ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނު މައްސަލަ: ހައިކޯޓުން ނިންމީ ފުލުހުންގެ ވަނަވަރު ސިއްރުނުކުރަން ނިންމީ ރަނގަޅަށް ކަމަށް!

މާޗު 10، ގެ ރޭ މާލެ އާއި ހުޅުމާލޭގައި ހިންގި އެންޓި ޓެރަރިޒަމް އޮޕަރޭޝަންގެ ތެރެއިން ފުލުހުން މާލެގެ މަގެއްގައި ހަރަކާތްތެރިވަނީ --- ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމިކް ސްޓޭޓް އައިސިސްއާ ގުޅުން އޮތް ކަމަށް ތުހުމަތުވާ ބައެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކެއްގރ ޝަރީއަތުގައި ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުތަކާއި އެނަލިސިސް ރިޕޯޓުތައް ތައްޔާރުކުރި އޮފިސަރުން ސިއްރުކޮށްގެން ހެކިބަސް ނަގަން ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިފައިވެއެވެ. ނަމަވެސް، އެ ހެކީން ސިއްރުކުރަން ދައުލަތުން އެދުނީ އެ މީހުންނަށް ކޮން ނުރައްކަލެއް އޮވެގެން ކަމަށް ދައުލަތުން ސާފުކޮށް ބަޔާންކޮށްފައިނުވާތީ، ޝަރީއަތުގެ ކުރީގެ މަރުހަލާގައި ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެ ހެކިވެރީން ސިއްރުނުކުރާށެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުން ބެލި މައްސަލައިގައި ކުރި ހުކުމުން މިފަދަ މައްސަލަތަކުގައި ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރު ނެރުމުގައި ބަލަންޖެހޭ މިންގަނޑުތަކާއި, ހެކިބަސްދޭ މީހާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އިހުތިމާލު އޮތް ކަމަށް ބަލާނެ އުސޫލުތައް ފަނޑިޔާރުން ވަނީ ބަޔާންކޮށްދެއްވައިފައެވެ.

މި މައްސަލައަކީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި އެންޓި ޓެރަރިޒަމް އޮޕަރޭޝަނެއްގައި މާލެއާއި ކައިރި ރަށެއްގައި ދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ ޓެެރަރިސްޓު ހަމަލާއެއް ހުއްޓުވައި ތިން މީހެއްގެ މައްޗަށް ދައުވާ އުފުލި މައްސަލައެކެވެ. އެގޮތުން ދައުވާކޮށްފައިވާ މީހުންނަކީ:

  • މ. އެރީވިޗް، އަބްދުﷲ ހުވައިރިސް ބިން މުހައްމަދު: ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ، ހަނގުރާމައަށް މީހަކު ފޮނުވުމަށް މަސައްކަތް ކުރުމުގެ ކުށުގެ ދައުވާ.
  • ގދ. ނަޑެއްލާ، ހިތަށްފިނިވާގެ، ސައުސަން ރަޝީދު: ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ، ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދައުވާ.
  • ސ. މަރަދޫ، ފިނިފެންމާގެ، އިބްރާހިމް ވިސާމް: ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދައުވާ.

މި މައްސަލައިގެ ޝަރީއަތުގެ ކުރީގެ މަރުހަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުތައް ތައްޔާރުކުރި ފަރާތްތަކަކީ ކޮބާކަން ހާމަނުވާ ގޮތަށް އަޑު ބަދަލުކުރުމަށްފަހު އޯޑިއޯ ނުވަތަ އަޑު ފޮރުވައިދޭ ވަސީލަތެއް މެދުވެރިކޮށް ކާކުކަން ހާމަނުވާ ގޮތަށް އެ މީހުންގެ ހެކިބަސް ނަގައިދިނުމަށެވެ. އަދި ހެކީން ސިއްރު ނުކޮށް މައްސަލަ ކުރިއަށް ގެންދާނަމަ އިންޓެލިޖެންސް ރިޕޯޓުތައް ތައްޔާރުކުރި އޮފިސަރުން ޖެހޭނީ ގޮވާތަކެތި ބޭނުންކޮށްގެން ޖަލު ފާޅާލަން ރޭވިކަމުގެ ތުހުމަތުކުރެވޭ، އަދި މީހުންނަށް ގެއްލުންދިނުމުގެ ތާރީހެއް އޮތް ޖަމާއަތަކާ ގުޅުން އޮތް ބައެއްގެ އެއް ހާޒިރުގައި ހެކިިބަސްދޭން ކަމަށް ދައުލަތުން ބުނެފައިވެއެވެ. އެކަމުގެ ސަބަބުން އެ އޮފިސަރުންގެ ވަނަވަރު ހާމަވެ، އެ މީހުންނާއި އެ މީހުންގެ އާއިލާތައް ނުރައްކަލަށް ހުށަހެޅި، މުސްތަގުބަލުގައި އެފަދަ މައްސަލަތަކުގައި އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމަށް ހުރަސްއެޅިގެންދާނެ ކަމަށެވެ.

އެ ރިޕޯޓުތަކަކީ ސިއްރު މައުލޫމާތު ހިމެނޭ ރިޕޯޓުތަކެއް ކަމަށާއި އެ ރިޕޯޓުތަކުގައި ވެސް އެ ރިޕޯޓުތައް ތައްޔާރުކުރި ފަރާތްތަކުގެ މައުލޫމާތު ހިމަނާފައިނުވާނެކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ. ހެކިބަސް ދޭ މީހުންނަށް ހިމާޔަތް ދިން ނަމަވެސް، އިންސާފުވެރި ޝަރީއަތެއް ހިންގަން ހުރަހެއް ނެތް ކަމަށާއި، ދައުވާކުރާ ފަރާތަކުން ޝަރީއަތަށް ހާޒިރުކުރާ ހެކިންނާ ސުވާލުކުރުމުގެ ފުރުސަތު ވެސް ލިބޭނެކަން ދައުލަތުން ފާހަގަކުރިއެވެ.

އޭގެ އިތުރުން އެ މައްސަލައަކީ ޓެރަރިޒަމްއާ ގުޅުންހުރި މައްސަލައަކަށް ވާތީ މައްސަލައިގެ ބާވަތުން އާންމު މަސްލަހަތަށް މަތީ މިންވަރަކަށް އަސަރުކުރާނެ ކަމަށް ބުނެފައިވެެއެވެ. ސިއްރުނުކޮށްފިނަމަ، އެފަދަ ރިޕޯޓުތައް އެކުލަވާލުމަށް މަސައްކަތްކުރާ ގޮތާއި މައުލޫމާތު ހޯދާ ވަސީލަތްތަކާއި މަސްދަރުތައް އެނގި ހާމަވުމުގެ ފުރުސަތު ވެސް އޮތް ކަމަށް ދައުލަތުން ބުނެފައިވެއެވެ.

ދައުލަތުން ހެކިބަސްދޭ މީހާ ހިމާޔަތްކުރަން އަމުރަކަށް އެދޭނީ އޭނާ ހެކިބަސް ދޭ ދިނުމުގެ ސަބަބުން އޭނާގެ ސަލާމަތައް ނުރަކަލެއް ކުރިމަތިވުމުގެ އިހްތިމާލު އޮތްކަމުގެ އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބުރަވެ، ދައުލަތަށް އެގޮތަށް ގަބޫލުކުރެވޭނަމަ ކަމަށެވެ. އަދި އެފަދަ ހުށަހެޅުމެއް ހުށަހަޅާއިރު، އެ ނިންމުމަށް ވާސިލުވި ސަބަބުތައް ބަޔާންކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ހައި ކޯޓުން ފާހަގަކުރީ، ގާނޫނުން ލާޒިމުކުރާ ޝަރުތަކީ، ހެކިބަސްދޭ މީހާގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ނުވަތަ މުދަލަށް ނުވަތަ އޭނާގެ އާއިލާގެ މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ނުވަތަ މުދަަލަށް ގެއްލުމެއް ލިބިދާނެކަމުގެ އިހްތިމާލު އޮތްކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބުރަވެ ދައުލަތުން ގަބޫލުކުރެވުން ކަމަށެވެ. ދައުލަތުން އެހެން ބުނިނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 149 މާއްދާއަށް ބެލުމުން ދައުލަތުން ބުނެދޭންވާނީ ހެކިބަސްދޭ މީހާ އެ ހެކިބަސް ދިނުމުގެ ސަބަބުން އޭނާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ އިހްތިމާލު އޮތްކަމާއި އެ ސަބަބުތައް ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހެކިބަސްދިނުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ހެކިން ރައްކާތެރިކުރުމަކީ އަމުރަށް އެދޭ އެއް ސަބަބު ކަމުގައި ދައުލަތުގެ ހުށަހެޅުމުގައި ފާހަގަކޮށްފައިވީނަމަވެސް، އެ އުންސުރު ފުރިހަމަކުރުމަށް ދައްކުވައިދޭންޖެހެނީ ހާދިސާއެއް ހިނގުމުގެ ހަގީގީ ނުރައްކަލެއް އޮތް ކަމެވެ. އަދި އެކަން ހިނގުމުގެ ފާހަގަކޮށްލެވޭ ފަދަ ބޮޑު ނުރައްކަލެއް އޮތް ކަމެވެ. ރައްކާތެރިކުރެވިފައިވާ މަސްލަހަތަށް ސީރިއަސް ނުވަތަ ހަގީގީ ނުރައްކަލެއް އޮތްކަމުގެ ނުވަތަ ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑުނަމަ އެ މިންވަރު ފުދޭނެ ކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ހައިކޯޓުގެ ހުކުމުގައިވަނީ ގެއްލުމަކީ ހަމައެކަނި ހިޔާލީ ކަމެއްގެ މައްޗަށް ބިނާވާ ކަމަކަށް ވުމުގެ ބަދަލުގައި ގެއްލުމެއް ވެދާނެކަމުގެ ބޮޑު ނުވަތަ ހަގީގީ އިހްތިމާލެއް އޮންނަންވާނެ ކަމަށެވެ. މިސާލަކަށް މައްސަލައެއްގައި ހިމެނެނީ، ތަހުގީގުކުރުމުގެ ހާއްސަ އުކުޅެއްގެ ގޮތުން، ތަހުގީގުކުރި ފަރާތަކީ ކާކުކަން ވަންހަނާކޮށްފައިވާ ސިއްރު ފުލުހުންނަމަ، އެ ފަރާތުގެ އައިޑެންޓިޓީ ހާމަވުމުގެ ސަބަބުން އެފަރާތަށް ގެއްލުންވުމުގެ އިހްތިމާލު އޮތްނަމަ އެކަން ބަޔާންކުރަންވާނެ ކަމަށް ފާހަގަކޮށްފައިވެއެވެ.

ހެކި ހިމާޔަތްކުރުމަށް ދައުލަތުން އެދޭއިރު އެ ހެކީން މައްސަލައިގެ ތަހުގީގުގައި އަދާކުރި ދައުރު މައްސަލައިގެ ހަގީގަތްތަކުން އެނގޭކަށް ނެތް ކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ. އަދި އެކަން އެނގުން މުހިންމުވަނީ އެ މީހަކީ ސިއްރު ފުލުހެއްގެ ދައުރު އަދާކޮށްފައިވާ މީހެއްނަމަ އެ ފަރާތެއް ހިމާުޔަތްކުރުން މުހިންމުވެދާނެތީ ކަމަށް ފާހަގަކޮށްފައިވެއެވެ.

ހުކުމުގައި އިތުރަށް ފާހަގަކޮށްފައިވަނީ އެ ހެކިބަސް މުހިންމުވާ މިންވަރާއި، އެކަމުގެ ސަބަބުން މައްސަލައިގެ ޝަރީއަތް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދަން އެހީތެރިވެވޭނެ މިންވަރާއި، އެ ހެކިބަސް ސިއްރުކުރުމުގެ ސަބަބުން އިންސާފުވެރި ޝަރީއަތެއް ހިންގުމަށް ހުރަހެއް ނެތްކަމުގެ މައްޗަށް ދައުލަތުން ވަކި އެއްޗެއް ބުނެފައިނުވާ ކަމަށެވެ. ހެކިބަސް އަދާކުރާ ފަރާތަކީ ކާކުކަން ހާމަވާ ގޮތަށް ހެކިބަސް ނެގުމުން އެ މައްސަަލައިގެ ބާވަތުން އާންމު މަސްލަހަތަށް އަސަރުކުރާނެކަމަށް ދައުލަތުން ބަޔާންކުރިނަމަވެސް، ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވާ ފަދައިން އެ މިންވަރަކީ ކޮބައިކަން ދައުލަތުން ބުނެދީފައިނުވާ ކަމަށް ހައިކޯޓުގެ ވެސް ހުކުމުގައި ވެއެވެ.

ހުކުމުގައި ބަޔާންކޮށްފައިވަނީ، ހެކިބަސްދޭ މީހާއަށް ހިމާޔަތް ދޭންޖެހޭ ފަދަ ޒަރޫރަތްތެރި ހާލަތްތަކެއް މެދުވެރިވިނަމަވެސް، އެއީ އާންމު އުސޫލު ކަމުގައި ދައުލަތުން ބަލައިގެން ނުވާނެ ކަމަށާއި އެގޮތަށް ގާނޫނު ތަރުޖަމާކޮށްގެން ވެސް ނުވާނެ ކަމަށެވެ. އަދި އެއީ ލުއި މިންގަނޑެއް އޮންނަ ކަމެއްގެ ގޮތުގައި ވެސް ދައުލަތުން ބަލައިގެންނުވާނެ ކަމަށް ހުކުމުގައި ވެއެވެ.

”ހެކިބަސްދޭ މީހާއަށް ހިމާޔަތް ދޭންޖެހޭ ފަދަ ޒަރޫރަތްތެރި ހާލަތްތަކެއް ފެންމަތިވެދާނެއެވެ. އަދި ހެކިބަސްދޭ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ލިބިދިނުމަށް ބައެއް ހާލަތްތަކުގައި ގާނޫނީ ނިޒާމުގެ ތެރެއިން ލާޒިމުވެސް ވެދާނެއެވެ. އެހެނަސް، މިއީ އާންމު އުސޫލު ކަމުގައި ބަލައިގެނުވާނެއެވެ. މިކަމީ އާންމު އުސޫލު ކަމުގައި ގާނޫނު ތަރުޖަމާކޮށްގެންވެސް ނުވާނެއެވެ. އަދި މި ހުށަހެޅުން ހުށަހެޅުމުގައި މިއީ ލުއި މިންގަނޑެއް އޮންނަ ކަމެއް ކަމުގައި ދެކިގެންވެސް ނުވާނެއެވެ.“ ހުކުމުގައިވެއެވެ.

ސަބަބަކީ، ހެއްކެއް ސިއްރުކުރުމަކީ، ކުށެއްގެ ތުހުމަތުކުރެވިފައިވާ ފަރާތްތަކަށް ލިބިދެވޭ އަސާސީ ހައްގުތަކަށް ގާނޫނީ ގޮތުން ހަނިކުރެވިފައިވާ ނުވަތަ ހިފެހެއްޓިފައިވާ ކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމަކަށް ވާތީ، އެއީ އެއްވެސް އޮޅުމެއް ނެތް ގޮތުގައި އަސާސީ ހައްގަކަށް އޮންނަ އިސްތިސްނާއެއް ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ކްރިމިނަލް ކޯޓުގެ ނިންމުން ދަމަހައްޓަން ހުކުމްކުރިއިރު، މި މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދު، ފަނޑިޔާރު ފާތިމަތު ފަރުހީޒާ، އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސެއިންނެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ހުޒައިފާއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ”ސަންގަށް“ ވިދާޅުވީ، ހައިކޯޓުގެ މި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: