އައިއީޑީއެއް ގޮވާލައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިޒަމް ހަމަލާގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންނާއި ދެކޮޅަށް ދައުލަތުން ހުށަހެޅި ގިނަ ހެކިތައް ޝަރީއަތުން ސިއްރުކޮށްދީފި އެވެ.
ހަމަލާގެ މައްސަލައިގެ ބާވަތުން ދައުލަތުން ވަނީ ހެލި ރައްކާތެރިކޮށް ދިނުމުގެ އަމުރަކަށް އެދިފަ އެވެ. އެކަމާއި މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ނިންމެވީ ދައުލަތުން އެދުނު ގޮތަށް އަމުރު ނެރެދިނުމަށެވެ. އެއީ ޖުމްލަ 22 ހެއްކެކެވެ.
ދައުލަތުން ސިއްރުކޮށްދޭން އެދިފައި ވަނީ ސިއްރު ހެކިންގެ ބަޔާންތަކާއި، ތަހުގީގަށް ދީފައި ހުރި އިންޓަވިއުތަކުގެ އިތުރުން އައިޑެންޓިފައި ފޮޓޯ ސެޓުތަކެއްގެ އިތުރުން ގައުމީ ދިފާއީ ބާރުގެ ހަ އޮފިސަރެއްގެ ހެކި ބަހެވެ. އޭގެ ސަބަބެއްކަމަށް ދައުލަތުން ބުނީ ހެކީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ހެކީގެ އަސްލު އޮޅުވާލުމުގެ ފުރުސަތު އޮތުމެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާ ހުރި މައުލޫމާތުތަކެއް ލީކުވެ، މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން ބޭނުން ކުރާ ބައެއް އުކުޅުތައް ހާމަވުން ވަނީ ފާހަގަކޮށްފަ އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކި ބަސް އަނަނަ މަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ޝަރީއަތުން ވިދާޅުވި އެވެ. ގާޒީ އިއުލާނު ކުރެއްވި މައްސަލައިގެ ޝަރީއަތުގެ ތާވަލުގައިވާ ގޮތުން ހެކި ބަސް ނެގުން ކުރިޔަށް ގެންދާނީ ޖޫން މަހުގެ 09، 12 އަދި 13 ގަ އެވެ.
ކްރިމިނަލް ކޯޓުގައި މިވަގުތު މައްސަލަ ކުރިޔަށް ދާ ހަމީހުންގެ ތެރޭގައި ހިމެނެނީ ތަހުމީން އަހުމަދާއި، ފަހުމީ އަލީ، އަދި މުޖާޒް އަހުމަދުގެ އިތުރުން އަލީ ހައިޝަމާއި މުހައްމަދު ނާޒިމްގެ އިތުރުން އިސްހާގު އަލީ އެވެ. މި މައްސަލަ ކުރިޔަށް ގެންދަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ގާޒީ ސޮފްއަތު ހަބީބާއި، ޒާޒީ މުހައްމަދު މިސްބާހެވެ. ރިޔާސަތު ބަލަހައްޓަވަނީ ގާޒީ އާދަމް މުހައްމަދެވެ.
ހަމަލާގެ މައްސަލައިގައި ދައުވާ އުފުލި މީހުންގެ ތެރެއިން ހުކުމެއް އައި ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލި އަދުހަމް އަހުމަދު ރަޝީދަށެވެ. އޭނައަކީ ހަރުކަށި ފިކުރަށް ނިސްބަތްވާ، ރައީސް ނަޝީދާއި ބެދު ނުބައި ރުޅިވެރިކަމެއް ހުރި މީހެއްކަމަށް ތަހުގީގުތަކުން ހާމަވި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.

