ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާ އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ކަމަށް ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް) އިން ބުނެފިއެވެ.
ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ކެޕްސްގެ ޗެއާޕާސަން އަބްދުލް ހަމީދު ވިދާޅުވީ، ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާ ދަނީ ދުވަހުން ދުވަހަށް އިތުރުވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. ހަމީދު ވިދާޅުވީ ރާއްޖޭގައި ކުޑަކުދިންނަށް ނަފްސާނީގޮތުން އަނިޔާ ކުރުމާއި، ޖިސްމާނީ އަދި ޖިންސީ އަނިޔާ ކުރާ ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވެނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ ބާވަތްތައް ކަމަށް ހަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ ކެޕްސްގެ އެންމެ އިސް ވާޖިބަކީ މިފަދަ ހާލަތްތަކުގައި ތިބޭ ކުދިންނަށް ކައުންސެލިން ދިނުމުގެ އިތުރުން އެކުދިންގެ ބެލެނިވެރިންނާއި މުޖުތަަމައު ހޭލުންތެރި ކުރުވުމަށް ޓަކައި އެކި ޕްރޮގްރާމްތައް ހިންގުން ކަމަށެވެ. ކުޑަކުދިންނަށް ކުރާ އަނިތަކަށް ބަލާއިރު ބުލީ ކުރުމަކީ ފާހަގަކޮށްލެވޭ މިންވަރަކަށް ގިނައިން ހިނގާ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ހަމީދު ވިދާޅުވީ ރާއްޖޭގައި އެފަދަ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާނަމަ އެކުންދިންގެ ހާލަތު ދެނެގަންނަން ޖެހޭ ކަމަށާއި ހާއްސަކޮށް ކުދިން ދައްކާ ވާހަކަ އަޑުއަހަން ޖެހޭ ކަމަށެވެ. އެކުދިން ދައްކާ ވާހަކަ އަޑު ނާހާނަމަ އަސްލު މައްސަލަ ހައްލު ނުކުރެވޭނެ ކަމަށް ހަމީދު ވިދާޅުވިއެވެ. ހަމީދު ވިދާޅުވީ ގާނޫނީ ގޮތުންވެސް ބައެއް ބަދަލުތައް ގެންނަން ޖެހޭ ކަމަށާއި އެ ނިޒާމު ހަރުދަނާ ކުރުމަށް ގެންނަން ޖެހޭ މުހިންމު ބަދަލުތައް ހުރި ކަމަށެވެ.
”ބައެއް އަނިޔާތަކަކީ އެނގި ތިބެ ދޭ އަނިޔާ. ޖިސްމާނީވެސް އަދި ޖިންސީވެސް. އެކަމަކު ސައިކޮލޮޖިކަލް އެބިއުސް އެބަ ކުރެވޭ މިކުރެވެނީ ކީއްކަން ނޭނގިވެސް. އޭގެ ސަބަބުން ކުއްޖާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އާދޭއެބަ. އެހެންވީމަ އެއީ އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެންމެ ހައްސާސް އެއް މައްސަލައަކީ“
މީގެ އިތުރުން ހަމީދު ވިދާޅުވީ ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭނެކަން ދެނެގަނެވޭނީ އެކުދިންގެ އަޑު އަހައިގެން ކަމަށާއި، އަދި އެކުދިންގެ އަމަލުތައް ހުންނަ ގޮތުން ވަރަށް ބޮޑަށް އެކަން ފާހަގަކުރެވިގެންދާނެ ކަމަށެވެ. އަދި އެކުދިން އެކަހެރިވުމާއި، ކިޔެވުމާއި ދުރުވުމާއި ރަނގަޅަށް ކުރަމުން އަންނަ ކަމެއް ނުކޮށް އެކަމާއި ދުރުވުން ފަދަ ކަންކަން ފާހަގަކުރެވޭނެ ކަމަށެވެ.
އެފަދަ ކަމެއް ކުޑަކުއްޖެގެ ފަރާތުން ފާހަގަވާނަމަ އެކަން ލަސްނުކޮސް ކަމާބެހޭ އިދާރާތަކަށް ހުށައެޅުން މުހިންމު ކަމަށް ހަމީދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ފޮރުވިފައިވާ އެތައް ކޭސްއެއް ހުރި ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

