ތިލަފުށިން މުދާ ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރި ”ފްރެންޑް 4“ ސަޕްލައި ދޯނި ދިޔަވަނިކޮށް، އެ ދޯނި ސަލާމަތް ކުރުމުގެ ތެރޭގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ހުއްޓައެއްނުލާނެ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދީފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ”ސަންގަށް“ ވިދާޅުވީ ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް ކަމަށާއި އެ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.
2026 އޮގަސްޓް 2 ވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރި ”ފްރެންޑް 4“ ސަޕްލައި ދޯނި ދިޔަވެ އަޑިއަށް ދާކަމުގެ މަޢުލޫމާތު އޮގަސްޓް 5 ވަނަ ދުވަހުގެ ރޭ ލިބުމާ ގުޅިގެން، ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހިންގި ސަލާމަތީ އޮޕަރޭޝަންގައި ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހުން ވަނީ ސަލާމަތްކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ އެ ދޯންޏަށް އެހީތެރިވާން ދިޔައީ ފުލުހުންގެ ލޯންޗެކެވެ. އޭގެ ފަހުން، އެމްއެންޑީއެފްގެ ލޯންޗެއް ވެސް އެރޭ އެ ސަރަހައްދަށް ދިޔައެވެ.
ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހަކު ސަލާމަތް ކުރިއިރު، ދޯނި އަޑިއަށް ދިޔައީ ދިޔަ ހިއްކުމުގެ މަސައްކަތް ކުރަނިކޮށެވެ. އެ ވަގުތު ދޯނީގައި ތިބި ދޯނީގެ ކެޕްޓަން މުހައްމަދު ހަމްދޫން އާއި އެމްއެންޑީއެފްގެ ސާޖަންޓް އިބްރާހީމް އަހުމަދާއި ޕޮލިސް ސާޖަންޓް އަލީ ނާފިއު ވަނީ ކަނޑަށް ގެއްލިފައެވެ. އެ ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35 އަހަރު) އާއި، މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢު (33 އަހަރު) އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39 އަހަރު) އެވެ.
މުދާ އުފުލާ ސަޕްލައި ދޯނި ”ފްރެންޑް 4“ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނިކޮށް ގެއްލުނު ދިވެހި ފުލުހުންގެ ޚިދުމަތުގެ ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިންނާ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ.
އެ ބައްދަލުވުން ބާއްވާފައިވަނީ ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިން ދިރިއުޅޭ ރަށް ކަމަށްވާ ނ. މަނަދޫއަށް ވަޑައިގެންނެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އާއިލާއަށް މެސެޖެއް ރައްދުކޮށްދެއްވާފައެވެ.
ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ، ސާޖަންޓް ޢަލީ ނާފިޢު ޤައުމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ގެއްލުމާ ގުޅިގެން އާއިލާއަށް ކުރިމަތިވެފައިވާ ހިތާމައިގައި މުޅި ފުލުހުންގެ މުއައްސަސާ ބައިވެރިވާކަން ހާމަކުރައްވާފައެވެ. އަދި ނާފިޢުގެ ޚިދުމަތުގެ ރޫހަށް ތައުރީފުކުރައްވައި، ހާލުގައި ޖެހިފައިވާ ބަޔަކަށް އެހީވުމަށް ނުކުމެ އޭނާ ދެއްކެވި ހިތްވަރަކީ ފުލުހުން އުފުލާ ބުރަ މަސްއޫލިއްޔަތު ރަމްޒުކޮށްދޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އޭނާ ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ ހެޔޮ ދުޢާ އަބަދުވެސް އާއިލާއާއެކު ވާނެ ކަމަށާއި ފުލުހުންގެ މުއައްސަސާ އަބަދުވެސް ސާބިތުކަމާއެކު އާއިލާއާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރ ޢަލީ އިޙްސާން ވަނީ ގެއްލުނު ފަރާތްތަކުގެ އާއިލާތަކުގެ ހިތާމައިގައި ސަރުކާރު ބައިވެރިވާކަން ހާމަކުރައްވައި، އޮފިސަރުން ދެއްކެވި ޤައުމީ ހިތްވަރު ފާހަގަކުރައްވާފައެވެ. އަދި ގެއްލުނު ފަރާތްތައް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ކުރިއަށް ގެންދަވާކަމުގެ ޔަގީންކަން ދެއްވިއެވެ.
މި ހިނގާ އޯގަސްޓު މަހުގެ 12 ވަނަ ދުވަހު، މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ސާޖަންޓް ޢަލީ ނާފިޢުގެ އަނބިކަނބަލުންނާއި ދަރިކަލުންނާ ވެސް ބައްދަލުކުރައްވާފައެވެ.
ހާދިސާގައި ގެއްލިފައިވާ 3 މީހުން ހޯދުމަށް ޓަކައި 16 އޮގަސްޓް 2026ވަނަ ދުވަހުގެ 18:00 ގެ ނިޔަލަށް ވައިގެ މަގުން 17,220 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ވާއިރު ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި އެ ސަރަހައްދުގެ ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.

