ދިރާގުގެ ހިއްސާދާރުންގެ ޑިވިޑެންޑް ޓެކުހުގެ ގަވާއިދުތަކާ އެއްގޮތަށް ދޫކުރަން ހިއްސާދާރުންގެ ’ޓެކްސް ރެޒިޑެންސީ ސްޓޭޓަސް‘ (ޓެކްސް ދައްކަންޖެހޭ ގައުމު)ގެ މައުލޫމާތު ރަނގަޅުތޯ ބެލުމަށް ފަހު، އެ މައުލޫމާތު އަޕްޑޭޓްކުރަން އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު ގެ 55ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ރާއްޖޭގެ ޓެކްސް ރެޒިޑެންޓުން ނޫން ފަރާތްތަކަށް ދޭ ފައިދާއިން 10 ޕަސެންޓުގެ ރޭޓުން ’ނޮން-ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް‘ އުނިކުރަންޖެހެއެވެ.
އަދި ފައިދާ ދޫކުރާ ވަގުތު އެއީ ރާއްޖޭގެ ޓެކްސް ރެޒިޑެންޓެއްކަން ކުންފުންޏަށް ކަށަވަރު ނުކުރެވޭ ނަމަ، އެ ގާނޫނުގެ 55 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ދައްކަންޖެހޭ ޓެކްސް އުނިކުރުމަށް ކުންފުންޏަށް ލާޒިމުކުރެއެވެ.
އެހެންވެ، ޓެކްސް ރެޒިޑެންސީ މައުލޫމާތު އަޕްޑޭޓްކުރަން ބޭނުންވާ ހިއްސާދާރުން، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޕޯޓަލް މެދުވެރިކޮށް، ނުވަތަ، ’ޝެއާހޯލްޑާ އިންފޮމޭޝަން ފޯމު‘ ފުރިހަމަކުރުމަށްފަހު investor-relations@dhiraagu.com.mv އަށް އީމެއިލް ކުރަން އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

