މަސްތުވާތަކެތީގެ ވިޔަފާރި އާއި ކޮރަޕްޝަނާއި މަނީ ލޯންޑަރިން ފަދަ ބޮޑެތި ކުށްތައް ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، އެހެންނަމަވެސް އެ މީހުންނަށް ޖިސްމާނީ އަދަބު ދިނުމުގެ އިތުރުން އެ މުދާ ހޯދޭނެ އެއްވެސް ގާނޫނީ އޮނިގަނޑެއް ރާއްޖޭގައި މިހާރު ނެތް ކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ވިދާޅުވެއްޖެއެވެ.
ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މެމްބަރު މުހައްމަދު ފަޒާދެވެ. ބިލު ހުށަހަޅުއްވައި ވާހަކަ ދައްކަވަމުން ފަޒާދު ވިދާޅުވީ، ވޭތުވެދިޔަ ވިއްސަކަށް އަހަރު ތެރޭގައި މަސްތުވާތަކެތީގެ ވަގު ވިޔަފާރި އާއި ކޮރަޕްޝަނާއި މަނީ ލޯންޑަރިން ފަދަ ބޮޑެތި ކުށްތައް ރާއްޖޭގައި ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށެވެ. މުދާ ހޯދަން ޖެހޭނީ ހަލާލު ގޮތުގައި ކަމަށް ފާހަގަކުރައްވާ ފަޒާދު ވިދާޅުވީ އެ މައްސަލަ ހައްލުނުކުރެވުމުގެ ސަބަބުން މުޖުތަމުގެ ސުލްހަ މަސަލަސްކަން ގެއްލިގެންދާ ކަމަށެވެ.
ކުށް ކުރާ މީހުންނަށް ޖިސްމާނީ އަދަބު ދިނުމުގެ އިތުރުން، ކުށް ކޮށްގެން ހޯދާ މުދާ ނެގޭނެ ގޮތުގެ ގާނޫނީ އޮނިގަނޑެއް މިހާތަނަށް ވެސް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކުށްކޮށްގެން ހޯދާ މުދަލާމެދު އަމަލު ކުރާނެ އެއްވެސް ގާނޫނީ އޮނިގަނޑެއް ރާއްޖޭގައި ނެތްކަން އޭނާ ފަހަގަކުރެއްވިއެވެ.
ފަޒާދު ވިދާޅުވީ، އެ ބިލުގެ ދަށުން ކުށްކޮށްގެން ހޯދާ މުދާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް ބެލެހެއްޓުމަށް ޓަކައި އެސެޓް މެނޭޖްމަންޓް އޮތޯރިޓީއެއް އުފެދިގެންދާނެ ކަމަށެވެ. އެ އޮތޯރިޓީގެ ޒިންމާއާއި މަސްއޫލިއްޔަތު އެ ބިލުގައި ތަފްސީލީ ގޮތެއްގައި ހިމަނާފައިވާނެ ކަމަށް ފަޒާދު ވިދާޅުވިއެވެ.
ބިލުގައި އިތުރަށް ހިމަނާފައިވާ ކަންކަން:
- ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުސޫލުތައް
- އިސްތިސްނާ ހާލަތްތަކުގައި ކުށް ސާބިތުވުމާ ނުލައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުސޫލު ތައާރަފްކުރުން
- ކުށްކޮށްގެން ހޯދާ މުދަލުން މުއާމަލާތްކުރުން ހުއްޓުވަން އެފަދަ މުދާ ހިފެހެއްޓުމުގެ އުސޫލުތައް ކަނޑައެޅުން
- ހިފެހެއްޓޭ މުދާ ދައުލަތުގެ ބެލުމުގެ ދަށުގައި ބެލެހެއްޓުމާ ގުޅޭ އުސޫލުތައް
- ބޭރު ގައުމުތައް މެދުވެރިކޮށް ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާ ދައުލަތަށް ނެގުމުގެ އުސޫލު
- ބޭރު މީހުން ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމާއި ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތުގެ އުސޫލު
މި ބިލުގެ 6 ވަނަ ބާބު ހާއްސަކޮށްފައިވަނީ ޖިނާއީ ކުށް ސާބިތުވުމަކާ ނުލައި، މަދަނީ މިންގަނޑުން މުދާ ދައުލަތަށް ނެގުމުގެ އިޖުރާއާތުތަކަށެވެ.
އެގޮތުން ޝަރީއަތުން ކުށް ސާބިތުނުވި ނަމަވެސް، މުދާ ނެގުމުގެ އަމުރެއް ނެރެވޭނީ ތިން ހާލަތެއްގައިކަމަށް ބިލުގައި ބަޔާންކުރެއެވެ. އެއީ ތުހުމަތުވާ މީހާ މަރުވުން، ފިލައިގެން އުޅުން ނުވަތަ އެ މީހެއްގެ މައްޗަށް ދައުވާކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ނެތުމުގެ ސަބަބުން ދައުވާ ނުކުރެވޭ ހާލަތްތަކުގައެވެ. މިފަދަ އަމުރުތަކަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ފުރަތަމަ މަރުހަލާގައި ހުށަހަޅަން ޖެހޭނީ ހައިކޯޓަށެވެ.
ބިލުގައި ވާގޮތުގައި، ކުށް ސާބިތުވުމުގެ ކުރިން މުދާ ހިފެހެއްޓުމާއި މުއާމަލާތްކުރުން ހުއްޓުވުމުގެ އަމުރު ވެސް ހައިކޯޓުން ނެރެވިދާނެއެވެ. އަދި އެފަދަ އަމުރުތަކާ ހިލާފުވާ ފަރާތްތައް 2 ލައްކަ ރުފިޔާއިން ފެށިގެން 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

