ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުކުރުމާ ދެކޮޅަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު --- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓު މޯލްޑިވްސް މަނިޓަރީ އޮތިރިޓީ (އެމްއެމްއޭ) އަށް މާރުކުރަން ލާޒިމުކުރަން ނިންމާފައިވާކަން ސަރުކާރުން ހާމަކުރުމާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއެކު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަތީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތަކެއްގެ ބަހުސް މިއަދުގެ ޖަލްސާގައި އޮތް ކަމަށް ބުނެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވީ، އެ މައްސަލައަކީ މަޖިލީހުގެ ގަވާއިދުގެ ދަށުން ބަލައިގަނެވެން ނެތް މައްސަލައެއް ކަމަށެވެ. އެގޮތުން މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ (އ) ގައި، މަޖިލީހަށް ހުށަހެޅިފައިވާ ބިލަކާ ގުޅޭގޮތުން ބަހުސް ހިނގާނެ ކަމެއް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަނޭޅޭނެ ކަމަށް ބަޔާންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މާލިއްޔަތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މިހާރު ވެސް އެޖެންޑާކޮށްފައިވާތީ، މި މައްސަލަ ބަލައިނުގަތުމަށް ރިޔާސަތުން ވަނީ ނިންމަވާފައެވެ.

”ރައްޔިތުންގެ މަޖިލީހުގެ 192 ވަނަ މާއްދާގެ ދަށުން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ފޮނުއްވާފައިވާ ކުއްލި މައްސަލައެއްވަނީ ލިބިފައި. ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 197 ވަނަ މާއްދާގެ އ ގައި ކުއްލި މައްސަލައަކީ ހުށައެޅިފައިވާ ބިލެއް ނުވަތަ މައްސަލައެއްގައި ހިނގާނެ ބަހުސަކަށް މައުޟޫގައި އޮތް މައްސަލައަކަށް ވެގެން ނުވާނެކަމަށް ބަޔާންކޮށްފައިވޭ. އެހެންނަމަވެސް ޤާނޫނު ނަމްބަރު 32/2024 ބޭރު ފައިސާއާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މިއަދުގެ ޖަލްސާއަށް އެޖެންޑާކުރެވިފައިވާތީ އެމައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށައެޅެއްވެންނެތް ވާހަކަ ދަންނަވަން“ މަޖިލިސް ނައިބު ރައީސް

މިހާރު އޮންނަ އުސޫލުތައް ބަދަލުކޮށް އާމްދަނީގެ 40 ޕަސެންޓު މާރުކުރަން މަޖުބޫރުކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށާއި މުޅި އިގުތިސާދަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށް މެންބަރު ހުށަހެޅުއްވި މައްސަލައިގައި ބަޔާންކުރައްވާފަވެއެވެ. އަދި މީގެ އިތުރުން ޑޮލަރު މާރުކުރުމުގެ މުއްދަތު ކުރުކުރުމާއި، މާރުނުކުރާ ފައިސާ ބޭނުންކުރާ ގޮތް ބެލުމަށް އެމްއެމްއޭއިން ތައްޔާރުވަމުންދާ ކަމަށް އެ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެފައިވާކަން ވެސް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު، ރާއްޖޭގެ 146 ރިސޯޓު ތަމްސީލުކުރާ މަޓީން ވެސް މި ނިންމުމަކީ އަމަލީ ގޮތުން ކުރެވޭނެ އަދި ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް ބުނެފައިވާކަން މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އަދި ރިސޯޓުތަކުން ތެލާއި، މުވައްޒަފުންގެ މުސާރައާއި، ސާވިސް ޗާޖުގެ އިތުރުން ބޭރުގެ ލޯނުތައް ދައްކަންޖެހެނީ ޑޮލަރުން ކަމަށްވާއިރު، އެއްވެސް މަޝްވަރާއެއް ނެތި މިފަދަ ނިންމުމެއް ނިންމުމަކީ ބޭއިންސާފެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެހެންކަމުން، މި ބަދަލުގެ ސަބަބުން އިގުތިސާދަށް ގެއްލުންވުމުގެ ކުރިން، ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފަރާތްތަކާ މަޝްވަރާކޮށްގެން އިންސާފުވެރި ހައްލެއް ހޯދުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި މި މައްސަލަ މަޖިލީހުގެ ތަޅުމުން ވަނީ ބޭރުކޮށްލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: