މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.
އަލީ ހައިޝަމަކީ ރައީސް ނަޝީދު އަވަހާރަކޮށްލުމުގެ ގޮތުން މެއި ހަ ވަނަ ދުވަހު ދިން ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކު ކަމަށް ދައުލަތުން ތުހުމަތުކުރާ މީހެކެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިޔުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއެވެ.
އެ ތިން ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 14:00 އަށެވެ. ހައިޝަމްގެ މައްސަލަ މީގެ ކުރިން މި މަހު ދެ ފަހަރު ތާވަލުކޮށްފައިވެއެވެ.
އޭނާގެ އިތުރުން، އެ މައްސަލައާ ގުޅިގެން ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ، ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީގެ މައްސަލަ ވެސް މާދަމާ ހެނދުނު 9:00 އަށް ވަނީ ތާވަލުކޮށްފައެވެ.
މި މައްސަލައިގައި ދައުލަތުން ތުހުމަތުކޮށްފައިވާ އެހެން މީހުންނަކީ:
- ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދު
- ކ. މާލެ، ކުދެހިގެ، އިސްހާގު
- އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމް
- ހއ. މުޅަދޫ، ބަހާރުގެ، އަބްދުﷲ އަލި މަނިކު
- ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް
- މއ. ފޭރުގެ، މުޖާޒު އަހުމަދު
ރައީސް ނަޝީދަށް ހަމަލާދޭން އައިއީޑީ ގޮއްވާލި އަދުހަމް އަޙްމަދު ރަޝީދު ވަނީ ކުށަށް އިއުތިރާފުވެ ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދައިފައެވެ. އޭނާ ޖަލަށް ލާފައިވަނީ 23 އަހަރުގެ މުއްދަތަކަށެވެ.
އަބްދުﷲ އަލިމަނިކުގެ މައްޗަށް ކުރި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ވަނީ އިއްވައިފައެވެ. ނަމަވެސް، ހަމަލާ ރޭވުމުގައި އެންމެ އިސް މީހާ ކަމަށް ދައުލަތުން ބުނި ތަސްލީމްގެ މައްޗަށް ކުށް ސާބިތެއް ނުވެއެވެ.
ފަނޑިޔާރުންު ބަދަލުވުމާއި އެކި އިދާރީ ލަސްތަކުގެ ސަބަބުން މި މައްސަލައިގައި ޝަރީއަތް ކުރިއަށް ނުދާތީ އެކަމުގެ ކަންބޮޑުވުން މީގެ ކުރިން ވެސް ރައީސް ނަޝީދުގެ ފަރާތުން ފާޅުކޮށްފައިރު، އެ ހަމަލާ ދިނުމަށް ޚަރަދު ކުރި މީހުންނާ ގުޅުންހުރި ތަހުގީގުތައް އަވަސްކޮށް، ވީ އެންމެ އަވަހަކަށް ހުށަހެޅުމަށް ފުލުހުންނަށް ޕީޖީ އޮފީހުން ވަނީ މިި އަހަރުގެ އޭޕްރިލް މަހު އަންގައިފައެވެ.
މަޖިލީހުގެ ރައީސަކަށް ހުންނެވި ނަޝީދު އަވަހާރަކޮށްލަން ހަމަލާދިނީ މެއި 6، 2021 ވަނަ ދުވަހު އެމަނިކުފާނުގެ އާއިލީ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ވަޑައިގަންނަވަނިކޮށް، އެ މަގުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެންނެވެ.

