ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެހިކަލް ފީ ކަނޑާލިޔަސް މިސްކިތްތައް ބެލެހެއްޓޭނެ، ސިޓީ ކައުންސިލުން އުޅެނީ އޮޅުވާލަން: ސައީދު

އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީ ކައުންސިލަށް ލިބެމުން ދިޔަ ވެހިކަލް ފީ ކަނޑާލިޔަސް މާލޭގެ މިސްކިތްތައް ބެލެހެއްޓޭނެ ކަމަށާއި ސިޓީ ކައުންސިލުން އުޅެނީ އޮޅުވާލަން ކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނާ ގުޅިގެން، މާލޭގެ މަގުތައް ބެލެހެއްޓުމުގެ ޒިންމާ 2029 ގެ ނިޔަލަށް ސިޓީ ކައުންސިލްގެ އަތުން ވަކިކޮށް އަލަށް އުފައްދާ ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސްއާ އެ މަސައްކަތްތައް ހަވާލުކުރާއިރު، މީގެ ކުރިން ލިބެމުން އައި ވެހިކަލް ފީ އާއި ރަޖިސްޓްރޭޝަން ފީ ދެން ޖަމާވާނީ ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓާ ފަންޑަކަށެވެ.

އެކަމާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، މާލޭ ސަރަހައްދުގެ ވެހިކަލް ފީ އާއި ރަޖިސްޓްރޭޝަން ފީ އެއްކޮށްލުމުން، އަހަރަކު ގާތްގަނޑަކަށް 220 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އަދި އެއީ ފަސް އަހަރުން އެއް ބިލިއަން ރުފިޔާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ ފައިސާ ޓްރާންސްޕޯޓް މިނިސްޓްރީގެ ފަންޑަކަށް ޖަމާވާ ގޮތަށް ގާނޫނު ބަދަލުކުރުމުން، ރައްޔިތުންގެ އެ ފައިސާ ކެނޑިގެން ސުވާލު އުފައްދަފާނެ ހުރިހާ ވާހަކަތަކެއް މާލޭގެ މޭޔަރު އާދަމް އާޒިމް ދެއްކެވި ކަމަށް ސައީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސިޓީ ކައުންސިލުން މަސައްކަތް ކުރަންވީ ވާހަކަތައް ”ސްޕިންކުރުން“ ނުވަތަ އޮޅުވާލުމުގެ ބަދަލުގައި މައްސަލަތައް ހައްލުކުރަން ކަމަށެވެ.

އެގޮތުން އެ ފައިސާ ކެނޑުމުން މިސްކިތްތައް ބެލެހެއްޓޭނެތޯ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދާ ސުވާލުކުރެއްވި ކަމަށާއި، އިސްލާމިކް މިނިސްޓްރީގައި ހުރި ފައިސާއިން ވެސް މިސްކިތްތައް ބެލެހެއްޓޭނެކަމުގެ ޔަގީންކަން ޑރ. ޝަހީމް ދެއްވި ކަމަށް ސައީދު ވިދާޅުވިއެވެ. އަދި މިހާރަށް ވުރެ މާ ރަނގަޅަށް ބެލެހެއްޓޭނެ ކަމަށް ޑރ. ޝަހީމް ވިދާޅުވި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ކާރިސާގެ ހާލަތްތަކުގައި އެ ފައިސާ ބޭނުންކުރާކަން އާޒިމް ފާހަގަކުރައްވާފައިވާއިރު، ސައީދު ވިދާޅުވީ، އެންޑީއެމްއޭގެ ވެސް ފެން ހިއްކުމަށް ނުވަތަ އެހެނިހެން ކާރިސާތަކަށް ބޭނުންވާ ފަންޑު ހުންނާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މާލޭ ސަރަހައްދުން ލިބެމުން އައި ވެހިކަލް ފީ އެހެން ކަންކަމަށް ބޭނުންކުރުމުގެ ބަދަލުގައި ދެން ބޭނުންކުރާނީ ޓްރެފިކް މައްސަލަ ހައްލުކުރުމަށެވެ.

”އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ޕޮއިންޓަކީ 200 މިލިއަން ރުފިޔާ މަދުވެގެން އެ ލިބޭ މިކަމަށް މާލެއަށް އެކަނި. އެހެންވީމަ މި ގާނޫނުން އެ ފަންޑު އެއީ ސީދާ ޓްރެފިކް މައްސަލަ ހައްލުކުރުމަށް އެކަށައެޅޭ ފަންޑަކަށް މި ހެދީ. މިހާރު އޮތް ގޮތުން އެ ފަންޑު ބޭނުންކުރެވޭނެ އެހެން ގޮތެއް ނޯންނާނެ ކަމަށް މި ގާނޫނު ފާސްވެގެން އައިމަވެސް ގާނޫނީ ބޭފުޅުން ވިދާޅުވި،“

އާ ބަދަލާއެކު، އެ ފައިސާއިން ޓްރެފިކް ލައިޓުތައް ޖެހޭނެ ކަމަށާއި، ކަންކަންމަތީގައި ރޮނގު ދަމައި ޕާކްކުރުން މަނާކުރެވޭނެ ކަމަށާއި، ޕާކްކުރެވޭނެ ޒޯނުތައް ވެސް ކަނޑައެޅިގެންދާނެ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން، އެ ފައިސާ ޕާކިން ބިލްޑިން އަޅަން ވެސް ހަރަދުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލަށް ލިބެމުން އައި ގިނަ އަދަދެއްގެ ފައިސާ ގެއްލޭ ގޮތަށް ގާނޫނު ބަދަލުކުރުމާ ގުޅިގެން މޭޔަރު އާޒިމް ވިދާޅުވެފައިވަނީ ރައްޔިތުން އެ ކައުންސިލް އިންތިހާބުކުރީ ހިދުމަތް ހޯދުމަށް ކަމަށާއި، ސަރުކާރުން ގާނޫނުތައް ބަދަލުކޮށްގެން ހުރަސްއަޅަނީ ކައުންސިލުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ހުއްޓުވުމަށް ކަމަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި ވެހިކަލް ފީގެ ގޮތުގައި ލިބުނު ފައިސާއަކީ މާލޭގެ މަގުތައް މަރާމާތުކުރުމާއި، މިސްކިތްތައް ބެލެހެއްޓުމާއި، ވިއްސާރަވެ ފެންބޮޑުވާ ހާލަތްތަކުގައި ފެން ހިންދުމަށާއި، ޑިޒާސްޓަރ ފަދަ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރި ފައިސާއެވެ. އަދި މަގުމަތި ކުނިކަހައި ސާފުކޮށް ބެލެހެއްޓުން ފަދަ އިޖުތިމާއީ އެތައް ހިދުމަތްތަކަކަށް ވެސް އެ ފައިސާ ބޭނުންކުރި ކަމަށް ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: