ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުށްކޮށްގެން ހޯދާ މުދާ، ދައުލަތަށް ނެގުމާ ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް މެމްބަރު ބަޔާންކޮށްފައިވަނީ ޖިނާޢީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މާލީ މަންފާގެ ބޭނުންކުރުން ހުއްޓުވައި، ނުޙައްގުން ހޯދާ މުދާ ނެގުމާއި އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމެވެ.

ކުށް ކޮށްގެން ހޯދާ މުދަލާއި ކުށް ކުރަން ބޭނުންކުރާ މުދާވެސް ދައުލަތަށް ނެގޭނެކަމަށް ބިލުގައިވެއެވެ. އަދި ދައުލަތަށް މުދާ ނެގޭނެ ކުށްތަކުގެ ތެރޭގައި މަނީ ލޯންޑަރިން އާއި ޓެރަރިޒަމާ ގުޅުން ހުރި ކުށްތަކާއި މީހަކު މެރުމާއި މަސްތުވާތަކެއްޗާއި މީހުންނާއި ހަތިޔާރު ޓްރެފިކް ކުރުމާއި އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީ ކުށާއި ކައުންޓަރފިޓްކުރުމާއި ކޮރަޕްޝަނާއި އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތައް ހިމެނެއެވެ.

މީގެ އިތުރުން ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށުގެ ތެރެއިން 500،000 ރުފިޔާއިން މަތީ ފައިސާގެ އަދަދު ހިމެނޭ ކުށްތަކާއި ފޭރުމާއި ވައްކަމާއި ޚިޔާނާތާއި މުދާ ސްމަގަލް ކުރުންފަދަ ކުށްތަކުގެ ތެރެއިން 100،000 ރުފިޔާއިން މަތީގެ ފައިސާގެ އަދަދު ހިމެނޭ ކުށްތަކާއި ޖިނާޢީ ބޮޑު ކުށެއް ކަމުގައި ޤާނޫނުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން ކުށްކޮށްގެން މުދާ ހޯދޭނެ ކޮންމެ ކުށެއްގައިވެސް ދައުލަތަށް މުދާ ނެގޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

މިފަދަ ކުށްތައް ރާއްޖޭން ބޭރުގައި އަދި ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން ކުރި ނަމަވެސް އައު ޤާނޫނުގެ ތެރެއިން ފިޔަވަޅު އެޅޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ކުށުގެ ތުހުމަތުވާ ފަރާތުގެ މައްޗަށް ކުށް ސާބިތުވިޔަސް ނުވަތަ ނުވިޔަސް މުދާ ނެގޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ދައުލަތަށް މުދާ ނެގުމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އިރުޝާދުތަކަށް ރިއާޔަތްކުރަންވާނެ ކަމަށްވެސް ބިލުގައިވަނީ ބަޔާންކޮށްފައެވެ.

މި ބިލު ފާސްވެ، ޤާނޫނަށް އަމަލުކުރާތާ 30 ދުވަހުގެ ތެރޭގައި ”އެސެޓް މެނޭޖްމަންޓް އޮތޯރިޓީ“ ގެނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. މިއީ މާލީ ވުޒާރާގެ ދަށުން މަޖިލީހަށް ޖަވާބުދާރީވާގޮތަށް އުފައްދާ މިނިވަން އިދާރާއެކެވެ.

މި އިދާރާއިން ދައުލަތަށް ނޭގޭ މުދާ ރައްކާތެރިކަމާއެކު ބަލަހައްޓައި، އަގުމަގުކުރުމާއި ދަފްތަރު ކުރުމުގެ ކަންކަން ކުރަންޖެހެއެވެ. އަދި ކުށުގެ ޝިކާއަރައަށްވާމީ މީހަކަށް ބަދަލު ދިނުމަށް ހުށަހެޅުމުން އެ ބަދަލު ދިނުމުގެ ކަންކަން ކުރާނީވެސް އެ އިދާރާއިންނެވެ.

މި ޤާނޫނަށް އަމަލުކުރާތާ 60 ދުވަހުގެ ތެރޭގައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށްފަހު ކުށްކުރުން ހުއްޓުވުމަށާއި ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ދިނުމާ ގުޅޭ ޚަރަދުތައް ބެލެހެއްޓުމަށް ”ރިކަވަރޑް އެސެޓް ފަންޑެއް“ ޤާއިމުކުރާނެއެވެ. މީގެ އިތުރުން ބިލުގައި ބަޔާންކޮށްފައިވާ ކުށްތަކާ ގުޅުންހުރި ކަންކަމުގައި އެހެން ޤައުމުތަކުގެ އެހީތެރިކަމަށް އެދުމުގެ ބާރުވެސް މި ބިލުން ޕްރޮސެކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

މި ބިލުގައި ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމުގެ އުސޫލުތަކާއި ބޭރު ޤައުމުތައް މެދުވެރިކޮށް ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލުތައްވެސް ތަފްސީލުކޮށް ވަނީ ބަޔާންކޮށްފައެވެ. މި ބިލާ ގުޅިގެން ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައްވެސް ސަރުކާރުން ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ ކުށްކުރާ ފަރާތްތަކުން ނާޖާއިޒު ގޮތުގައި ހޯދާ މުދަލާއި ފައިސާއިން އިތުރު މާލީ މަންފާއެއް ހޯދުމުގެ ދޮރުތައް އެއްކޮށް ބަންދުކޮށްލުމެވެ. އަދި އެފަދަ މުދާތައް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމަކީ މި ބިލުގެ ބޭނުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: