”ޕާސްޕޯޓު ބުކްލެޓް“ ފޯރުކޮށްދިނުމަށް ދިމާވި މައްސަލައާއި ގުޅިގެން އަލަށް ޕާސްޕޯޓު ހައްދާ ފަރާތްތަކަށް އެމެޖެންސީ ޕާސްޕޯޓު ދިނުމަށް އިމިގްރޭޝަނުން ނިންމައިފިއެވެ.
އިމިގްރޭޝަނުން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ 2016 ވަނަ އަހަރުން ފެށިގެން ދިވެހި ”ޕާސްޕޯޓު ބުކްލެޓް“ ރާއްޖެއަށް ފޯރުކޮށްދޭ ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަށް ދިމާވެފައިވާ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އަންދާޒާކުރި މުއްދަތަށް ވުރެ ގިނަ ދުވަސް މިކަމުގައި ހޭދަވެފައިވާތީ، ”ޕާސްޕޯޓު ބުކްލެޓް“ ގެ ސްޓޮކް ދިވެހިރާއްޖެއަށް ފޯރުކޮށްދިނުމަށް ކުރިން ކަނޑައަޅާފައިވާ ތާރީހަށް، ސްޓޮކް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރިކަމަށް ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ބުނީ ސްޓޮކް ދިވެހިރާއްޖެއަށް ފޯރުކޮށްދެވޭނެ ކަމަށް އަންދާޒާކުރެވެނީ އަންނަ މަހުގެ ނިޔަލަށް ކަމަށް އެ ކުންފުނިން އެ އިދާރާއަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން، މިހާރު ހުރި ޕާސްޕޯޓު ސްޓޮކް މެނޭޖްކުރުމަށްޓަކައި، 2026 އޮގަސްޓު 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގައި ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މިގޮތުން، ޕާސްޕޯޓަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގައި ހުރެގެން ޕާސްޕޯޓު މުއްދަތު ހަމަވެގެން އައު ޕާސްޕޯޓެއް ހެއްދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް އައު ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި، އެފަދަ ފަރާތްތަކަށް މިހާރު ދޫކޮށްފައިވާ މުއްދަތު ހަމަވެފައިވާ ނުވަތަ މުއްދަތު ހަމަވާ ޕާސްޕޯޓުގެ މުއްދަތު، 2027 ޖޫން 30 ގެ ނިޔަލަށް އިތުރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. މުއްދަތު އިތުރުކުރުމުގެ ހިދުމަތަކީ އެއްވެސް ފީ އަކާ ނުލައި ފޯރުކޮށްދެވޭނެ ހިދުމަތެއްކަމަސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އަލަށް ޕާސްޕޯޓު ހައްދާ ފަރާތްތަކުގެ ތެރެއިން ދިވެހިން އާއްމުކޮށް ދަތުރުކުރާ ގައުމުތަކުގެ ތެރެއިން އިންޑިއާ، ސްރީލަންކާ ފަދަ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް ”އިމަރޖެންސީ ޕާސްޕޯޓު“ ދޫކުރުމަށް ވެސް މިހާރު ވާނީ ނިންމާފައެވެ.
އިމަރޖެންސީ ޕާސްޕޯޓަކީ ވެސް އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކާ އެއްގޮތް، އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ މެޝިން ރީޑަބަލް އަށް ސަފްޙާގެ ޕާސްޕޯޓެކެވެ. ”އިމަރޖެންސީ ޕާސްޕޯޓު“ ގެ ހިދުމަތަކީ ވެސް އެއްވެސް ފީ އަކާ ނުލައި ފޯރުކޮށްދެވޭނެ ހިދުމަތެކެވެ.
އިމިގްރޭޝަނުން ބުނީ ”ޕާސްޕޯޓު ބުކްލެޓް“ ފޯރުކޮށްދޭ ކުންފުންޏަކީ ފާއިތުވެދިއަ 10 އަހަރުވެސް އެ ތަކެތި ފޯރުކޮށްދިނުމުގައި އެއްވެސް މައްސަލައެއް ދިމާވެފައިނުވާ ކުންފުންޏެއް ކަމަށެވެ. ދިވެހި ޕާސްޕޯޓު ދޫކުރުމުގައި ބައެއް ބަދަލުތައް ގެނެވުނު ނަމަވެސް، އެއްވެސް ދިވެހިރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އިމިގްރޭޝަނުން ވަނީ ދީފަ އެވެ.

