ރައްޔިތުންގެ މަޖިލީހަށް އެއް މައްސަލައަކާ ގުޅޭގޮތުން އެއް ޕެޓިޝަނަށްވުރެ ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި އިސްލާހަކީ މަޖިލީހުގެ ގަވާއިދުގެ 257-1 ވަނަ މާއްދާގެ (ޅ) އުނިކުރުމަށްޓަކައި، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި މައްސަލައެކެވެ. އެ މާއްދާ އުނިކުރަން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 7 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މަމްދޫހު އުނިކުރަން އެދިވަޑައިގެންނެވި މާއްދާގައި ބުނެފައި ވަނީ، މަޖިލީހަށް ކުރިން ހުށަހަޅައިގެން ކުރިއަށްދާ ޕެޓިޝަނެއްގައި ފިޔަވަޅު އެޅުމަށް ގޮވާލާފައިވާ ކަމެއްގައި އަލުން އެފަދަ ފިޔަވަޅެއް އެޅުމަށް އެދި ޕެޓިޝަން ހުށަނޭޅޭނެ ކަމަށެވެ.
މި އިސްލާހު ހުށަހަޅާފައި ވަނީ ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ފަޅުތައް ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެންނަން އުޅޭ އިސްލާހާ ގުޅިގެން މަޖިލީހަށް ޕެޓިޝަންތަކެއްގައި ސޮއި ކުރަމުން ދަނިކޮށެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި އެ ބިލު އަނބުރާ ގެންދިއުމަށް އެދި ހުށަހެޅި ޕެޓިޝަނުގައި 2،100 އަށް ވުރެ ގިނަ މީހުން ސޮއިކުރުމުން އެއީ ހާއްސަ ޕެޓިޝަނެއްގެ ގޮތުގައި ވަނީ ބަލައިގެންފައެވެ. ގަވާއިދު ބުނާގޮތުން މި އަދަދަށް ސޮއި ހަމަވުމުން ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއެއްގައި ތަޅުމުގައި އެކަމަށް ބަހުސްކުރަން ޖެހޭނެއެވެ.
މި ޕެޓިޝަން މަޖިލީހަށް ލިބިފައިވަނިކޮށް، އެ ބިލަށް ތާއީދުކޮށް އެހެން ޕެޓިޝަނެއްގައި ސޮއިކުރަން ފެށި ނަމަވެސް، މަޖިލީހުގެ މިހާރުގެ ގަވާއިދު އޮތް ގޮތުން އެއް މައްސަލައެއްގައި ތަކުރާރުކޮށް ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތެއް ނޯވެއެވެ.
މަމްދޫހު ގަވާއިދު އިސްލާހުކުރަން ހުށަހަޅާފައި ވަނީ، ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހަށް ތާއީދުކޮށް ސ. މީދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާތިރު ހުށަހެޅުއްވި ޕެޓިޝަނަށް، ތަޅުމުގައި ބަހުސްކުރަން ބޭނުންވާ އަދަދަށް ސޮއި ހަމަވުމުގެ ކުރިން އޮޅުމަކުން އެ ޕެޓިޝަން ކޮމިޓީއަށް ފޮނުވިފައި އޮތުމުން، އެ މައްސަލައިގައި އަލުން ޕެޓިޝަނެއް ހުށަހެޅުމުގެ ދޮރު ތަނަވަސްކުރުމުގެ ބޭނުމުގައެވެ.

