ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނު އޮތީ ކުޑަ ކުދިންނަށް ކުށްތަކަށް އަރައިގަތުމަށް ލިބޭ ހިތްވަރެއްހެން!

ޖުވެނައިލް ކޯޓު.
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިނާއީ ކުށުގެ ޒިންމާ 12 އަހަރުން ފެށިގެން ނަގަން ޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ. މިކަން އިއުލާންކޮށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރުފުރާ ތަފާތެވެ. އެގޮތުން އިނގިރޭސި ވިލާތް ފަދަ ގައުމުތަކުގައި 11 އަހަރު އަދި ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގައި 12، 13 ނުވަތަ 14 އަހަރަށް އެ އުމުރުފުރާ ދަށްކޮށްފައިވާކަމަށް އިހުސާން ވަނީ ވިދާޅުވެފައިވެއެވެ.

ކުޑަ ކުދިން ހިމެނޭހެން، މީހުން މެރުމާއި، ގޭންގު މާރާމާރީއާއި އަދި ފޭރުމުގެ އިތުރުން ވައްކަމުގެ ކަންކަންވެސް މުޖުތަމައުގެ ތެރޭގައި ހިނގަމުން އަންނައިރު، މަސްތުވާތަކެތީގެ މައްސަލަތަކުގައި ވެސް ކުޑަ ކުދިން ހިއްސާވާ މިންވަރު މަދެއް ނޫނެވެ. މިއީ ހަގީގަތުގައިވެސް މައްސަލައެކެވެ. ބޮޑުކަންބޮޑުވުމެކެވެ. ފިޔަވަޅު އަޅަން ބާރުއެޅުމުގެ މަގްސަދަކީ ބަޔަކަށް އަދަބެއް ދިނުމެއް ނޫނެވެ. ނަމަވެސް އެ މީހަކު ދެން ކުށަށް އަރައިގަތުމާއި ދުރުކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ. އަދި އަނިޔާ ލިބުނު ފަރާތަށް އިންސާފު ހޯދައިދީ، އެމީހެއްގެ ހައްގުތައް ރައްކާތެރިކުރުމަށެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުންނާއި، ކުށް ކުރާ ކުޑަ ކުދިންނާއިމެދު އަމަލު ކުރާނެ ގޮތުގެ މައްޗަށް އެކުލަވާލެވިފައި އޮންނަނީ ދެ ގާނޫނެކެވެ. އެއީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނެވެ. މި ދެ ގާނޫނުގެ މައިގަނޑު މަގްސަދަކީ ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމެވެ. ނަމަވެސް ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި އޮންނަ ގޮތުން ނަމަ، ކުއްޖަކު ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހެނީ 15 އަހަރު ވުމުންނެވެ. ނަމަވެސް މިއީ އަނިޔާ ލިބުނު ފަރާތަށް އިންސާފު ނުލިބި ދާން ޖެހޭ ކަމެއް ނޫނެވެ.

ކުޑަ ކުދިން ކުށްތަކަށް އަރައިގަތުމާއި، ގަނާ ކުރުމާއި ބުލީ ކުރުމާއި މިފަދަ އެތައް ކަމެއް އާންމުވަމުންދާއިރު، މިއީ ހައްލު ހޯދެން ޖެހޭ މައްސަލަތަކެވެ. ކަމެއް ދިމާވުމުން އެކަން ކުށްވެރިކޮށް، ފިޔަވަޅު އެޅުމަށް ގޮވާލާ، ފިޔަވަޅު ނޭޅޭނެ ސަބަބުތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ގާނޫނަށް ބޭނުންވާ ބަދަލުތައް ގެނެވެން ޖެހެއެވެ. ހަމަ ބުއްދި ބޭނުންކޮށް، ކުރެވެނީ ކީއްކަން އެނގޭ ކޮންމެ މީހަކާއިމެދު ގާނޫނު ތަންފީޒު ކުރެވެން ޖެހޭނެއެވެ. އުމުރުން ވަކި އަހަރެއް ނުފުރި ހުރީތީ، އެއީ ކުށް ކުރުމުގެ ހުއްދަ ލިބޭ ކަމަކަށް ވެގެން ނުވާނެއެވެ.

ކުޑަކުދިން ބޭނުންކޮށްގެން ބޮޑެތި ކުށްތަކަށް އަރައިގަތުމާއި، އެ ކުދިން ލައްވާ ކުށްކުރުވާ ކަމީ ހަގީގަތެވެ. ސަބަބަކީ އެކުދިންނަށް ގާނޫނުގެ ކުރިމަތީގައި ރެކެވޭނެ ފުރުސަތު އޮތުމެވެ. ކުޑަކުދިންގެ އަދުލުގެ ގާނޫނުގައިވާ ގޮތުން، ޤާނޫނާ ޚިލާފުވާ ކުޑަކުއްޖަކާއިމެދު އެ ޤާނޫނުގެ ދަށުން އެޅޭ ފިޔަވަޅެއްގެ ގޮތުން އޭނާ ހައްޔަރުކުރަންވޭނީ ނުވަތަ ބަންދުކުރެވޭނީ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އަދި އެފަދައިން އެކުއްޖަކު ހައްޔަރު ނުވަތަ ބަންދުކުރަންވާނީ، އެ ޙާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތަކަށްކަމަށްވެސް އޮވެއެވެ. އަދި ކުޑަކުއްޖަކު ބަންދުކުރުމަށް ނިންމާ ޙާލަތުގައި، އެ ނިންމުމަކީ ކުއްޖާގެ ޙާލަތަށް ރިޢާޔަތްކޮށް، ގަވާއިދުން މުރާޖަޢާކުރެވޭ ނިންމުމަކަށް ވާންޖެހޭނެކަމަށްވެސް އޮވެއެވެ.

އުމުރުން 18 އަހަރު ނުވާ ކުޑަ ކުއްޖާ މީހަކު މަރައިފިނަމަ، އޭނާ އުމުރުން ކިތައްމެ ދުވަހެއް ވީ ނަމަވެސް، އެ މައްސަަލައިގެ ތަހުގީގު ކުރިއަށް ގެންދަން ޖެހެނީ ކުޑަ ކުއްޖެގެ ގޮތުގައެވެ. އުމުރުން ކިތަންމެ ހަނގުވިޔަސް ފުލުހަށް ހާޒިރުވާން ޖެހެނީ ބެލެނިވެރިޔާގެ ހާޒިރުގަ އެވެ. މައްސަލަ ކުރިޔަށް ގެންދަން ޖެހެނީ، ޖުވެނައިލް ކޯޓުގައެވެ.

މިހެން ކަން ހިނގަނީނަމަ ކުޑަ ކުދިން ލައްވާ ކުށް ކުރުވުމުގެ ނުބައި ސަގާފަތެއް އާލާވުމަކީވެސް އެކަށީގެންވާކަމެކެވެ. އެ މަންޒަރު މިއަދުވެސް އަޅުގަނޑުމެންގެ މުޖުތަމައުއިން ފެންނަކަމީ ހަގީގަތެކެވެ. ކުޑަ ކުދިން ކުށުގެ މާހައުލަށް ނެރުމަށް ލިބޭ ބޮޑު ހިތްވަރެއްގެ ގޮތުގައި މިކަން އޮތްއިރު، މި ދޮރު ބަންދު ކުރަން ޖެހެއެވެ.

ނަމަވެސް ކުޑަ ކުއްޖަކަށްވީތީ އަދި އެކުއްޖާގެ މުސްތަގުބަލު އޮތީތީ ވިސްނުން މުހިންމު ކަންކަން އެބަހުރިއެވެ. އެގޮތުން އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭ ދައުލަތުގެ އިދާރާތަކާއި އެފަދަ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކާއި، ޝަރުޢީ ކޯޓުތަކާއި، ދައުލަތުގެ އެނޫންވެސް މުއައްސަސާތައް ހިމެނޭ ގޮތުން، އެއްވެސް ފަރާތަކުން، މި ޤާނޫނުގެ ދަށުން ކުޑަކުއްޖަކާގުޅޭ ކަމެއް ނިންމުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންވާނީ، އެކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާވާ ގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: