މި އިސްލާހަކީ ރާއްޖޭގެ ޓެކްސް ނިޒާމު ޒަމާނީކޮށް، ދުނިޔޭގެ ފެންވަރުގެ މިންގަނޑުތަކަށް ފެއްތުމަށް އެޅޭ ފިޔަވަޅެކެވެ. މި ބިލު ގާނޫނަކަށް ވެ އަމަލުކުރަން ފެށުމުން، ބޭރުގެ ފަރާތްތަކުން ވެސް ރާއްޖޭގެ އިގްތިސާދަށް ހައްގު މިންވަރުގެ ޓެކްސް ދައްކަން މަޖުބޫރުވެ، އާމްދަނީ އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ.

