ރާއްޖޭގެ މާލީ ހާލަތު އެހާ ދަށްކޮށް އޮއްވާ ރަސްމާލެ އަދި ތިލަމާލެ ބްރިޖު ޕްރޮޖެކްޓަކީ ދައުލަތަށް އޮތް ބޮޑު ބުރައެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ތިލަމާލެ ބްރިޖަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެއީ ދެން އަންނަ ސަރުކާރަކަށް ވެސް ބޮޑެތި އިންޓްރެސްޓް ރޭޓުގައި ފައިސާ ދައްކަން ޖެހޭނެ ފަދަ މަޝްރޫއެއް ކަމަށެވެ. އެގޮތުން އެ މަސައްކަތް ފެށިއިރު ވެސް އިންޓްރެސްޓް ރޭޓު އުޅެނީ 7 ޕަސެންޓުން މަތީގައި ކަން ފާހަގަކުރައްވައި، މިއަދު ސަރުކާރަށް ނަގާފައިވާ އެހެން ލޯނުތައް ވެސް ނުދެއްކިގެން އުޅޭއިރު މިއީ ދައުލަތަށް ބޮޑު ބުރައަކަށް ވާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ސަރުކާރުން ފަށާފައިވާ ރަސްމާލެ ޕްރޮޖެކްޓާ ގުޅޭގޮތުން ޔާމީން ވިދާޅުވީ، ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ރަސްމާލެއާ ހަމައަށް ދާން ނުޖެހޭ ކަމަށެވެ. އަދި ރަސްމާލެއަކީ ބޮޑު މާލީ ގެއްލުމެއް ކަމަށާއި އެތަން ހަމައެކަނި ހިއްކުމުން ނިމުނީ ނޫން ކަމަށާއި، ބޮޑެތި މަސައްކަތްތައް ހުރީ އެއަށްފަހު ކަމަށް ވިދާޅުވިއެވެ.
”ދެން ހުރީ ބޮޑެތި މަސައްކަތް. ރިވެޓްމެންޓު ޖެހުމާއި މަގު ހެދުމާއި، ފެނުގެ ނިޒާމާއި މިކަހަލަ އެތައް ކަމެއް. އަންޑަރ ވޯޓަރ ޓަނަލްއިން މުއިއްޒު އެކަނި ދަތުރުކުރައްވާނީ، އެއީ މުއިއްޒުއަށް ހާއްސަ. މީ ހުވަފެނުގެ ވާހަކަ. ދެން އަންނަ ރައީސް އަކީ ސެންސަބަލް މީހެއްނަމަ ރަސްމާލޭގެ މަޝްރޫއު އޭނާ ހުއްޓާލާނެ،“ ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި ބައެއް މަޖިލިސް މެންބަރުންނަށް ހުޅުމާލެއިން ދީފައިވާ ބިންތައް އަތުލުމަކީ ހައްލެއް ކަމަށާއި އެ ތަންތަނުގައި ޓަވަރުތައް ގާއިމްކުރެވޭނެ ކަމަށެވެ. އަދި މިހާރު ރައްޔިތަކަށް ބިމެއް ދިނަސް އެތަނުގައި އަމިއްލައަށް ގެދޮރުވެރި ނުވެވޭނެތީ، ސަރުކާރުން ޖެހޭނީ އެފަދަ ފްލެޓްތައް އަޅައި ރައްޔިތުންނަށް ދެއްކޭވަރުގެ އަގެއްގައި ދޭން ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ގާނޫނާ ހިލާފަށް ދީފައި ހުރި ހުރިހާ ބިމެއް ދެން އަންނަ ސަރުކާރެއްގައި އަނބުރާ އަތުލާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

